ރެއާލް މެޑްރިޑްގެ ލެޖެންޑް، މާސެލޯ ވިއޭރާގެ ދަރިފުޅު އެންޒޯ އަލްވޭސް، އެ ކުލަބާ އެކު ފުރަތަމަ ފަހަރަށް ކޮންޓްރެކްޓުގައި ސޮއި ކޮށްފި އެވެ.

އުމުރުން 13 އަހަރުގެ އެންޒޯ އަކީ 2017 ވަނަ އަހަރުން ފެށިގެން ރެއާލްގެ އެކަޑަމީގައި ތަމްރީނު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

ބައްޕަ މާސެލޯ އަކީ ވާތްފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް، އެންޒޯ އަކީ ރެއާލް މެޑްރިޑްގެ 14 އަހަރުން ދަށުގެ ޓީމަށް ކުޅޭ އުންމީދީ ސްޓައިކަރެކެވެ.

"އަހަރެންގެ ފުރަތަމަ ކޮންޓްރެކްޓް، ދުނިޔޭގެ އެންމެ މޮޅު ކުލަބާ އެކު. ވަރަށް އުފާ ވެއްޖެ،" އެންޒޯ ގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައި ވެއެވެ.

އެންޒޯ އަކީ ބައްޕަ މާސެލޯ އުފެއްދި ފުޓުބޯޅަ އެޖެންސީ އެއް ކަމަށްވާ ގްރޫޕް ޑޯޒް ތަމްސީލު ކުރާ ކުޅުންތެރިއެކެވެ.

މާސެލޯ ވަނީ ރެއާލަށް 15 އަހަރު ކުޅުމަށް ފަހު މިދިޔަ ހޫނު މޫސުމުގައި އެ ކްލަބް ދޫކޮށް ގްރީސްގެ އޮލިމްޕިއާކޯސް އަށް ބަދަލު ވެފަ އެވެ.

ރެއާލްގައި އެންމެ ގިނަ ތަށި ހޯދި އެއް ކުޅުންތެރިޔަކީ މާސެލޯ އެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން ވަނީ އެ ކްލަބްގައި 25 ތަށި ހޯދައިފަ އެވެ. އޭގެތެރޭގައި ލަ ލީގާގެ ހަ ޓްރޮފީ އާއި ޔޫއެފާ ޗެމްޕިިއަންސް ލީގު ފަސް ޓްރޮފީ ހިމެނެ އެވެ. އުމުރުން 34 އަހަރުގައި މާސެލޯ ރެއާލް ދޫކޮށްލީ އެންމެ ފަހު ސީޒަންގައި ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ގްރީސް ގައި މާސެލޯ އަށް އޭނާގެ އަސްލު ފެންވަރާ ގާތަށް ވެސް އަދި ކުޅުމެއް ނުދެއްކެ އެވެ. ލީގުގައި މިހާތަނަށް އޭނާ އަދި ކުޅުނީ ބަދަލު ކުލުންތެރިއެއް ގޮތުގައި ދެ މެޗެއްގަ އެވެ. އަދި ޔޫރޮޕާ ލީގުގައި ވެސް ތިން މެޗެއްގައި ވެސް ކުޅެން އެރީ ބެންޗުންނެވެ.