ފިރިހެނުންގެ ވޯލްޑް ކަޕުގެ މެޗަކަށް އިންސާފުކުރާ ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ފްރާންސްގެ ސްޓެފަނީ ފްރަޕާޓް އަށް މާދަމާރޭ ލިބޭނެ އެވެ.

އޭނާ ރެފްރީކަންކުރާނީ، މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ޖަރުމަނާއި ކޮސްޓާ ރިކާ ބައްދަލުކުރާ މެޗުގަ އެވެ.

ގަތަރުގައި ކުރިއަށްދާ މުބާރާތަށް ފީފާ އިިން ނެގި 36 ރެފްރީންގެ ތެރޭގައި ފްރަޕާޓްގެ އިތުރުން އަންހެން ދެ ރެފްރީން ހިމެނެ އެވެ. އެއީ ރުވާންޑާގެ ސަލީމާ މުކަންސަންގްނާ އާއި ޖަޕާނުގެ ޔޮޝިމީ ޔަމަޝިޓާ އެވެ. އަދި އެސިސްޓަންޓް ރެފްރީންގެ ގޮތުގައި އިތުރު ތިން އަންހެނުން ހިމެނެ އެވެ.

އުމުރުން 38 އަހަރުގެ ފްރަޕާޓް އަކީ، ފްރާންސް ލީގުގައި ރެފްރީކަންކުރި ފުރަތަމަ އަންހެން ރެފްރީ ވެސް މެ އެވެ. އެ ޝަރަފް ހޯދި 2019 ވަނަ އަހަރު އޭނާ ވަނީ އަންހެނުންގެ ވޯލްޑް ކަޕުގައި ވެސް ރެފްރީކަންކޮށްފަ އެވެ.

ފްރަޕާޓް ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕް ފައިނަލް މެޗާއި 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި މިދިޔަ ސީޒަނުގެ ފްރެންޗް ކަޕުގެ ފައިނަލުގައި ވެސް އޮފިޝަލްކަންކޮށްފަ އެވެ.