ބުރު ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗުގައި ލަނޑެއް ޖެހުމަށްފަހު.-- ފޮޓޯ: ބުރު ސްޕޯޓްސް
03 އޯގަސްޓް 2022 - 00:20
ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެން، ބުރު ސްޕޯޓްސް ކުލަބް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކުލަބުން ޖެހި ހަމައެކަނި ލަނޑު، 25 ވަނަ މިނިޓުގައި ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު ބްރޫނޯ އަރާބެލް ޕަސެމާނީ އެވެ.
ބުރު ސްޕޯޓްސް ކްލަބް ވަނީ، އަށް ޓީމު ހިމެނޭ ގުރޫޕް އޭގައި އެޓީމަށް ބާކީ އެއް މެޗު އޮއްވައި މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދައިފަ އެވެ. ބުރު ސްޕޯޓްސް ކުލަބު ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ކުލަބް ޕީކޭއާ ދެކޮޅަށެވެ.
ގުރޫޕްގެ ދެވަނައިގައި އޮތް ކުޑަ ހެންވޭރު ޔުނައިޓެޑާއި، ތިންވަނައިގައި އޮތް ކްލަބް ޕީކޭ އަށް ފަސް މެޗު ކުޅެގެން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.
ބުރު ސްޕޯޓްސް އަތުން ބަލިވުމާ އެކު ސިފައިންގެ ކުލަބް އޮތީ ކުޅުނު ފަސް މެޗުން ހޯދި ހަ ޕޮއިންޓާ އެކު ގުރޫޕުގެ ހަވަނައިގަ އެވެ. ހަތްވަނައިގައި އޮތް ބިސްބުރު ސްޕޯޓްސް ކުލަބަށް ވެސް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައި ވާއިރު، ހަތަރު ވަނައިގައި އޮތް ޖޭޖޭ ސްޕޯޓްސް ކުލަބާއި ފަސްވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކުލަބުން ވަނީ ހަތަރު މެޗު ކުޅެގެން ހަ ޕޮއިންޓް ހޯދައިފަ އެވެ.
ގުރޫޕްގެ އެންމެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ. ކެޕިޓަލް ސިޓީ ވަނީ ގަލޮޅު ދަނޑުގައި މިރޭ ކްލަބް ޕީކޭއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން ބަލިވެފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފް ކްލަބް ޕީކޭ ނިންމާލީ، 36 ވަނަ މިނިޓުގައި އަލީ މުނާޒް ޖަހައިދިން ގޯލުން ކުރި ހޯދައިގެންނެވެ. މެޗުގެ 66 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާ އެވެ. އަދި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އަރައި، މެޗުގެ 86 ވަނަ މިނިޓުގައި ތިންވަނަ ލަނޑު ޖަހައިދިނީ ހުސެއިން އިރުފާން އަލީ އެވެ.
ގަލޮޅު ދަނޑުގައި މާދަމާ ވެސް ވަނީ މި ގުރޫޕުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފަ އެވެ. ހަވީރު ކުޅޭ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ޖޭޖޭ ސްޕޯޓްސް ކުލަބް ބައްދަލު ކުރާއިރު، މާދަމާރޭގެ މެޗުގައި ބައްދަލުކުރާނީ ޓެންޓް ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy