ޕެރިސް (ސެޕްޓެމްބަރު 28) - ޓީއުނީޝިއާ އާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ދަނޑުގައި ތިބި ސަޕޯޓަރުން ބްރެޒިލްގެ ކުޅުންތެރިންނަށް އަމާޒުކޮށް ދެންކެޔޮ އުކައިފި އެވެ.

ކަޅު ނަސްލުގެ ބްރެޒިލްގެ ކުޅުންތެރިންނާ ދެކޮޅަށް ދެންކެޔޮ އުކުރުމަކީ ޔޫރަޕްގައި ދޭތެރެދޭތެރެއިން ކުރާ ކަމެކެވެ. އެކަން ކުރަނީ އެ ކުޅުންތެރިންނާ، ނަސްލީގޮތުން ދިމާ ކުރުމަށެވެ.

ވޯލްޑް ކަޕުގެ ކުރިން ބްރެޒިލް ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި ރޭ ފްރާންސްގެ ޕެރިހުގައި ޓިއުނީޝިއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 5-1 ންނެވެ. ބްރެޒިލަށް ލަނޑު ޖަހައި ދިނުމަށް ފަހު ރިޝާލިސަން އުފާފާޅު ކުރަން ހުއްޓައި ދަނޑުގެ ސަޕޯޓަރުންގެ ތެރެއިން މީހަކު އޭނާ އާ ދިމާލަށް ދޮންކެޔޮވަކެއް އެއްލާފަ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށްފަ އެވެ. އެ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑީ ރޮޑިރިގޭޒް ވިދާޅުވީ އެކަހަލަ އަމަލުތަކަށް ދޭން ޖެހޭ އަދަބު ބޮޑު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ބްރެޒިލްގެ ކުޅުންތެރިންނަށް އަމާޒުކޮށް ރޭ ހިނގި ކަންކަމުގެ ސަބަބުން އޭނާ އަށް ލިބުނީ ޝޮކެއް ކަމަށެވެ.

ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސް ބާސެލޯނާގައި 2013 ގައި ކުޅުނު މެޗެއްގެ ތެރެއިން، ކޯނަރު ނަގަން ދިއުމުން ދަނޑުގެ ސަޕޯޓަރުންގެ ފަޅިން ވަނީ އޭނާ އާ ދިމާލަށް ދޮންކެޔޮވަކެއް އެއްލާފަ އެވެ. އެ ދެންކެޔޮވައް ނެގުމަށް ފަހު ސަޕޯޓަރުންގެ ކުރިމަތީ އޭނާ ދޮންކެޔޮވަށް ކައިލީ އެވެ.

ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝިއުސް ޖޫނިއާ، ދާދި ފަހުން ރެއާލް މެޑްރިޑްގައި ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން ނަޝާތީ އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން އޭނާ އާ ސޯޝަލް މީޑިއާގައި ދިމާ ކުރި އެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ކުޅުންތެރިން ވަނީ އުފާފާޅު ކުރުމުގެ ގޮތުން ނަށާފަ އެވެ.