ކްލަބް ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި އީތަން: އޭނާ މިހާރު ވަނީ ސްޕެއިންގެ ހުއެސްކާގެ 15 އަހަރުން ދަށުގެ ޓީމަށް ބަދަލު ވެފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
16 އޯގަސްޓް 2023 - 11:04
ސާފް ޗެމްޕިއަންޝިޕަށް، ދިވެހި ލީގު މެދުކަނޑާލުމުން ވެލެންސިއާގެ ޒުވާން ފޯވާޑް އީތަން އިބްރާހިމް ޒަކީ އަށް ތައިލެންޑް އެކަޑަމީއަކުން ދިން ދައުވަތުގެ ބޭނުން ހިފި އެންޑޯރާގައި އޮތް މުބާރާތެއްގައި ކުޅެން ދިއުމަށެވެ.
ޕީއެފްއޭ ބެންކޮކްއަކީ ޔޫރަޕްގެ އެކި ޓްރޭނިންތަކާއި މުބާރާތްތަކަށް ދިއުމަށް އީތަން އަށް މީގެ ކުރިން ވެސް މަގުފަހިކޮށް ދިން ޕްލެޓްފޯމެވެ. އެ އެކަޑަމީން މިފަހަރު އީތަން އަށް ސީދާ ދައުވަތު ފޮނުވީ އެންޑޯރާގައި އޮތް މުބާރާތެއްގައި އީތަން ކުޅުވަން އެ އެކަޑަމީގެ ކޯޗުން ބޭނުންވާތީ އެވެ.
މީގެ ކުރިން ވެސް ސްޕެއިން އަދި ފްރާންސްގެ ޖޫނިއާ ކުރު މުބާރާތްތަކުގައި ވެސް ކުޅުނު އީތަން އަށް އެންޑޯރާގެ މުބާރާތް ވީ އޭނާ އަށް އާ ފުރުސަތެއް ހުޅުވުނު ދޮރަކަށެވެ.
ސްޕެއިންގެ ހުއެސްކާގެ 16 އަހަރުން ދަށުގެ ޓީމުން އެއް އަހަރުގެ ކޮންޓްރެކްޓެއް އީތަން އަށް ހުށަހެޅި އެންޑޯރާގެ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުން ފެނިގެންނެވެ.
ސްޕެއިނާއި އިންވެގެން އޮންނަ އެންޑޯރާގެ އެ މުބާރާތް ބަލަން ސުޕޭނުގެ ކްލަބްތަކުން ސްކައުޓުން ފޮނުވަނީ އުމުރުން ހަގު ހުނަރުވެރި ކުޅުންތެރިން އަތު ޖައްސުމަށެވެ. ހަގު އުމުރުގެ ކުޅުންތެރިންގެ ތެރެއިން ހުނަރުވެރި ކުޅުންތެރިން ހޯދަން އަތްފުނާއެޅުމަކީ ޔޫރަޕްގެ ކްލަބްތަކުގެ ސްކައުޓުން ވަރަށް ފާރަވެރިވެގެން ކުރާ ކަމެކެވެ.
އީތަން (ކ) ހުއެސްކާގެ ސްކައުޓުންނަށް ފާހަގަވީ އެންޑޯރާގައި ކުޅުނު މުބާރާތެއްގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ލަލީގާގައި 2020-2021 އަދި 2018-2019 ގެ ސީޒަންގައި ކުޅުނު ހުއެސްކާގެ ސްކައުޓުންނަށް އީތަންގެ ހުނަރުވެރި ކުޅުން ލޮލުގައި އަޅައިގަތެވެ. މި މަހު ފަށާ އާ ސީޒަނުގައި އެ ކްލަބްގެ 16 އަހަރުންދަށުގެ ޓީމަށް އޭނާ ގެންދަން އެ ކްލަބުން އެންޑޯރާގެ މުބާރާތުގެ ތެރެއިން އޭނާ އަށް ހުށަހެޅި އެވެ.
އެއް އަހަރުގެ މުއްދަތަކަށް އެއްބަސްވުން ހެދި ނަމަވެސް ކްލަބުން ބޭނުންވެއްޖެނަމަ އޭނާގެ ކޮންޓްރެކްޓް އިތުރުކުރުމުގެ އިހްތިޔާރު ހުއެސްކާ އަށް ލިބެ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖަހައި، ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ފަހު އީތަން ވަނީ ވެލެންސިއާގެ ޓީމާ ވަކި ވެފަ އެވެ.
އީތަން ބުނީ ސްޕެއިންގައި ވެސް ރާއްޖެ އަށް ރީތި ނަން ހޯދައި ދިނުމަކީ އޭނާގެ އެންމެ ބޮޑު އުންމީދު ކަމަށެވެ.
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި އީތަން ބޯޅައިގެ ހިފައިގެން ދަނީ: އޭނާ ބުނީ މިއީ އާ ޗެލެންޖެއް ނަގަންވީ ވަގުތު ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި އީތަން ބުނީ ވެލެންސިއާގެ ކޯޗިން ސްޓާފުންނާއި އެހެން ކުޅުންތެރިންގެ ފަރާތުން ފުޓްބޯޅައިގެ ގިނަ ކަންތައްތަކެއް އޭނާ އަށް ދަސްވެގެން ދިޔަ ކަމަށެވެ. އަދި އޭނާގެ ކެރިއާ ބައްޓަންކޮށް ދިނުމަށް އެކަޑަމީތަކުގައި އޭނާ އަށް އިރުޝާދު ދިން ކޯޗުންގެ މަސައްކަތް އީތަން ފާހަގަ ކުރަނީ ޝުކުރުވެރި ކަމާ އެކު އެވެ.
އޭނާ ބުނީ ރާއްޖޭގެ "ކޮމްފަޓް ޒޯނުން" ނުކުމެ އާ ފުރުސަތެއްގެ ބޭނުން ހިފަނީ އިތުރަށް ކުރިއަށްދާން ޖެހޭ ވަގުތުކަމަށް ގަބޫލުކުރާތީ ކަމަށެވެ.
"މިއީ ކޮމްފޯޓް ޒޯނުން ނުކުމެ ކުރިއެރުން ހޯދައި ކުކުޅުންތެރިއެއްގެ ގޮތުގައި އިތުރަށް ތަރައްގީ ވުމަށް އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތު ކަމަށް އަހަރެން ގަބޫލު ކުރަން،" އިންސްޓަގްރާމްގައި އީތަން ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަނޑޭ
17 August 2023
ނަމަ ނަމަ ދަގަނޑޭއަށް ހެދިހެން ހެދިޔަ ނުދޭތީ ފުރުޞަތެއް ގެއްލުވާ ނުލާތި....
އުމޭރު
16 August 2023
މިފަދަ ކުރިންނައް އެފުއޭއެމުން ފުރުސަތު ފަހިކޮއްދީ އެހީތެރިވެ ނުދެނީ ކީއްވެބާ ސަރުކާރުންވެސް އަޅާނުލާ
ގުޑްލަކް
16 August 2023
ޑޯންޓް ސްމޯކް، ސްލީޕް ވެލް، އީޓްވެލް، ރަނގަޅަށް ޖިމް ޖައްސާ، ހިތްވަރާއެކު މަސައްކަތް ކުރޭ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ކާމިޔާބަށް އެދެން
ގަމާރު ދިވެހިން
16 August 2023
މަރުހަބާ އީތަން! ކަމިޔާބީ އަށް އެދެން!