ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އަދި ކޯޓުތަކުން ކުޅިވަރު ތެރެއަށް ވަންނަ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ވިދާޅުވެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކަތަކަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ރައްދުދެއްވައިފި އެވެ.
މަހުލޫފު އެގޮތަށް ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަ ކޯޓަށް ވެއްދުމުން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބައިނަލްއަގްވާމީ ޓީޓީ ޖަމިއްޔާއާ އިން ބުނުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ދާދި ފަހުން އާޒިމް އިސްވެ ހުންނަވައި އެފްއޭއެމްގެ މައްސަލައެއް މަޖިލީހަށް ވެއްދުމުން ފީފާ އިން ވެސް ވަނީ ސަސްޕެންޝަނުގެ އިންޒާރެއް ދީފަ އެވެ.
އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑްކޮށްފާނެއޭ ކިޔައިގެން ގާނޫނާ، ގަވާއިދާ އެއްގޮތަށް ނޫޅޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު ނާޅާ ނަމަ މި ހިންގަނީ ދައުލަތެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"މި އުސޫލުން ބަލާނަމަ، ފޭރުމާ، ވައްކަން ވެސް އޯކޭ ދެއްތޯ،" އާޒިމް ވިދާޅުވި އެވެ.
ޓީޓީ އިންތިހާބާ ގުޅޭ މައްސަލައެއް، ކޯޓަށް ހުށަހެޅުއްވީ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ ތޯހާ ސަލީމްގެ ޓީމުގައި ހިމެނޭ ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެވެ. މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް ވަކާލާތު ކުރެއްވި މައްސަލައިގައި އެ ފަރާތުން އެދުނީ އިންތިހާބު ހުއްޓުވައިދޭން ވަގުތީ އަމުރެއް ނެރެދޭށެވެ. އެކަމަކު ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ބުނެފަ އެވެ. އެއާ އެކު މިއަދު ޓީޓީ އިންތިހާބު އޮންނާނެ އެވެ. ތޯހާއާ ވާދަކުރައްވަނީ މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.
އަލިބެ ބުނީ ކޯޓަށް މައްސަލަ ހުށަހެޅީ، އިންތިހާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިހާބަކަށް ހަދައިދިނުމަށް އެދި ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހާ ފަރާތްތަކަށް ހުށަހެޅުމުން އެކަށީގެންވާ ގޮތެއްގައި އެކަންކޮށްދޭން އެތަންތަން އުޒުރުވެރިވެ ދޮރުތައް ބަންދުވުމުން ކަމަށެވެ.
މަހުލޫފު މަގާމާ ހަވާލުވެވަޑައިގެން، އެފްއޭއެމްގެ މައްސަލައެއް ބަލަން ކޮމިޓީއެއް ނެގުމާ އެކު އޭއެފްސީން ވަނީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަމަ ފުޓްބޯޅަ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ފަހުން މަހުލޫފު ވަނީ އެ މަސައްކަތް ހުއްޓާލައްވައިފަ އެވެ.
ފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާޒިމް މަޖިލީހަށް ހުށަހެޅުއްވީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
އެކަން ކޮޅެއްގައި ނުޖެހެނީސް، އެފްއޭއެމްގެ އިންތިހާބު ވަނީ ބާއްވައިފަ އެވެ. އަދި ފީފާ އާއި އޭއެފްސީ އަދި ރާއްޖޭގެ ސްޕޯޓްސް ކައުންސިލުން އެ އިންތިހާބު ބަލައިގަތުމާ އެކު އެ މައްސަލަ ވަނީ ހިހޫވީ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު އާޒިމް މިއަދު މިނިސްޓަރަށް ދެއްވި ރައްދާ އެކު އެ މައްސަލަ އަލުން ނަގާފާނެ ކަމަށް ބެލެވެ އެވެ.
އާޒިމް އޭރު ވިދާޅުވީ އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާގެ ބޭނުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށާއި މައްސަލައަކީ ގާނޫނުގައިވާ ގޮތަށް އެފްއޭއެމްއާ މެދު ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަރު ފިޔަވަޅު އަޅާފައި ނެތުން ކަމަށެވެ.