25 ނޮވެމްބަރ 2022 - 02:58
ލުސެއިލް (ނޮވެމްބަރު 25) - ރިޗާލިސަން ޖަހައިދިން ދެ ގޯލާ އެކު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލުން މި އަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ސާބިއާ ބަލިކޮށްފި އެވެ.
މިރޭގެ މެޗު ޑޮމިނޭޓްކޮށްގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ބޭކާރުކޮށްލީ ސާބިއާގެ ގޯލްކީޕަރާއި ޑިފެންޑަރުންނެވެ.
ބްރެޒިލް ލީޑު ނެގި ލަނޑު ރިޗާލިސަން ޖެހީ 62 ވަނަ މިނެޓުގަ އެވެ. އޭނާ މި ލަނޑު ޖެހީ ނޭމާ ތަނަވަސްކުރި ފުރުސަތެއްގައި ވިނީޝިއަސް ޖޫނިއާ ފޮނުވާލި ހަމަލާ ގޯލްކީޕަރު ވަންޔާ މިލިންކޮވިޗް ސަވިޗް ދިފާއު ކުރި ވަގުތު ރީބައުންސް ވެފައި އައި ބޯޅައިންނެވެ.
އޭގެ 11 މިނިޓް ފަހުން ލީޑު ފުޅާކުރަން ރިޗާލިސަން ޖެހި ގޯލަކީ ތާރީހުގެ ތެރެއަށް ވަދެގެން ދާފަދަ މޮޅު ގޯލެކެވެ. ވިނީޝިއަސް ދިން ބޯޅަ ރިޗާލިސަން ވައިގެ ތެރޭ ކޮންޓްރޯލް ކޮށްލުމަށް ފަހު ވޮލީ އަކުން ބޯޅަ ގޯލަށް ވައްދާލީ ބިމުގައި ނުޖައްސަ އެވެ.
މިއީ އުމުރުން 25 އަހަރުގެ ރިޗާލިސަން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. ވޯލްޑް ކަޕް ގައި ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ގޯލާ އެކު އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 39 މެޗު ކުޅެދީ، 19 ގޯލު ޖަހައިފަ އެވެ.
އޭގެ ފަހުން ބްރެޒިލްގެ ކަސެމީރޯ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވި އެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ފްރެޑް ފޮނުވާލި ނުރައްކަތެރި ހަމަލާ ދިފާއު ކުރީ ކީޕަރު މިލިންކޮވިޗް ސަވިޗް އެވެ. ބްރެޒިލް އިން ލީޑު ނެގުމުގެ ކުރިން އަލެކްސް އަންޑްރޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ވެސް ޖެހުނީ ދަނޑީގަ އެވެ.
ނޭމާ އާއި ރަފީނިއާ ވެސް ކުޅުނު މި މެޗުގައި ފަހުން ގެބްރިއެލް ޖީސުސް، ގެބްރިއެލް މާޓިނެއްލީ، އެންޓޮނީ އަދި ރޮޑްރިގޯ ވެސް އެރުވި އެވެ.
ނޭމާ ގެ ފައިގެ ކުޑަ ހުޅަށް އަނިޔާ ވެގެން ފަހު ހާފުގައި އޭނާ ވަނީ ބަދަލު ކޮށްފަ. ސާބިއާގެ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ނޭމާ އަށް ނުވަ ފައުލް ކުރި އެވެ.
ބްރެޒިލް ހިމެނޭ ގުރޫޕް ޖީ ގައި ދެން ހިމެނޭ ސްވިޒަލެންޑާއި ކެމަރޫން ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ސްވިޒަލެންޑެވެ އަދި މިއާ އެކު މިވަނީ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ކުޅޭ 32 ޓީމަށް ވެސް ފުރަތަމަ މެޗު ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިވާބުރޯ
25 November 2022
ސާބަހޭ ބުރެޒިލް