ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބީޗް ޗެލެންޖާސް ސީރީސްގެ ނަމުގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތް މިރޭ ފަށާނެ އެވެ.
ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނަށް ވެސް 2x2 އާއި 4x4 ބައި އޮންނާނެ އެވެ.
ބީޗް ޗެލެންޖާސް ސީރީސްގައި ފުރަތަމަ އޮންނާނީ، ސީރީސް 1 އެވެ. ސީރީސް 2 އަށް ކޮލިފައި ވާނީ ސީރީސް 1 ގެ ގަދަ 16 ޓީމެވެ. އަދި ސީރީސް 2 ގެ ގަދަ 8 ޓީމަށް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުން ފުރުސަތު ލިބޭނެ އެވެ.
ހުޅުމާލޭގެ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައި ބާއްވާ މުބާރާތުގައި، 2x2 އާ ހިލާފަށް 4x4 އަކީ 35 އަހަރުން މަތީގެ ވެޓެރަންސް އަށް ހާއްސަ ބައެކެވެ. އެ ބައިގައި ވާދަކުރާ ކޮންމެ ޓީމެއްގައި ވެސް 45 އަހަރުން މަތީގެ، މަދުވެގެން އެއް ކުޅުންތެރިއަކު ހިމެނޭނެ އެވެ. ކުޅޭއިރު ކޯޓު މަތީގައި ވެސް 45 އަހަރުން މަތީގެ ކުޅުންތެރިއަކު އަބަދުހެން ހުރުން ލާޒިމެވެ.
މުބާރާތުގެ 2x2 ބައިގެ އަންހެން ޑިވިޝަންގައި 14 ޕެއާ އެއް ބައިވެރި ވެފައިވާއިރު، ފިރިހެން ޑިވިޝަންގައި 20 ޕެއާ އެއް ވާދަކުރެ އެވެ.
މިރޭ އަންހެން ހަތަރު މެޗާއި ފިރިހެން ހަތަރު މެޗު ކުޅޭނެ އެވެ.
ވެޓެރަންސް އަށް ހާއްސަކޮށް ބާއްވާ 4x4 ގެ އަންހެން ޑިވިޝަންގައި ތިން ޓީމެއް އަދި ފިރިހެން ޑިވިޝަންގައި ހަތަރު ޓީމެއް ވަނީ ބައިވެރި ވެފަ އެވެ.
ޖުމުލަ 10 ދުވަހުގެ މުއްދަތަށް ބާއްވާ ސީރީޒްގެ ފައިނަލް މެޗުތައް ތާވަލް އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރެ އެވެ.
ބީޗް ޗެލެންޖާސް ސީރީޒް އަށް ފަހު ޓީމްތައް ރޭންކްކޮށް، ގަދަ އަށް ޓީމާ އެކު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް ތާވަލް ކޮށްފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހަށެވެ.