ފެނާންޑޯ ސަންޓޯސް: މިއަދު ޕޮލެންޑްގެ ކޯޗު ކަމާ އޭނާ ހަވާލުވާނެ --- ފޮޓޯ: އޭޕީ
24 ޖެނުއަރީ 2023 - 12:08
ވާސޯ (ޖެނުއަރީ 24) - ވޯލްޑް ކަޕުގައި ނާކާމިޔާބު ވުމުން ޕޯޗުގަލްގެ ކޯޗުކަމުން ވަކިކުރި ފެނާންޑޯ ސަންޓޯސް، ޕޮލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވެއްޖެ އެވެ.
ޕޮލެންޑްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ އަހަރު އެ ޓީމަށް އިރުޝާދު ދިން ޗެޒްލާވް މިޝެނިއެވިޗްގެ ކޮންޓްރެކްޓް ޑިސްމެބަރު 31 ގައި ހަމަވުމުންނެވެ.
ޕޮލެންޑް އެފްއޭގެ ރައިސް ސެޒާރީ ކުލެސްޒާ އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އާ ކޯޗު އިއުލާން ކުރުމަށް ބާއްވާ ޕްރެސް ކޮންފަރެންސް މިއަދު އޮންނާނެ ކަމަށެވެ. އެ ޓްވީޓްގައި އޭނާ ވަނީ އޭނާ އާއި ސަންޓޯސްގެ ފޮޓޯއެއް އެޓޭޗް ކުރައްވައިފަ އެވެ.
އޭގެ ފަހުން ޕޮލެންޑްގެ ސްޕޯޓްސް މިނިސްޓަރު ކާމިލް ބޯޓްނިޗުކް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ސަންޓޯސް އަށް މަރުހަބާ ވިދާޅުވެފަ އެވެ.
"ފެނާންޑޯ ސަންޓޯސް އަކީ ކާމިޔާބު ހޯދައިފައިވާ މޮޅު ކޯޗެއް. މަޝްހޫރު ވަރުގަދަ ތަރިންނާއެކު މަސައްކަތް ކޮށްފައިވުމުން އޭނާގެ ތަޖުރިބާ ބޮޑު ވާނެ،" ބޯޓްނިޗުކް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ގްރީސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް 2014 ގެ ދެވަނަ ބުރަށް ދަތުރުކުރުމުން ޕޯޗްގަލްގެ ކޯޗަކަށް އެ އަހަރު އޭނާ ހަމަޖެއްސި އެވެ. އަދި އޭގެ ދެ އަހަރު ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައި ދިނެވެ. އަދި ޔޫއެފާ ނޭޝަން ލީގުގެ ފުރަތަމަ މުބާރާތް 2019 ގައި ޕޯޗުގަލް އަށް ކާމިޔާބުކޮށް ދިނެވެ.
އެކަމަކު ވޯލްޑް ކަޕުގައި އޭނާގެ ނަތީޖާތައް ދަށެވެ. ރަޝިއާގައި 2018 ގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ޕޯޗުގަލް ގެންގޮސް ދިނެވެ. މިދިޔަ މަހު ނިމުނު ވޯލްޑް ކަޕުގައި އޭނާ އަށް ޕޯޗުގަލް ގެންގޮސް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy