މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއި 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމަށް ޓާގެޓްކޮށް އޮސްޓްރޭލިއާގެ ކޯޗު ޑަރެން ސްޓެވާޓް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.
ސްޓެވާޓް ގައުމީ ކޯޗުކަމާ ހަވާލުވީ އެއް އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.
"އެފްއޭއެމްގެ ޓާގެޓަކީ އެޝިއަން ކަޕަށް ކޮލިފައިވުން. ދެން މުޅި ގައުމު އަބަދުވެސް އެދޭ ކަމެއް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ. އެހެން ކަމުން އޭޝިއަން ކަޕުގެ އިތުރުން މި އަހަރު ޑިސެމްބަރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ޓާގެޓަކީ،" މިއަދު މެންދުރު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރަައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.
މިދިޔަ އަހަރު އޮގަސްޓް މަހު ގައުމީ ކޯޗަކަށް ސްޓެވާޓް ހަމަޖެއްސީ އެއްބަސްވުމެއް ނެތި އޭޝިއަން ކަޕް ޕްލޭ އޮފް ދެ މެޗަށެވެ. އޭނާ ވަނީ މިދިޔަ އޮކްޓޫބަރު މަހު ޕްލޭއޮފްގައި ލާއޮސްގެ މައްޗަށް ކުރިހޯދައި އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ޖާގަ ހޯދައިދީފަ އެވެ. ސްޓެވާޓް އޭރު ވަނީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދޭން ބޭނުން ކަމަށް ބުނެފަ އެވެ.
ކޮލިފައިންގައި ރާއްޖެ އޮތީ އޮމާން އާއި ފަލަސްތީން އަދި ބޫޓާނާ އެއް ގްރޫޕެއްގަ އެވެ.
"އަހަރެން ކުރިން ވެސް ޓާގެޓް ކުރި ކަމެއްް އެއީ އޭޝިއަން ކަޕަަށް ދިއުމަކީ. ވަރަށް ބޮޑު ޓާގެޓެއް އެއީ. ވަރުގަދަ ގްރޫޕެއްގައި މި އޮތީ. އެހެން ނަމަވެސް މި ޓީމު އެކުގައި މަސައްކަތް ކޮށްފިނަމަ އަހަރެމެންނަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން މިއީ. އުއްމީދު އެބައޮތް،" ސްޓެވާޓް ބުންޏެވެ.
ޓީސީ ސްޕޯޓްސް ކްލަބް ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކުރުމަކީ ދިވެހި ފުޓްބޯޅަ އަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށާއި އޭގެ ފައިދާ ހުރިހާ ގޮތަކުން ވެސް ކުރާނެ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.
"ޓީސީގެ ކާމިޔާބީގެ ފައިދާ ދިވެހި ފުޓްބޯޅަ އަށް ކުރާނެ. އޭގެން އެނގިއްޖެ ބައިނަލްއަގްވާމީ ގޮތުން ވެސް ކާމިޔާބު ހޯދޭނެކަން. ޒުވާން ކުޅުންތެރިންތަކެއް އަހަންނަށް ފާހަގަކުރެވިއްޖެ. މުސްތަގުބަލަށް ބަލާއިރު މި ކުޅުންތެރިންނާ އެކު އިތުރު ކާމިޔާބީ ހޯދޭނެ ހިތްވަރު ވެސް ލިބިއްޖެ،" ސްޓެވާޓް ބުންޏެވެ.
އޭނާ ބުނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ ޕްލޭނެއް އެބައޮތް ކަމަށާއި އެއާ އެއްގޮތަށް ކުރިއަށް ގޮސްފިނަމަ ދިވެހި ފުޓްބޯޅަ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"ބައިނަލްއަަގްވާމީ ލެވެލްގައި ވެސް ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ބައްސާމްގެ ޕްލޭނެއް އެބައޮތް. އަހަރެން ގަބޫލުކުރާ ގޮތުގައި ބައްސާމްގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގޮސްފިނަމަ މި ގައުމުގެ ފުޓްބޯޅަ ވަރަށް އުހަށް ދާނެ. އަހަރެން އުފާކުރަން މިކަމުގައި އަހަރެންގެ ބައިވެރިވުމުގެ ފުރުސަތު އަލުން ލިބުނީތީ،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 28 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ޓީމުގެ ނިންމަން ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ގައުމީ ޓީމުގެ ކަންތައްތައް ބެލެހެއްޓުމަށް އެކުލަވާލު ކޮމިޓީގެ ޗެއާޕާސަން އަލީ ނާޝިދު (އޮގަރު އައްޔަ) ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މި މެޗަށް ނުކުތުމުގެ ކުރިން ނިންމަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ގައުމީ ޓީމުގެ ކޯޗިން ސްޓާފުންގެ ބައެއް މަގާމުތަކަށް ވެސް ބަދަލު އަންނާނެ. ދެން އެ މެޗަށް ތައްޔާރުވާން ވެސް އެބަހުރި ނިންމަން ޖެހޭ ކަންތައްތަކެއް،" އޮގަރު އައްޔަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެޗުތަކެއް ކުޅެން ދައުވަތު ވެސް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަހުރި މެޗުތަކެއް ކުޅެން ދައުވަތު ލިބިފައި. އެއީ ފަލަސްތީނާއި މިޔަންމާ އިން. އެކަމަކު މި ވަގުތު ލީގުގެ ޝެޑިއުލް ހުރިގޮތަށް ބަލާއިރު ބޭރަށް ގޮސް މެޗެއް ކުޅެފައި އާދެވޭ ގޮތަކަށް ނޫން އޮތީ. އެގޮތަށް ކޯޗު ވެސް ބޭނުމެއް ނުވޭ. ކޮމިޓީން މަސައްކަތް މިކުރަނީ ޓީމެއް ގެނެސްގެން މެޗެއް ކުޅެން އެގޮތަށް ބަލާއިރު ވިސްނަނީ ކޮލިފައިން މެޗުގައި ކުޅެން ޖެހޭ ފަލަސްތީނު ކަހަލަ ޓީމަކާ ކުޅެން. މިސާލަކަށް އަފްގާނިސްތާން،" އައްޔަ ވިދާޅުވި އެވެ.
ގައުމީ ކޯޗުކަން ސްޓެވާޓަށް ދިނުމުގައި ކޮމިޓީން ވަރަށް ގިނަ ކަންތައްތަކަކަށް ވިސްނާފައިވާނެ ކަމަށާއި އެންމެ ބޮޑަށް ބެލީ ކުޑަ މުއްދަތެއްގެ ތެރޭގައި ކޯޗު ނެރެފައިވާ ނަތީޖާތަކަށް ކަމަށެވެ.
ބައްސާމް ވިދާޅުވީ ގައުމީ ކޯޗު ޓާގެޓްތަައް ހާސިލްކޮށްފިނަމަ ބޯނަހެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ޓާގެޓްތަކަށް ކޯޗު ރީޗް ވެއްޖެނަމަ ބޯނަސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައި. އެކަންތައްތައް މަޝްވަރާ ކުރަމުން މިދަނީ. އެ ކަންތައްތަކާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކޮމިޓީން،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމީ ޓީމުގެ ކަންތައްތައް ބެލެހެއްޓުމަށް ކޮމިޓީއަކާ ހަވާލުކުރުމުން އޭގެ ފައިދާ މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.