ކުޅިވަރު / ގައުމީ އަންހެން ވޮލީބޯޅަ ޓީމް

ތައިލެންޑް ކޯޗަކާއެކު އަންހެން ވޮލީ ޓީމު ކާވާ މުބާރާތަށް ތައްޔާރުވަނީ

އަންހެން ގައުމީ ވޮލީބޯޅަ ޓީމްގެ އާ ކޯޗު ވިޗީޕޮން.--

އަންނަ މަހުގެ 22 އިން 28 އަށް ނޭޕާލްގެ ކަތަމަންޑޫގައި ބާއްވަން ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕުގައި ވާދަކުރަން، ގައުމީ ވޮލީބޯޅަ ޓީމު ތައިލެންޑްގެ ތަޖުރިބާކާރު ކޯޗަކާ އެކު ފަރިތަކުރުންތައް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ރާއްޖޭގައި މިއަހަރު ބޭއްވި ވޮލީބޯޅަ އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ފައިނަލްގައި ކުޅެ ރިހި މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުގައި ޓީމަށް އިރުޝާދު ދިނީ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ. ކާވާ ޗެލެންޖް ކަޕަށް ގައުމީ ޓީމު ތައްޔާރުވަމުން އަންނަނީ ތައިލެންޑްގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕް ގެ އިރުޝާދުގެ ދަށުންނެވެ.

އާ ކޯޗާ އެކު ވޮލީ ޓީމު ވަނީ ހަފްތާއެއްގެ ޕްރެކްޓިސް ފުރިހަމަ ކޮށްފަ އެވެ. އެގޮތުން މި މަހުގެ ހަތް ވަނަ ދުވަހު ކޯޗާ އެކު އަންހެން ވޮލީ ޓީމް ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗަކީ އަހުމަދު އަދީލް (ބޭބެ) އެވެ.

ކޯޗު ވިޗީޕޮން، ގައުމީ ޓީމާ އެކު ޕްރެކްޓިސްގައި.--

ގާތްގަނޑަކަށް މީގެ 15 އަހަރު ކުރިން ކޯޗިން އަށް ނުކުތް ވިޗީޕޮން އަކީ ތައިލެންޑްގެ އަންހެން ޔޫތު ޓީމުގެ ހެޑް ކޯޗު ކަމާއި ވިއެޓްނާމްގެ ގައުމީ އަންހެން ޓީމަށް ވެސް ކޯޗު ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ހާމަކުރާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައިގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސެޕްޓެމްބަރު މަހު ޗައިނާގެ ހަންގްޒޫގައި ބާއްވާ އޭޝިއަން ގޭމްސް ގައި ވެސް ޓީމަށް އިރުޝާދު ދޭނީ އާ ކޯޗު ވީޗީޕޮން އެވެ.

ހަމަ އެއާ އެކު ގޭމްސްތަކަށް ފުރުމުގެ ކުރިން ޖުލައި މަހު 4 ނޭޝަންސް ކަޕްގެ އިތުރު މުބާރާތެއް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވީއޭއެމް އިން މައުލޫމާތު ދެއެވެ.

"ހަފްތާއެއް ތެރޭ ކޯޗު ވަނީ މިހާރު ކުޅުންތެރިން ދަސްކުރަން މަސައްކަތްތަކެއް ކޮށްފައި. އެންމެ ފަހުން ކުޅުނު ފޯ ނޭޝަސް ކަޕާއި އިތުރު މެޗްތަކުގެ ވީޑިއޯ ބަލައި، ކޯޗު ވަނީ ކުޅުންތެރިން ދެނެގަނެ ފެންވަރު ދެނެގަންނަށް މަސައްކަތްތަކެއް ކޮށްފައި،" އަންހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރު އަބްދުﷲ ރަޝީދު "މިހާރު" އަށް ވިދާޅުވި އެވެ.

"ކުޅުންތެރިންގެ އިމްޕްރޫވްމަންޓަށް މަސައްކަތްކޮށް، ޖިމް ސެޝަންތައް ވެސް ބާއްވަމުން މި އަންނަނީ. ކާވާ މުބާރާތަށް ތައްޔާރުވަމުން އަންނައިރު ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުތަކާ ވާދަކުރަން މި ޖެހެނީ. އެކަމަކުވެސް އަޅުގަނޑުމެންގެ ޓާގެޓަކީ މުބާރާތުގެ ފައިނަލް ކުޅުން."

ނޭޕާލްގައި މެއި 22 އިން 28 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖް ކަޕްގެ ޝެޑިއުލް.

ކާވާ މުބާރާތުގައި އަށް ގައުމެއް ވާދަކުރާއިރު މުބާރާތް ކުރިއަށް ދާނީ ދެ ޕޫލަކަށް ބަހާލައިގެންނެވެ. ބުދަ ދުވަހު ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ރާއްޖެ ހިމެނެނީ އުޒްބަކިސްތާނާއި ސްރީ ލަންކާ އަދި ކަޒަކިސްތާނާ އެކު ޕޫލް ބީގަ އެވެ. މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ކިރިގިސްތާން އަދި ބަންގްލަދޭޝް އާއި އިންޑިއާ ހިމެނެނީ ޕޫލް އޭގަ އެވެ.

މުބާރާތް ފަށާ ދުވަހުގެ ރޭ ރާއްޖޭން އެންމެ ފުރަތަމަ ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ރޭ އުޒްބަކިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު ޕޫލްގައި ކުޅޭ ފަހު މެޗުގައި ޖެހިގެން އަންނަ ދުވަހުގެ ރޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅޭނެ އެވެ.

މުބާރާތުގެ ފޯމެޓަށް ބަލައިލާއިރު ކޮންމެ ޕޫލަކުން އެއް ވަނަ އަދި ދެވަނަ ޓީމު ސީދާ ސެމީ ފައިނަލަށް ހޮވޭނެ އެވެ. ސެމީ އަށް ނުހޮވޭ ޓީމުތަކުގެ މެދުގައި ވެސް ރޭންކިން މެޗުތަކެއް ކުޅޭނެ އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މެއި 26 ވަނަ ދުވަހުގެ ރެއެވެ. ސެމީ އިން ބަލިވާ ދެ ޓީމު ވެސް ފައިނަލް އޮންނަ ދުވަހު ބްރޯންޒް މެޑަލް މެޗު ކުޅޭނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާޒު

15 April 2023

ފަހަތުން 1 ވަނަ ޔަގީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454