ލެގޫންސްގެ ލަންކާ ފޯވާޑް ޒަރުވާން (ކ)، އަދި މަސްއޮޑި ސްޕޯޓްސްގެ ކެޕްޓަން އަބްދުﷲ މުއާޒް (ވ).-- ފޮޓޯ: އެފްއޭއެމް
11 ޑިސެމްބަރ 2022 - 11:55
އެފްއޭއެމް އެއް ނަމްބަރު ޓާފް ގައި ކުރިއަށްދާ މި އަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގެ ފައިނަލް ގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރި ލެގޫންސް ސްޕޯޓްސް ކުލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާނެ އެވެ.
ފައިނަލްގެ ޖާގައާ އެކު ލެގޫންސް އަދި މަސްއޮޑި ސްޕޯޓްސް އަށް ވެސް މިވަނީ އަންނަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުން ޖާގަ ލިބިފަ އެވެ.
ލެގޫންސް ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި، ރޮކް ސްޓްރީޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.
ސެމީ ފައިނަލް މެޗުގައި ޓީމަށް ހިތްވަރުދޭން ދަނޑަށް ދިޔަ ލެގޫންސްގެ ސަޕޯޓަރުން.-- ފޮޓޯ: އެފްއޭއެމް
ނިއު ރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަހުމަދު މުހައްމަދުގެ ކޯޗު ކަމުގައި ކުޅުނު ލެގޫންސް އިން ވަނީ މެޗުގެ ފަސްވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ލީޑު ހޯދައިދިން ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ޝިފާން މުހައްމަދު ނަޒީރެވެ. އަދި 39 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ އެޓީމަށް ކޫޅޭ ސްރީ ލަންކާ ގައުމީ ޓީމުގެ ފޯވާޑް ޖޯހަރު މުހައްމަދު ޒަރުވާން އެވެ.
ދެވަނަ ހާފު ފެށިގެން 15 ވަނަ މިނިޓުގައި ލެގޫންސްގެ ތިންވަނަ ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޝިފާން އެވެ. އެޓީމުގެ ހަތަރުވަނަ ލަނޑޫ، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މުހައްމަދު ފާރިޝް އާދަމް އެވެ.
ރޮކް ސްޓްރީޓްސް މި އަހަރު ވެސް ނުކުތީ، ކޯޗު ފަރުހާދު އިސްމާއިލް (ފަރޭ) ގެ އިރުޝާދުގެ ދަށުންނެވެ. އެ ޓީމަކީ 2018 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ކާމިޔާބު ކުރި ޓީމެވެ. އެ އަހަރު ޗެމްޕިއަންކަން ނެގީ ވެސް، ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ފަރޭ ގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް އޭގެ ފަހުން ދެވަނަ ޑިވިޝަންގައި ވެސް ވާދަ ނުކުރުމުގެ ސަބަބުން އަނެއްކާ ވެސް ތިންވަނަ ޑިވިޝަނުން ފަށަން ޖެހުނީ އެވެ.
ސެމީ ފައިނަލް މެޗުގައި ލެގޫންސް އިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލެގޫންސް ވަނީ ގުރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ގުރޫޕް އޭ ގައި އެންމެ ފުރަތަމަ ތުޅާދޫ އެވެންޗާސް ސްޕޯޓްސް ވެސް ބަލިކުރީ ފަސޭހަ ކަމާއެކު 4-0 އިންނެވެ. ދެވަނަ މެޗުގައި 3-0 އިން ވިޔަންސާ ބަލިކޮށް، ފަހު މެޗުގައި މޯލްޑިވް ސޮކާ މޭޓްސް (އެމްއެސްއެމް) ބަލިކުރީ 6-0 އިންނެވެ. އަދި އެޓީމު ސެމީ އަށް ދަތުރު ކުރީ 4-1 އިން ސްޕޯޓްސް ކްލަބް ހޮސްކޯވޯ ބަލިކޮށްފަ އެވެ.
ފައިނަލްގެ ފަހު ޖާގަ މަސްއޮޑި ސްޕޯޓްސް ހޯދީ، ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު 1-0 އިން ސެންޓް ސްޕޯޓްސް ކުލަބް ބަލިކޮށްފަ އެވެ.
މެޗުގައި މަސްއޮޑި ސްޕޯޓްސް އިން ޖެހި ހަމައެކަނި ލަނޑު 50 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކުރިން އެއްވަނަ ޑިވިޝަން ގައި ކުޅުނު އަބްދުﷲ މުއާޒް (އޮޓޯ) އެވެ.
ސެމީ ފައިނަލް މެޗުގައި މަސްއޮޑި ސްޕޯޓްސްގެ ޑިފެންޑަރު އަހުމަދު އައްސަދު، ސެންޓް ސްޕޯޓްސް ޓީމުގެ ބިދޭސީ ފޯވާޑް އަލާބީ ދާއޫދަށް ބޯޅަ ލިބުމުގެ ކުރިން ކްލިއާ ކޮށްލަނީ.-- ފޮޓޯ: އެފްއޭއެމް
ކުއާޓާ ފައިނަލްގެ މެޗު ވެސް މަސްއޮޑި ސްޕޯޓްސް ކާމިޔާބު ކުރީ ހަމަ މި ނަތީޖާއިންނެވެ. ކުއާޓާ ގައި އެޓީމު ވާދަކުރީ ހުޅުމާލެ ޔޫތު ކުލަބާ ދެކޮޅަށެވެ.
ފުރަތަމަ ޑީވިޝަންގެ ތަޖުރިބާކާރު ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) ގެ އިރުޝާދުގެ ދަށުން ކުޅޭ މަސްއޮޑި ސްޕޯޓްސް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމު ވާދަކުރި ގުރޫޕް ޑީ ގައި އެންމެ ފުރަތަމަ 4-0 އިން އިންވިކްޓޯ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު، ދެން ވަނީ ހަމަ މި ނަތީޖާއިން ޔޫއެން ފްރެންޑްސް ބަލިކޮށްފަ އެވެ. އެއަށް ފަހު އަނާކީ ސްޕޯޓްސް ކްލަބް ބަލިކުރީ 4-2 އިންނެވެ.
ގުރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ފަހު މެޗުގައި ކުޅުނީ، 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ. ނަމަވެސް 19 އަހަރުން ދަށުގެ ޓީމަކީ ތަޖުރިބާ ހޯދަން މި މުބާރާތުގައި ކުޅޭ ޓީމަކަށް ވުމާ އެކު، އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ނަތީޖާއެއް ނުގުނަ އެވެ.
ޓާފް ދަނޑުގައި ތިންވަނަ ޑިވިޝަން މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 9 ޖަހާއިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާގޭނގުތަކާދެކޮޅު
13 December 2022
މަސްއޮޑިޔަކީ ދިވެހިރާއްޖޭގަ އޮތް އެންމެ ނުރަށްކާތެރި އެތްގޭނގު މި މީހުން ނަމުގަ ނިކުމެ ކުޅިވަރުތަކާ އެތްޗެހި ކުޅެވެނީ ކީއްވެތޯ؟؟؟؟ ކީއްވެކަން ރައީތުންނަށް ހާމަކޮށްދީ
މަ ބުނީ
11 December 2022
ގޭންގު ތަކަށް ނިސްބަތްކޮށް ކުޅިވަރު ކުލަބުތަށް އުފެއްދުމާއި ކުރިއެރުވުން އެއީ މުޖުތަމަޢު ވީރާނާކުރުމަކަށް ނުފުދޭ ތޯ އޭ!!