އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި 10 މެޗު ހަމަވަންދެން ގުރައިދޫ ޓީމު ކުޅެން ޖެހޭނީ އެ ޓީމުގެ ސަޕޯޓަރުންނާ ނުލައި.
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީ ފައިނަލުގައި ކަލާފާން ސްކޫލާ ދެކޮޅަށް ކުޅެން ގުރައިދޫ ސްކޫލްގެ ކުޅުންތެރިން ދަނޑަށް ނުކުންނަނީ: އެ މެޗަށް ފަހު ހަމަނުޖެހުން ހިންގުމުން އެ ޓީމާ ދެކޮޅަށް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައިފަ --- ފޮޓޯ: އެފްއޭއެމް
08 ފެބުރުއަރީ 2023 - 18:25
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފުރަތަމަ ސެމީ ފައިނަލުގައި ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލު ކުރި މެޗަށް ފަހު ހަމަނުޖެހުން ހިންގި ގުރައިދޫ ސްކޫލްގެ މުޅި ޓީމު އެއް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.
އެ މެޗުގައި ހޯމަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން މައްސަލަ ބެލުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި، އެ އެސޯސިއޭޝަނުން ބުނީ އެ މެޗަށް ގުރައިދޫ ސްކޫލުން ރަޖިސްޓްރީ ކުރި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ފެށިގެން އެއް އަހަރު ދުވަހަށް އެފްއޭއެމުން ރާވައި ހިންގާ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެ ކަމަށެވެ.
ގުރައިދޫ ސްކޫލުގެ ޓީމުން ހިންގި އެ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެ ތިބި އެ ޓީމުގެ ސަޕޯޓަރުން ވެސް މެޗުގެ ރެފްރީންނަށް ހަމަލާ ދީފައިވާތީ ސަޕޯޓަރުންނަށް ވެސް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އެފްއޭއެމްގެ މުބާރާތެއްގައި އެ ސްކޫލުގެ ޓީމަކުން ދެން ކުޅޭ 10 މެޗުގައި އެ ޓީމުގެ ސަޕޯޓަރުންނަށް ނުވަދެވޭނެ ގޮތަށް ވެސް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
ހަމަނުޖެހުމުގައި އަމަލީ ގޮތުން ބައިވެރިވި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ވެސް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ގުރައިދޫ ސްކޫލް ޓީމުގެ ޖޯޒީ ނަންބަރު 7، ޖޯޒީ ނަންބަރު 8 އަދި ޖޯޒީ ނަންބަރު 10 ގައި ކުޅުނު ކުދިން ދެ އަހަރު ވަންދެން އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެ ގޮތަށް ވެސް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން ހަމަނުޖެހުން ހިންގަނީ
އެ މެޗުގެ ރެފްރީ އާ މެދު ހިތްހަމަނުޖެހި، މެޗު ނިމުނު ފަހުން ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގި އެވެ.
ގުރައިދޫ ސްކޫލް ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީއާ ދިމާކޮށްލުމާ އެކު ޓީމުގެ ބެންޗުގައި ތިބި ބައެއް އޮފިޝަލުންނާއި ކުޅިބަލަން ތިބި ބެލެނިވެރިންގެ ބައެއް ވަނީ ދަނޑަށް އަރައި ރެފްރީ ފަހައި ދުވެފަ އެވެ.
ހަމަލާ އަމާޒުވި ރެފްރީ ދުވެފައި، ރެފްރީސް ރޫމާ ހަމައަށް ދެވުނީ ދަނޑުމަތީގައި މާރާމާރީ ހުއްޓުވަން މަސައްކަތް ކުރި ބައެއްގެ އެހީތެރިކަމާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމްފުޅޫ
10 February 2023
އަސްލު ސަސްޕެންޑް ކުރަންވީ ފެއިލްވެފައިވާ އެޑިޔުކޭޝަން މިނިސްޓަރ، ސިސްޓަމް ފެއިލްވެ އަދަބެއް ސަދަބެއް އަޚްލާޤެއް ދަސްނުވެ ޖީލަކަށްފަހު ޖީލެއް މިއޮއްގެން ހަލާކުވަނީ
ހިޔާލެއް
09 February 2023
އަހަންނަށް ފެނޭ މިއަހަރުގެ ސީޒަންގެ މެޗްތަކަށް ހުރިހާ ރެފްރީން އެކައްޗެއް ކިޔާފައި ނުދިއުމަށް. އެފްއޭއެމްގެ ގަވާއިދުތަކާއި މުބާރާތްތަކުގެ ގަވާއިދުތައް އިސްލާހުކޮށް ރެފްރީންނަށް އެވަރުގެ ހިމާޔަތެއް ދެވެންދެން.
އިންޓްރެސްޓިން
09 February 2023
މައުލޫމާތު ހޯދާލިބިގަތުގެ ގޮތުން ކޮންމެވެސް މީހަކު މިހާރު ބަލާލަންވެއްޖެ ރެފްރީންނާއި ބެހިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ކިތައް މައްސަލަ ހުށަހެޅިފަވޭތޯ އާއި އޭގެތެރެއިން ކިތައް މައްސަލަ ބަލާ ފިޔަވަޅު އަޅާފައިވޭތޯ. އަދި އެފްއޭ އިން އިސްނަގައިގެން އެފަދަ ކިތައް މައްސަލަ ބަލާފައިވޭތޯ.
އެވެރިން
09 February 2023
ހަމަ ތިހެން މިތާގެ ޓޮޕް ލީގުގައި ނުވަތަ ދެވަނަ އާއި ތިން ވަނަ ޑިވިޝަންގައި ކުޅޭ ކްލަބަކަށް، ކުޅުންތެރިއަކަށް ނުވަތަ އޭގެ ޓީމެއްގެ އޮފިޝަލަކަށް ފިޔަވަޅުއަޅަން އެފްއޭއެމްއަށް ކެރޭނެބާ؟ ތިކަންތައް ފެށިގެން އައި ހިސާބަކީ އެއީ.
އައިމިން
09 February 2023
ބަރާބަރު
އިސްމާޢީލް ހަސަން
09 February 2023
އަދަބު މާ ކުޑަ. ދަރިވަރުން މިކަމުގައި އުޅުނީތީ އަދަބު ވަކިން ބޮޑުވާންޖެހޭނެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެސް ޖެހޭނެ ގުރައިދޫ ސްކޫލުގެ ޕްރިންސިޕަލް މަޤާމުން ދުރުކުރަން. ފުލުހުން ޖެހޭނެ މާރާމާރީ ހިންގީތީ އެކަން ބަލަން. އެފް އޭ އެމް ޖެހޭނެ މަދުވަގެން 5 އަހަރުގެ ފިޔަވަޅެއް އަޅަން. އާންުމުކޮށް ދިވެހި އެންމެހައި ރައްޔިތުންގެ ކިބައިން ގުރައިދޫ ކައުންސިލުން ޖެހޭނެ މާފަށް އެދެން.
ހެލޯބޯއި
09 February 2023
މަރާމާރީ ހިންގި މީހުންނަށް ޖިނާއީ ފިޔަވަޅު އަޅަން ޖެހޭނެ
ގުރައިދޫ
09 February 2023
ގުރައިދޫ މަރުކަޒުގެ އަސަރު ކޮށްފަހެން ހީވަނީ
ސަންޕަދަރި
09 February 2023
މިވަރުގެ ކަންކަމުގަ ފިޔަވަޅުއަޅަން ޖެހޭނެ މެނޭޖްމަންޓާ އެއްކޮށް, އެހެންވީމަ ގުރައިދޫ ސްކޫލަށް 1 އަހަރުވަންދެން އެއްވެސް މުބާރާތެއްގަ ބައިވެރިވެވިގެން ނުވާނެ. މާދަމާ ފަށާނެ އަންޑަރ15, ޓީމް ގޮވައިގެން ނިކުންނާނީ ހަމަ އެ މެނޭޖްމަންޓް.
އަސްލު ބުނަން
09 February 2023
ކުދިންގެ ހާދަ އަޚްލާޤޫ ދަށޭ. މީ ހަމައެކަނި ގުރައިދޫން ފެންނަ މަންޒަރެއް ނޫނޭ. ކުދިން ކޮންމެ ގޮތަކަށް އުޅުނަސް ޓީޗަރަށް އަނިޔާ ކުރިއަސް އެލޭ ފިޔަވަޅެއް ނޯވޭ. ޙައްޤަކީ ހަަމައެކަނި އެންމެ ބައެއްގެ އެއްޗެއް ނޫން. ކުދިންނަށް ރީތި އަޚްލާޤެއް ދަސްކޮށްދިނުމުގެ ބަދަކުގައި ކުދިން ވަނީ ހަލާކު މިހާރު ކުދިންނަށް އެއްވެސް ކަހަލަ އަދަބެއް ނުދޭތީ. ހާދަ ދެރަ ކަންތަކޭ. ކުޅުމުގެ ޑިސިޕްލިން. ދިރިއުޅުމުގެ ޑިސިޕްލިން. މިހާރު ނުހުރޭ