އިނިއެސްޓާ ވިސެލް ކޯބޭ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން
26 މެއި 2023 - 15:33
ޖަޕާނުގެ ކްލަބް ވިސެލް ކޯބޭ އަންނަ ޖުލައި މަހު ދޫކޮށްލަން ނިންމައި، އެހެން ކްލަބަކަށް ބަދަލުވުމަށް އުމުރުން 39 އަހަރުގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ނިންމައިފި އެވެ.
ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމާއި ބާސެލޯނާގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި އިނިއެސްޓާ މިހާރު ކުޅެމުން އަންނަ ޖަޕާނުގެ ވިސެލް ކޯބޭ ދޫކޮށްލަން ނިންމިކަން އިއުލާންކުރީ އިއްޔެ އެވެ. ފަސް އަހަރަށް ފަހު، އިނިއެސްޓާ އެ ކްލަބް ދޫކޮށްލާނީ ޖުލައި 1 ގަ އެވެ. އޭނާ އަކީ ޖަޕާނުގެ ޖޭ ލީގުގެ މެދުތެރެ އެވެ.
މި ސީޒަނުގައި ވިސެލް ކޯބޭ ޓީމުން ޖާގަ ހޯދަން އިނިއެސްޓާ އަށް ވަނީ އުނދަގޫވެފަ އެވެ. އެ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ނުލިބޭއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިނިއެސްޓާ މިހާތަނަށް ކުޅުނީ ތިން މެޗުގަ އެވެ.
"މި ކްލަބް [ވިސެލް ކޯބޭ] އަށް ކުޅުން ހުއްޓާލުމަށް ފަހު އަހަރެން ބޭނުން ވަނީ ދެން ހުރި ފުރުސަތުތަކަށް ބަލަން. ކުޅެވޭ ހާލަތުގައި ހުރެވުނުހާ ދުވަހު ރިޓަޔާ ކުރާކަށް ބޭނުމެއް ނޫން. އެކަމަކު މި ކްލަބުގައި ކުޅުމުގެ ފުރުސަތު މަދުވުމުން އެހެން ކްލަބެއްގައި ކުޅެ ރިޓަޔާ ކުރަން ބޭނުންވަނީ،" ޖަޕާން ލީގުގެ އެއް ވަނައިގައި އޮތް ވިސެލް ކޯބޭގެ މިޑްފީލްޑަރު ބުނެފައި ވެ އެވެ.
އިނިއެސްޓާ ވަނީ 2018 ވަނަ އަހަރު ޖަޕާނަށް ބަދަލުވެ މިހާތަނަށް ވިސެލް ކޯބޭ އަށް 133 މެޗު ކުޅެދީފަ އެވެ. އެ ޓީމާ އެކު 2019 ވަނަ އަހަރު ޖަޕަނީސް ކަޕް ކާމިޔާބުކޮށް، ޖެހިގެން އައި އަހަރު ލީގު ޗެމްޕިއަންކަން ހޯދައި ދިނެވެ.
އޭޝިއާގެ ފުޓްބޯޅަ އަށް އިނިއެސްޓާ ބަދަލުވީ 22 އަހަރު ބާސެލޯނާގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ. ބާސެލޯނާ އަށް 674 މެޗު ކުޅެ 32 ތަށި އިނިއެސްޓާ ހޯދި އެވެ.
"ވިސެލް ކޯބޭ ދޫކޮށްލުމަކީ އަހަރެންނަށް އެންމެ އުނދަގޫވި އެއް ނިންމުން. މި ކްލަބުގައި ރިޓަޔާ ކުރުމުގެ ވިސްނުން ހުރީ. އެކަމަކު އެ ގޮތަށް ކަންތައް ނުދިޔަ،" އިނިއެސްޓާ ބުނެފައި ވެ އެވެ.
އިނިއެސްޓާ އަކީ ބާސެލޯނާ އާއި ސްޕެއިންގެ ރަން ދުވަސްވަރު އެންމެ ފާހަގަކޮށްލެވުނު އެއް ކުޅުންތެރިޔާ އެވެ. ސްޕެއިންގެ ގައުމީ ޓީމާ އެކު އިނިއެސްޓާ ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy