އަލީ ޝަމާލް އަބްދުﷲ (ޝަންމު) ގެ ހެޓްރިކުން ދ. މީދޫގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ފުވައްމުލަކުން މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
މޮޅާ އެކު އެ ޓީމު ވަނީ ގޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ.
ގުރޫޕް އޭގައި، އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ ފުވައްމުލަކެވެ. ފަސް ޓީމު ހިމެނޭ އެ ގުރޫޕްގައި އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ފުރަތަމަ ބުރުގައި އެ ޓީމަށް ބާކީ ދެން އޮތީ އެންމެ މެޗެކެވެ.
މެޗުގައި ތަރިއަކަށްވީ، ހެޓްރިކް ހެދި ޝަމާލެވެ. ފުވައްމުލަކުގެ ހުރިހާ ލަނޑެއްގައި ވެސް އޭނާގެ ހިއްސާ އޮތެވެ.
ފުވައްމުލަކުގެ ފުރަތަމަ ލަނޑަކީ އޭނާ ޖެހި ހިތްގައިމު ހިލޭ ޖެހުމެކެވެ. މެޗުގެ 15 ވަނަ މިނެޓްގައި މީދޫގެ ހާފުގެ މެދެއްހާހިސާބުން ފުވައްމުލަކަށް ލިބުނު ހިލޭޖެހުން، ޝަމާލް ސީދާ ފޮނުވާލީ ގޯލްގެ ތެރެއަށެވެ.
އޭގެ ތިން މިނެޓް ފަހުން ޝަމާލް ވަނީ ފުވައްމުލަކަށް ލީޑް ފުޅާކޮށްދީފަ އެވެ. މީދޫގެ ޑިފެންޑަރު ފަރުހާން އިބްރާހިމް ދިފާއުކުރަން އުޅުނު ބޯޅަ އަށް ވިއްދައި ޝަމާލް އެ ބޯޅަ ހޯދައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.
ފުވައްމުލައް ޓީމުގެ ތިންވަނަ ލަނޑު، ކެޕްޓަން އިނާން އަހްމަދު ޖެހީ 86 ވަނަ މިނެޓްގައި، ޝަމާލް އޭރިއާ ތެރެއަށް ނަގައިދިން ހިލޭ ޖެހުމުން ތަނަވަސްވި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ޝަމާލް ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑާ އެކު މުބާރާތުގެ ލަނޑު ލިސްޓްގެ އެއްވަނައިގައި އޮތީ އޭނާ އެވެ. އޭނާ ވަނީ މިހާތަނަށް ހަ ލަނޑު ޖަހައިފަ އެވެ.