އަލްޖީރީސް (އޮކްޓޫބަރު 16) - ހަމާސް އާއި އިޒްރޭލުގެ ހަނގުރާމައާ ގުޅިގެން އަލްޖީރިއާ އިން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީވާން ނިންމައިފި އެވެ.

އަލްޖީރިއާ އިން ވަނީ ފަލަސްތީނު ކުޅޭ ރަސްމީ އަދި ނުރަސްމީ މެޗުތަކާ އެކު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ވެސް އެގައުމުގައި ކުޅުމުގެ ފުރުސަތު ދީފަ އެވެ.

މީގެ އިތުރުން ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ހުރިހާ ހަރަދެއް ވެސް އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސައިދޭނެ ކަމަށް އަލްޖީރިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައި ވެއެވެ.

އަލްޖީރިއާގެ އެފްއޭއިން މިހެން ނިންމީ، ފަލަސްތީނު ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ޖިބްރީލް ރަޖޫބްގެ އެދިލެއްވުމަކަށެވެ.

އަންނަ މަހު ފަށާ ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުގައި ފަލަސްތީނު ހިމެނެނީ އިސްޓްރޭލިއާ އާއި ލެބުނާންއާ އެއް ގުރޫޕެއްގަ އެވެ. މި ގުރޫޕަށް ދެން ވަންނާނީ މާދަމާ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ ރަހުމަތްތެރިކަމުގެ މުބާރާތުން ވެސް ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުން ވަނީ ވަކިވެފަ އެވެ.

އަންނަ އަހަރުގެ އޭޝިއަން ކަޕަށް ފަލަސްތީނު ވަނީ ކޮލިފައި ވެފަ އެވެ. އަންނަ ޖެނުއަރީ މަހު ގަތަރުގައި ބާއްވާ މުބާރާތުގައި ފަލަސްތީނު ހިމެނެނީ އިރާނާއި ޔޫއޭއީ އަދި ހޮންގް ކޮންގާ އެއް ގުރޫޕަކު އެވެ.

ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އިޒްރޭލުން މިދިޔަ ހަފްތާ ދިން ނިރުބަވެރި ހަމަލާތަކުގައި ވަނީ ގާޒާގެ 2،670 އަށްވުރެ ގިނަ މީހން ޝަހީދު ކޮށްލައިފަ އެވެ.