ކުޅިވަރު

ބަލިވިއަސް ފްރާންސް ރެލިގޭޝަނުން ސަލާމަތް ވެއްޖެ، ކްރޮއޭޝިއާ ސެމީއަށް

މެޗަށް ފަހު މާޔޫސް މަކާ އެކު ފްރާންސްގެ ތަރި އެމްބާޕޭ ދަނޑުން ފައިބަނީ.-- ފޮޓޯ: އޭއެފްޕީ

ކޯޕަންހޭގަން (ސެޕްޓެމްބަރު 26) - ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކުޅުނު ފަހު މެޗުގައި ޑެންމާކް އަތުން 2-0 އިން ބަލިވި ނަމަވެސް ރެލިގޭޝަނުން ސަލާމަތް ވިއިރު، އޮސްޓްރިއާ 3-1 އިން ބަލިކޮށް ކްރޮއޭޝިއާ އިން މުބާރާތުގެ ފައިނަލް ބުރުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ވެސް، މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ފްރާންސަށް ވަނީ ފައިނަލް ބުރުގެ ޖާގަ ގެއްލިފަ އެވެ. ނަމަވެސް އަމިއްލަ ބާރުގައި ރެލިގޭޝަނުން ސަލާމަތްވާން ރޭގެ މެޗުން ނަތީޖާއެއް ނެރުން ފްރާންސަށް އޮތީ މުހިއްމު ވެފަ އެވެ. ބަލިވި ނަމަވެސް ފުލުގައި އޮތް އޮސްޓްރިއާ އަށް މޮޅު ނުވެވުމުގެ ސަބަބުން ފްރާންސް ސަލާމަތް ވީ އެވެ.

މިދިޔަ ސީޒަނުގައި 'ލީގު ބީ' ގައި ހިމެނުނު ގުރޫޕުގެ އެއް ވަނަ ހޯދައިގެން 'ލީގު އޭ' އަށް ޕްރޮމޯޓްވި އޮސްޓްރިއާ އަށް، ކުޅުނު ހަ މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ފްރާންސް ތިންވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. އޮސްޓްރިއާ އާއި ފްރާންސް ވެސް ލީގުގައި މޮޅުވީ އެންމެ މެޗަކުންނެވެ.

ޑެންމާކުގެ ދެވަނަ ލަނޑަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ޑެންމާކުން ފްރާންސް ބަލިކުރީ 2-0 އިންނެވެ. އަމިއްލަ ދަނޑުގައި ކުޅެ ޑެންމާކުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

ޑެންމާކުން ލީޑު ނެގި ލަނޑު 33 ވަނަ މިނިޓުގައި ޖެހީ ކްސްޕާ ޑޮލްބާގެވެ. އޭނާ މި ލަނޑު ޖެހީ މިކެލް ޑެމްސްގާޑް ނެގި ހުރަހަކުންނެވެ. އޭގެ ކުރިން އަންޑްރެއަސް ސްކޯވް އޮލްސެން ހުސްކޮށް އަރައި ފޮނުވާލި ނުރައްކާތެރި ހަމަލާ، ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ގޯލްކީޕަރު އަލްފޯންސޭ އަރިއޯލާ ދިފާއު ކުރި އެވެ.

ޑޮލްބާގުގެ ލަނޑުން ލީޑު ނެގިތާ ފަސް މިނިޓު ފަހުން ކޯނަރެއްގައި، ތޯމަސް ޑިލެނީގެ އެހީގައި ލީޑު ފުޅާ ކޮށްދިނީ އޮލްސެން އެވެ.

ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މެޗުގައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

މޮޑްރިޗް (ވ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޑެންމާކުން މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހަމަކުރި ނަމަވެސް، ކްރޮއޭޝިއާ އިން ވަނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގެ ފަހު ހާފުގައި ޖެހި ލަނޑުތަކުން 3-1 އިން އޮސްޓްރިއާ ބަލިކޮށް 13 ޕޮއިންޓް ހޯދައި އެއް ވަނަ ހޯދައިފަ އެވެ.

ލޫކާ މޮޑްރިޗް، މެޗުގެ ހަ ވަނަ މިނިޓުގައި ކްރޮއޭޝިއާ އަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ތިން މިނިޓު ފަހުން މިޑްފީލްޑަރު ކްރިސްޓޯފް ބޯމްގާޓްނާ ވަނީ އޮސްޓްރިއާ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މެޗުގައި ކްރޮއޭޝިއާ އިން ދެވަނަ ފަހަރަށް ލީޑު ނެގީ 69 ވަނަ މިނިޓުގައި މާކޯ ލިވާޔާ ޖަހައިދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ މިހާރު ރަޝިއާ ލީގުގައި ކުޅޭ ޑިފެންޑަރު ޑިޔާން ލޮވްރެން އެވެ.

އޮސްޓްރިއާގެ ކޯޗުކަން ލިބުމާ އެކު މި ސީޒަނުގައި މެންޗެސްޓަ ޔުނައިޓެޑުގެ އެޑްވައިޒަރީ މަގާމު ދޫކޮށްލި ރަލްފް ރަންގްނިކާ އެކު އޮސްޓްރިއާ އިން ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބަލިކުރި ނަމަވެސް، ދެން އެ ޓީމަށް ޕޮއިންޓެއް ހޯދުނީ އަމިއްލަ ދަނޑުގައި ފްރާންސާ ދެކޮޅަށް ކުޅެ އެއްވަރު ކޮށްގެންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454