ކުޅިވަރު / މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މޯލްޑިވްސް އޯޕަން 2023: ޖީހާނަށް މޮޅެއް، ނޮކައުޓް ބުރުގެ ޖާގައާއެކު ޝާޒް ތާރީހުގެ ތެރެއަށް

ޝާޒް ހޯދި ކާމިޔާބީ ފާހަގަކުރަން ރާއްޖޭގެ ބައެއް ކުޅުންތެރިން އޭނާ އުރާލައިގެން.-- ފޮޓޯ: ބިލިއާޑް އެސޯސިއޭޝަން

24 އެޕްރީލް 2023 - 12:00

1 comments

މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ އިސްމާއިލް ޖީހާން މޮޅެއް ހޯދި އިރު، މިވަގުތު ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު (އާދު) މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ.

ގުރޫޕް އައިގައި ހިމެނުނު ޖީހާން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާގެ ޑެރިލް ޗިއާ އަތުން 5-7 ފްރޭމުން ބަލިވީ އެވެ. އެހެން ނަމަވެސް ދެ ވަނަ މެޗުގައި އޭނާ ވަނީ 7-0 ފްރޭމުން އިންޑިއާގެ ލަކްޝް ޝަރުމާ ބަލިކޮށްފަ އެވެ.

މިއާ އެކު ގަދަ 32 ގެ ޕްލޭއޮފްގައި ޖީހާން އަނެއްކާވެސް ވާދަކުރަން ޖެހުނީ ޑެރިލް ޗިއާ އާ އެވެ. އެ މެޗުން ޖީހާން ބަލިވީ 7-4 ފްރޭމުންނެވެ.

އިއްޔެގެ މެޗެއްގައި ޖީހާން ކުޅެނީ.-- ފޮޓޯ: ބިލިއާޑް އެސޯސިއޭޝަން

ގައުމީ ރޭންކިންގެ އެއް ވަނައިގައި އޮތް ޝާޒް ވާދަކުރީ ގުރޫޕް ކޭގަ އެވެ. ގުރޫޕްގެ ފުރަތަމަ މެޗުގައި އޭނާ ވަނީ ބަންގްލަދޭޝްގެ ނިޒާމުއްދީން އަހުމަދާ ވާދަކޮށް ޝާޒް 7-4 ފްރޭމުން ބަލިވެފަ އެވެ.

ދެ ވަނަ މެޗުގައި ވާދަ ކުރީ އިންޑިއާގެ ރަޔާން ރަމްޒީއާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ހަތަރު ފްރޭމް ނިމުނު އިރު ވެސް ޝާޒް އަށް ފްރޭމެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ފަހަތުން އަރައި ޝާޒް ވަނީ ހަތް ފްރޭމް ގެންގޮސް 7-4 ފްރޭމުން މެޗު ކާމިޔާބުކޮށް، ނޮކައުޓް ބުރުގެ ޕްލޭއޮފުން ޖާގަ ހޯދައިފަ އެވެ.

ޝާޒް އިއްޔެގެ މެޗެއްގައި. -- ފޮޓޯ: ބިލިއާޑް އެސޯސިއޭޝަން

ޕްލޭއޮފް މެޗުގައި ވެސް ޝާޒް ވާދަކުރީ ބަންގްލަދޭޝްގެ ނިޒާމުއްދީނާ ދެކޮޅަށެވެ. މި މެޗުގައި ޝާޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 6-4 ފްރޭމުން ނިޒާމުއްދީން ލީޑުގައި އޮތް ނަމަވެސް ޝާޒް ވަނީ ޖެހިގެން އައި ތިން ފްރޭމް ވެސް ކާމިޔާބުކޮށް 6-7 ފްރޭމުން މެޗު ގެންގޮސް، ތާރީހީ މޮޅެއް ހޯދައި މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

މިއީ ރާއްޖޭގެ ކުޅުންތެރިއަކު ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެއްގެ ނޮކައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ނޮކައުޓް ބުރުގައި ޝާޒް ވާދަކުރާނީ ވިއެޓްނާމްގެ ޑުއޮންގް ކުއޮކް ހޯންގް އާ ދެކޮޅަށެވެ.

ރަނގަޅު ފޯމެއްގައި ހުރި ޝާޒް އަކީ، މިއަހަރު މިހާތަނަށް ބިލިއާޑް އެސޯސިއޭޝަނުން ބޭއްވި ދެ މުބާރާތް ކަމަށްވާ 8 ބޯލް އަދި 10 ބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ.

ނޮކައުޓް ބުރުގެ މެޗުތައް.

ޝާޒް އާއި ޖީހާންގެ އިތުރުން އިއްޔެ ވަނީ ރާއްޖޭގެ އިތުރު ހަ ކުޅުންތެރިން ގުރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެއީ ގުރޫޕް ޖޭގައި ހިމެނޭ އަލީ ފަޔާޒް އާއި ގުރޫޕް އެލްގައި ހިމެނޭ މުހައްމަދު ދުންޔާޒް އާއި ގުރޫޕް އެމްގެ އަހުސަން ހާޝިމް އާއި ގުރޫޕް އެން އިން ހުސެއިން ސަނީފް އާއި ގުރޫޕް އޯ ގައި ހިމެނޭ އިސްމާއިލް ސުވެއިދުގެ އިތުރުން ގުރޫޕް ޕީގައި ހިމެނޭ މުހައްމަދު އަކްސަމް އެވެ.

އަލީ ފަޔާޒް ކުޅުނު ފުރަތަމަ މެޗުގައި ޖަޕާންގެ މަސާޓޯ ޔޮޝިއޯކާ އަތުން 3-7 ފްރޭމުން ބަލިވިއިރު، ދެ ވަނަ މެޗުގައި ވިއެޓްނާމްގެ ލުއޮން ތިއެން އަތުން ވަލިވީ 4-7 ފްރޭމުންނެވެ.

ދުންޔާޒް ކުޅުނު ފުރަތަމަ މެޗުގައި އިރާންގެ އަލީރިޒާ ވައްހާބް އަތުން ބަލިވީ 6-7 ފްރޭމުންނެވެ. ދެ ވަނަ މެޗުގައި ޗައިނީސް ތައިޕޭގެ ކޯ ޕިން ޗުން އަތުން ބަލިވީ 1-7 ފްރޭމުންނެވެ.

އަހުސަން ފުރަތަމަ މެޗުގައި އިރާނުގެ މަހުދީ ރަޝޭކީ އަތުން 7-1 ފްރޭމުން ބަލިވި އިރު، ދެ ވަނަ މެޗުގައި ވިއެޓްނާމްގެ ޕަމް ޕުއޮންގް ނާމް އަތުން ބަލިވީ 7-0 ފްރޭމުންނެވެ.

ސަނީފްގެ ފުރަތަމަ މެޗުގައި ވާދަކުރީ ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ސަންޖިން ޕެހްލިވަނޮވިޗާ ދެކޮޅަށެވެ. އެ މެޗުން ސަނީފް ބަލިވީ 7-1 ފްރޭމުންނެވެ. އަދި ދެ ވަނަ މެޗުގައި އިންޑިއާގެ ޗޭތަން ޗަބްރާއާ ދެކޮޅަށް ކުޅެގެން ބަލިވީ 7-2 ފްރޭމުންނެވެ.

ސުވެއިދުގެ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާގެ އަންޑްރީ އަތުން 7-0 ފްރޭމުން ބަލިވި އިރު ދެ ވަނަ މެޗުގައި އިންޑިއާގެ ޝްރީކްރިޝްނާ އަތުން ބަލިވީ 7-2 ފްރޭމުންނެވެ.

އެންމެ ފަހު ގުރޫޕުގައި ވާދަކުރި އަކްސަމް ފުރަތަމަ މެޗުގައި ކުޅުނީ އިރާނުގެ ސޯ ޝޯ އާ ދެކޮޅަށެވެ. މި މެޗުން 7-2 ފްރޭމުން ބަލިވިއިރު ދެވަނަ މެޗުގައި ވިއެޓްނާމްގެ ޓާ ވެން ލިން އަތުން ބަލިވީ 7-2 ފްރޭމުންނެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރޭ

24 April 2023

މަރުހަބާ އާދު. މަރުހަބާ ރާއްޖޭގެ ބިލިއާޑް އެސޯސިއޭޝަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454