ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށް ބުނެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް މިއަދު އިސްލާހީ އެޖެންޑާއެއް އިއުލާންކުރައްވައިފި އެވެ.
ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކުލަވާލާ އިސްލާހީ އެޖެންޑާގެ މަސައްކަތްތައް ކުރިއަށްގެންދާ ކޮމިޓީގައި ހިމެނޭނީ ހަތް މެންބަރުން ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ކުޅިވަރާ ބެހޭ މިނިސްޓްރީގެ މެމްބަރަކާއި ވީއޭއެމްގެ އެކްސްކޯ އެއް މެންބަރާއި ސީނިއާ ކޯޗަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްގެ އިތުރުން ކުރީގެ ކުޅުންތެރިއަކާއި ގާނޫނީ ވަކީލެކެވެ.
"ވޮލީބޯޅަ އޮތީ ވޮލީބޯޅަ އާއިލާއެއްގެ އަތްމަތިން ގޮސް ދެ މީހެއްގެ އަތް މައްޗަށް ގޮސްފައި. ވޮލީބޯޅަ ހިސޯރުކުރަން މަސައްކަތްތަކެއް ކުރެވެމުން ދިޔަ ވަގުތެއްގައި ފެކްޝަންތަކެއް އުފެދި އޭގެ ތެރެއިން އަޅުގަނޑަށް ވެސް މި މަގާމަށް މި އާދެވުނީ. އަޅުގަނޑު އިސްލާހީ މަސައްކަތްތަކެއް ފެށީ ވޮލީބޯޅަ އާއިލާ އަށް ފުރިހަމަ ބާރު ދިނުމަށް،" ލަތީފް ވިދާޅުވި އެވެ.
އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެފްއައިވީބީ އާއި އޭވީސީ އަދި އޮލިމްޕިކް ކޮމިޓީގެ މިންގަނޑުތަކަށް ބަލާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
މި ކޮމިޓީ އަށް ތަފާތު ހިިޔާލު ހުށަހަޅުއްވާނެ ކަމަށާއި ކޮމިޓީ ހިނގާނީ މިނިވަން ކަމާ އެކު ކަމަށް ވީއޭއެމުން ބުނެ އެވެ. އަދި އިސްލާހީ އެޖެންޑާގެ މަސައްކަތް ނިމިގެންދާއިރު ވޮލީބޯޅަ އަށް ގެންނަން ޖެހޭ އެންމެ ފުރިހަމަ ބަދަލުތައް ވެސް ގެނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ލަތީފް ވިދާޅުވި އެވެ.
"ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން"
ވީއޭއެމްގެ އިސްލާހީ މަަސައްކަތްތައް ކުރިއަށްގެންދާއިރު އެންމެ ބޮޑު ސަމާލުކަމެއްދޭނީ ކްލަބްތައް ބާރުވެރިކުރުމަށް ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ. އެގޮތުން ވީއޭއެމްގެ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވާ ކްލަބްތަކަށް އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓުލެވޭ ގޮތަށް ހެދުން މުހިއްމު ކަމެއްގެ ގޮތުގައި ލަތީފް ސިފަކުރެއްވި އެވެ.
"ހަމައެކަނި ޕޭޕާ ކްލަބްތަކުން އައިސް އެސޯސިއޭޝަންގެ އިންތިހާބުގައި ވޯޓު ލައިގެން ވަކި ގޮތްތަކެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ އެކަން ވާންވީ ގޮތެއް ވެސް ނޫން. އަޅުގަނޑު ބޭނުންވަނީ ގަވައިދުން ވޮލީގެ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ފުރުސަތުދޭން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކުގައި ވެސް ހަމައެކަނި ކަރުދާހުގައި އޮންނަ ކްލަބްތައް ގިނަ ކަމަށް ލަތީފް ވިދާޅުވި އެވެ.
އެފްއޭއެމްގެ އިސްލާހީ މަސައްކަތްތައް މިދިޔަ އަހަރު ނިމިގެން މިހާރު އެ އެސޯސިއޭޝަން އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި ވޮލީއަށް ވެސް ބޭނުންވަނީ އެފަދަ ބަދަލެއް ކަމަށް ލަތީފް ވިދާޅުވި އެވ.
"އަޅުގަނޑުމެންނަށް އެބަފެނޭ އެފްއޭއެމް ވެސް މިދިޔަ އަހަރު ސްޓެޓިއުޓްސް އަށް ގެނައި ބަދަލާ އެކު ރަނގަޅަށް ހިނގަމުން އަންނަތަން. ގިނަ ކްލަބްތަކަށް ވޯޓުލުމުގެ ހައްގު ލިބި. އިންތިހާބު ވެސް ދިޔައީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ. "ފުޓްބޯޅަ އަށް ވެސް ބަދަލުތައް އަންނަން ފެށީ ކްލަބްތަކުގެ ހިންގުން ރަނގަޅުވުމުން ވޮލީ އަށް ވެސް ބޭނުންވަނީ އެ ފަދަ ކަންތައްތައް ރަނގަޅުކުރުން."
ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުން ވީއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައި ލަތީފް އިންތިހާބު ކާމިޔާބު ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. އެހެން ނަމަވެސް ފަހުން އުފެދުނު ހިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން ލަތީފް ރައީސްގެ މަގާމުން ދުރުކުރަން މިދިޔަ ފެބްރުއަރީ މަހު ޔޫތުން ވަނީ އެ ކްލަބްގެ މެންބަރު ކަމުން އޭނާ ވަކިކޮށްފަ އެވެ.
ވީއޭއެމްގެ އަސާސީ ގަވާއިދުގައި ބުނާގޮތުން ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
މި މައްސަލައިގައި ލަތީފްގެ މަގާމާ މެދު ސުވާލު އުފެދިފައިވަނިކޮށް، އޭނާ ވިދާޅުވީ މަގާމާ މެދު ސުވާލު އުފެއްދޭކަށް ޖާގައެއް ނެތް ކަމަށާއި އޭނާ އަކީ ހަމައެކަނި ޔޫތުގެ މެންބަރެއް ނޫން ކަމަށެވެ. އަދި އެހެން ކްލަބެއްގެ މެންބަރެއްގެ ގޮތުގައި ހުރުމުން ވީއޭއެމްގެ ރައީސް ކަމުގެ މަގާމު ލަތީފަށް ނުގެއްލޭނެ ކަމަށެވެ.
"އަޅުގަނޑަށް ވެސް މަގާމަށް އާދެވުނީ އެ ޕޭޕަ ކްލަބްތައް ބޭނުން ކޮށްގެން. މިއީ ވޮލީގެ އާއިލާ އަށް ލިބުނު ނަސީބެކޭ އަޅުގަނޑު ދަންނަވާނީ. ގޯހެއް ހެދިފައި އޮތްތަނަކަށް އައިސް އަޅުގަނޑު އިތުރަކަށް ގޯސް ހަދާކަށެއް ނުވިސްނަން. އަޅުގަނޑު ބޭނުންވަނީ ޕްރޮފެޝަނަލީ މިކަން ކުރިއަށް ގެންދަން. އެއް ކްލަބެއް ދެ ކްލަބެއް އައިސް ވޯޓުގައި ބައިވެރިވެގެން ކުރިއަށްދާން އަޅުގަނޑު ބޭނުމެއް ނޫން،" ލަތީފް ވިދާޅުވި އެވެ.
ވީއޭއެމްއާ ހަވާލުވުމަށް ފަހު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމެވި ކަމަށާއި ދައުރުގެ ތެރޭގައި އެކަން ފުރިހަމަ ކުރެއްވުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.