ތައިލެންޑާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
03 ޖުލައި 2022 - 12:19
މެލޭޝިއާގައި އިއްޔެ ފެށި ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުގައި ހަތް ވިކެޓުން ތައިލެންޑުގެ މައްޗަށް ކުރި ހޯދައިފި އެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ތައިލެންޑުން ގަސްދުކުރީ ބެޓު ކުރާށެވެ. ތައިލެންޑަށް 19.3 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ އުކުންތެރިޔާ ލީމް ޝަފީގް ވަނީ ތިން ވިކެޓު ނަގައިފަ އެވެ. މީގެ އިތުރުން ޓީމުގެ ވައިސް ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) އަދި އިބްރާހިމް ރިޒާން، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ރާއްޖޭން ކުޅެން އަރައި ވަނީ، 15.4 އޯވަރުން 82 ލަނޑު ހަމަކޮށް މެޗު ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭގެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، ނުބައި ނުވެ 33 ބޯޅައިން 38 ލަނޑު ހަމަކުރި މުހައްމަދު ރިޝްވާން އެވެ. ރިޝްވާން ވަނީ ހަތަރު ބޯޅަ ހަތަރަކަށް ޖަހައި، ދެ ބޯޅަ ހަޔަކަށް ޖަހައިފަ އެވެ. އަދި މުހައްމަދު އައްޒާމް ނުބައި ނުވެ، 27 ބޯޅައިން 17 ރަން ހެދި އެވެ.
ތައިލެންޑާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
ސީރީޒްގެ ފުރަތަމަ މެޗުގައި އިއްޔެ ބޫޓާން ވަނީ، މުބާރާތް ހޯސްޓުކުރާ މެލޭޝިއާ އަތުން 155 ލަނޑުން ބަލި ވެފަ އެވެ.
މުބާރާތުގައި ވާދަކުރާ ހަތަރު ޓީމު ވެސް ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅެން ވަނީ ހަމަޖެހިފަ އެވެ. އަދި މެޗްތަކަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއްގެ މެޗުގައި ކުޅޭ ފައިނަލް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
މެލޭޝިއާގައި 2018 ވަނަ އަހަރު ތިން ގައުމެއްގެ މެދުގައި ބޭއްވި ޓްރައި ނޭޝަން ސީރީޒްގައި ރާއްޖޭގެ ޓީމް ވަނީ ދެވަނަ ހޯދައިފަ އެވެ. އެފަހަރު ތައިލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ފަހު މެޗު ކާމިޔާބު ނުކުރެވުނެވެ.
ރާއްޖޭން ވަނީ މިއަހަރުގެ މި ސީރީޒް އަށް ތައްޔާރުވާން ސްރީ ލަންކާގައި ކޭމްޕުކޮށް، ވާދަވެރި ގިނަ މެޗުތަކެއް ކުޅެފަ އެވެ. ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy