ސަރުކާރުން އެއްވެސް ކުޅިވަރެއް ތަފާތުނުކުރުމަކީ، ސިޔާސަތެއް ނެތުން ކަމަށް ވިދާޅުވެ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަށް، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ސްޕޯޓްސް އެވޯޑްސް ހަފުލާގައި މަހުލޫފު ވިދާޅުވީ އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް މި ރާއްޖޭގައި ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ މަޖިލިސް މެމްބަރު އާޒިމް ވިދާޅުވީ، އެއްވެސް ކުޅިވަރެއް ބާކީކޮށްލަން އޭނާ ވެސް ތާއީދުނުކުރާ ކަމަށާއި އެކަމަކު ސަރުކާރުން އެހީތެރިވާން ޖެހޭނީ، ރާއްޖޭގައި މަގުބޫލު، އެންމެ ގިނަ މީހުން ކުޅޭ އަދި ކުރިއެރުމުގެ ފުރުސަތު އޮތް ކުޅިވަރުތައް ބަލައިގެން، އެކި ކުޅިވަރަށް އެކި ވަރަށް ކަމަށެވެ.

އާޒިމް ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭރުގެ ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން، ޖަރުމަނުގެ ތަޖުރިބާކާރެއް ގެނެސް ސިޔާސަތެއް އެކުލަވާލި ކަމަށާއި އޭގައި ވެސް ލަފާ ދިނީ އެގޮތަށް އެކަން ކުރަން ކަމަށެވެ.

އޭރު މިނިސްޓްރީގައި މަސައްކަތްކުރެއްވި އާޒިމް ވިދާޅުވީ، އެ ސިޔާސަތުގައި ބުނަނީ ރާއްޖެ ކަހަލަ އާބާދީ އާއި ބިން ކުޑަ، ވަސީލަތްތައް މަދު އަދި ފައިސާގެ ގޮތުން ދަށުގައި އޮތް ގައުމަކުން ހޭދަކޮށް އަޅާލާން ޖެހޭނީ، އެ ކުޅިވަރަކުން ރާއްޖެ އަށް ކާމިޔާބު ލިބުމުގެ ފުރުސަތު އޮތް މިންވަރަށް ބަލައިގެން ކަމަށެވެ.

"މީހަކު ހަމަ އެސޯސިއޭޝަނެއް ހަދައިގެން އަންނައިރަށް، އެ މީހަކަށް ފައިސާ ދޫކޮށް، ތަންތަން ހަދައިދީނީމާ، އެ ގެއްލެނީ، ރާއްޖެ އަށް ކާމިޔާބު ހޯދައިދެވޭނެ އަދި ރާއްޖޭގައި ގިނަ ބަޔަކު ކުޅޭ އަދި ރާއްޖޭގައި މަގުބޫލުކަން އޮތް ކުޅިވަރަކަށް ލިބެން ޖެހޭ ފުރުސަތެއް،" އާޒިމް ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ވ) ރައީސް ސޯލިހުއާ ސަލާމްކުރައްވަނީ. --މިހާރު ފައިލް ފޮޓޯ
ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ވ) ރައީސް ސޯލިހުއާ ސަލާމްކުރައްވަނީ. --މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވީ ހަގީގީ މާނައިގައި ހަމަހަމަވުމަކީ، އެ ކުޅިވަރެއްގެ ގާބިލްކަމަށް ބަލައިގެން ސަރުކާރުން އެހީވުން ކަމަށެވެ.

"މިސާލަކަށް ވޮލީބޯޅައިން ނުވަތަ ޓޭބަލް ޓެނިހުން ރާއްޖެ އަށް ބޮޑު ކުރިއެރުމެއް ހޯދުމުގެ ފުރުސަތު އޮތިއްޔާ، އެ ކުޅިވަރަށް އެބަޖެހޭ އިތުރު ސަމާލުކަމެއް ދޭން. އަދި އިތުރު ހަރަދުތަކެއް ކުރަން،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގައި އޮތް ސަރުކާރާ ދެކޮޅު ފެކްޝަނުގައި ހިމެނޭ އާޒިމް ވިދާޅުވީ، ސަރުކާރުގެ ކުޅިވަރުގެ އެ ސިޔާސަތުން ވެސް ފެންނަނީ ސަރުކާރުން އުމްރާނީ ތަރައްގީގައި ގެންގުޅޭ ދޯހަޅި ސިޔާސަތު ކަމަށެވެ. އެގޮތުން ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލާ ހޭދަކުރުމުން، ގިނަ ބަޔަކަށް ލިބެން ޖެހޭ މުހިއްމު ހިދުމަތްތައް ނުލިބި ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެ ކުޅިވަރެއް ކުޅޭނޭ ބިމެއް ދިނީމޭ، ފައިސާ ދިނީމޭ ބުނަން ވެގެން، އަންނަހާ އެންމެންނަށް އެކަންކަން ކޮށްދިނީމާ އެއީ ތާކުން ތާކު ނުޖެހުން،" އާޒިމް ވިދާޅުވި އެވެ.

"ޓެކްސް ޕޭޔަރުންގެ ފައިސާ ހަރަދުކުރަން ޖެހޭނީ ވަކި އުސޫލަކުން."

އޭނާ ވިދާޅުވީ އެއްވެސް ކުޅިވަރެއް ތަފާތުނުކުރާ ކަމަށް މިނިސްޓަރު ފަހުރުވެރިކަމާ އެކު ވިދާޅުވި ނަމަވެސް ހަގީގަތުގައި އޭގެން ދައްކުވައިދެނީ ސަރުކާރުގެ ޕްލޭނެއް ނެތްކަމާއި ވިސްނުމެއް ނެތް ކަމާއި ސިޔާސަތެއް ނެތްކަން މަމަށެވެ.

"އެންމެ ގިނަ މީހުން ކުޅޭ، އެންމެ ގިނަ ބަޔަކު ތަރުހީބުދޭ، ރާއްޖޭގައި ކުރިއަށް ދެވިދާނޭ ކުޅިވަރުތައް ދެނެގަނެ އެމަގުން ކުރިއަށްދާން އެގެންވާނެ،" އޭނާ ވިދާޅުވި އެވެ.