ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގައި ބާންލީ އަތުން އާސެނަލް 2-1 އިން މޮޅުވި މެޗުގައި އެ ޓީމުގެ ކޯޗު އާސެން ވެންގާގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު ކަންކަމުގެ މައްސަލަ ބަލައި އިނގިރޭސި އެފްއޭ އިން އޭނާ އަށް އަދަބުދޭން ނިންމައިފި އެވެ.

މެޗުގެ ފަހު ވަގުތު ބާންލީ އަށް ރެފްރީ ޖޯން މޮސް ޕެނަލްޓީއެއް ދިނުމުން ވެންގާ ވަނީ އެ ކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި ވެންގާ ބެންޗުން ފޮނުވާލިއިރު، އޭނާ ވަނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް އެންތަނީ ޓޭލާ ކޮށްޕާލައިފަ އެވެ.

އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެފްރީގެ ނިންމުމާއި ހަތަރު އޮފިޝަލް ގައިގައި ވެންގާ އަތްލުމުން އޭނާ އަށް އަދަބުދޭން ނިންމާފައިވާ ކަމަށާއި މިކަމާ ޖަވާބުދާރީވާން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެންގާ އަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެންގާ ވަނީ އޭނާގެ ހަރަކާތްތައް ހުރި ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.

"އަހަރެން ޖަޒުބާތުގައި ޖެހުނީ. ހަގީގަތުގައި އަހަރެން ކޮށްގެން ވާނެ ކަންތައްތަކެއް ނޫން ކުރެވުނީ. އެއްވެސް އެއްޗެއް ނުބުނެ ރެފްރީގެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭ. އަހަރެންނަށް ކުރެވުނު ކުށަށް މައާފަށް އެދެން،" ވެންގާ ބުންޏެވެ.

ތަޖުރިބާކާރު އިނގިރޭސި ރެފްރީ ޑާމަޓް ގެލަގާ ބުނީ ވެންގާ އަށް މި މައްސަލައިގައި ބެންޗަށް ނާދެވޭ ގޮތަށް މަދުވެގެން ތިން މެޗުގެ ސަސްޕެންޝަނެއް އައުން ގާތް ކަމަށެވެ.

"ވެންގާ އަކީ ކުރިން ވެސް ޓެކްނިކަލް އޭރިއާގައި ހިނގާ ހާދިސާތަކުގެ ސަބަބުން އަދަބު ލިބިފައިހުރި ކޯޗެއް. އަހަރެން ދެކޭގޮތުގައި މި މައްސަލަ އެފްއޭ އިން ބަލާފައި ވެންގާ އަށް މަދުވެގެން ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެ،" ގެލަގާ ބުންޏެވެ.

އާސެނަލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގައި ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.