ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ފުރިހަމަ ރެކޯޑަކާ އެކު ބުރު ސްޕޯޓްސް ގުރޫޕް ސްޓޭޖް ނިންމާލައިފި

ބުރު ސްޕޯޓްސް އަށް އިއްޔެގެ މެޗުގައި ދެ ލަނޑު ޖަހައިދިން ޖުމްބެ، ޕީކޭގެ އަހުމަދު ގިތުރީސް ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: އެފްއޭއެމް

ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކްލަބް ޕީކޭއާ ވާދަކޮށް 4-0 އިން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު ބުރު ސްޕޯޓްސް ކުލަބް ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަން ކާމިޔާބުކުރި ބުރު ސްޕޯޓްސް އަކީ މިހާތަނަށް މިއަހަރުގެ މުބާރާތުގެ ސެމީ އިން ޖާގަ ހޯދާފައިވާ ހަމައެކަނި ކްލަބެވެ. އަންހެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އާފިއު މުހައްމަދު ހާމިދުގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި، އަށް ޓީމު ހިމެނޭ ގުރޫޕް އޭގެ އެއްވަނަ ޔަގީން ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސް ކުލަބުން ތިން ލަނޑު ޖެހި އެވެ. ތިން ލަނޑު ވެސް ޖެހީ މީގެ ކުރިން ކްލަބް އީގަލްސް އިން ފުރަތަމަ ޑިވިޝަނުގައި ފާހަގަވި ޖުމެއިލް ޖަމީލް (ޖުމްބެ) އާއި އިބްރާހިމް މުބީން އަހުމަދު (މުއްކި) އެވެ. ޖުމެއިލް ވަނީ އޭގެ ތެރެއިން ދެ ލަނޑު ޖަހައިފަ އެވެ.

ކްލަބް ޕީކޭއާ ދެކޮޅަށް ބުރު ސްޕޯޓްސް އިން ނެރުނު ފުރަތަމަ 11. -- ފޮޓޯ: އެފްއޭއެމް

މެޗުގެ 23 ވަނަ މިނިޓުގައި ޖުމެއިލް، އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައި ވަނިކޮށް، 32 ވަނަ މިނިޓުގައި ލީޑް ފުޅާ ކޮށްދިނީ މުބީން އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ޖުމެއިލް ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ފަހު ހާފު ފެށިގެން ތިން ވަނަ މިނިޓުގައި ބުރު ސްޕޯޓްސްގެ ހަތަރުވަނަ ލަނޑު ޖަހައިދިީ އައިމަން ނަޒީރެވެ.

މި ނަތީޖާއާ އެކު ބުރު ސްޕޯޓްސް ވަނީ ކުޅުނު ހަތް މެޗުން ފުރިހަމަ 21 ޕޮއިންޓް ހަމަކޮށްފަ އެވެ. އެ ޓީމުން ގުރޫޕް ސްޓޭޖުގައި 23 ލަނޑު ޖަހާފައި ވާއިރު، ބައިކޮޅަށް ވަދެފައި ވަނީ ދެ ލަނޑެވެ.

ދެ ވަނައިގައި އޮތް ކުޑަހެންވޭރު ޔުނައިޓެޑާއި، ތިން ވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކުލަބަށް ވެސް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ކުޑަހެންވޭރު ދެވަނައިގައި އޮތީ ޓެންޓަށް ވުރެ ފައިދާ ގޯލު ގިނަވީމަ އެވެ.

ކުޑަހެންވޭރުން މިހާތަނަށް 22 ގޯލު ޖަހައިފައި ވާއިރު، ބައިކޮޅަށް ވަނީ ހަތް ގޯލު ވަދެފަ އެވެ. ޓެންޓް ސްޕޯޓްސް ކޮޅަށް މިހާތަނަށް ހަތަރު ގޯލު ވަދެފައި ވާއިރު، ކާމިޔާބު ކުރެވުނީ 14 ގޯލެވެ.

ބުރު ސްޕޯޓްސް އަތުން މޮޅު ވެގެން ޕީކޭ އަށް ވެސް 12 ޕޮއިންޓް ހަމަކުރެވެން އޮތް ނަމަވެސް، އެ ޓީމު ހަތަރު ވަނައިގައި އޮތީ ހަ މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު އެވެ.

ޖޭޖޭ ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބް އަދި ބިސްބުރު ސްޕޯޓްސް ކުލަބަށް ވެސް ހަ ޕޮއިންޓް ލިބިފަ އެވެ. ޖޭޖޭ އާއި ސިފައިންނަށް ގުރޫޕުގައި ބާކީ ދެ މެޗު އޮތްއިރު، ބިސްބުރަށް އޮތީ އެންމެ މެޗެކެވެ. އެންމެ ފުލުގައި އޮތީ ހަތް މެޗުން ވެސް ޕޮއިންޓެއް ނުލިބި އޮތް ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބެވެ.

ކެޕިޓަލް ސިޓީ ފަހު މެޗަށް ވެސް ހާޒިރެއް ނުވި

މި ގުރޫޕުގައި ހިމެނޭ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކުލަބް ރޭ ގަލޮޅު ދަނޑުގައި ކުޅެން އޮތް ނަމަވެސް، ކެޕިޓަލް ސިޓީ އިން ދަނޑަށް ހާޒިރު ނުވުމާ އެކު އެ މެޗުން ޓެންޓް ސްޕޯޓްސް ކުލަބް 2-0 ގެ ނަތީޖާއަކުން މޮޅުވީ ކަމަށް ވަނީ ނިންމައިފަ އެވެ.

މިއީ މުޅިން އަލަށް މި އަހަރު ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކެޕިޓަލް ސިޓީ އިން މެޗަށް ހާޒިރު ނުވެގެން އިދިކޮޅު ޓީމަށް މެޗު ލިބުނު ދެވަނަ ފަހަރެވެ. މުބާރާތުގައި އެ ޓީމު ކުޅެން އޮތް އެންމެ ފުރަތަމަ މެޗަށް ޓީމުގެ އޮފިޝަލުން ހާޒިރު ނުވެގެން އެ މެޗު ވެސް ލިބުނީ އިދިކޮޅުން ކުޅެން ތައްޔާރަށް ތިބި ސިފައިންނަށެވެ.

ގުރޫޕް ސްޓޭޖުގައި މިއަދު ހަވީރު، ކުޑަހެންވޭރުގެ ފަހު މެޗުގައި ބިސްބުރާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި މިރޭގެ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި ޖޭޖޭ އެވެ.

އޭގެ ފަހުން މި ގުރޫޕުގެ ފަހު ދެ މެޗު ކުޅޭނީ ބުދަ ދުވަހު އެވެ. އެއީ، ޖުލައި 26 ވަނަ ދުވަހު، މެޗު އޮފިޝަލުން ނުލިބިގެން ފަސްކުރި ދެ މެޗެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗުގައި ޕީކޭ އާއި ސިފައިން ބައްދަލުކުރާ އިރު، ރޭގަނޑު ކުޅޭ މެޗުގައި ޓެންޓުން ނުކުންނާނީ، ޖޭޖޭއާ ދެކޮޅަށެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454