22 އެޕްރީލް 2025 - 13:48
ރެއާލް މެޑްރިޑް ދޫކޮށް މިދިޔަ ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވި ކަރީމް ބެންޒެމާ ފުރަތަމަ ފަހަރަށް ސައުދީގެ ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި އެވެ.
އަލް އިއްތިހާދު ވަނީ ރޭ ފުރަތަމަ ހާފުގައި ޖެހި ގޯލުތަކުން ފަހަތުން އަރައި 3-2 އިން އަލް އިއްތިފާގު ބަލިކޮށްފަ އެވެ. ޖިއޯޖީނިއޯ ވައިނާލްޑަމްގެ ތަނަވަސްކޮށް ދިން ފުރުސަތަކުން ވިޓީނިއޯ، އަލް އައްތިފާގަށް ލީޑު ނަގައިދީފައި ވަނިކޮށް އިއްތިހާދު ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ.
ބެންޒެމާގެ ދިން ބޯޅައިން 11 ވަނަ މިނިޓުގައި ޑެނީލޯ ޕެރޭރާ ނަތީޖާ އެއްވަރު ކޮށްދިނެވެ. ނަތީޖާ ބަދަލުކޮށްލި ލަނޑު 35 ވަނަ މިނިޓުގައި ޖެހީ ބެންޒެމާ އެވެ. އަދި ތިންވަނަ ގޯލު އިތުރު ވަގުތުގައި ޖަހައިދިނީ ހޫސެމް އައޮއާ އެވެ. އިއްތިފާގުގެ ދެވަނަ ލަނޑަކީ މެޗު ނިމެނިކޮށް ޕެރޭރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މޮޅާ އެކު ބާކީ ފަސް މެޗު އޮއްވައި އިއްތިހާދު އެއްވަނައިގައި އޮތީ 26 މެޗުން 68 ޕޮއިންޓް ހޯދައިގެން، ދެވަނައިގައި އޮތް އަލް ހިލާލަށް ވުރެ ހަ ޕޮއިންޓް ކުރީގަ އެވެ. ރޭ އައް ޝަބާބާ ވާދަކޮށް 2-2 އިން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުމުން ހިލާލަށް މިހާތަނަށް ހަމަކުރެވުނީ 62 ޕޮއިންޓެވެ.
ރެއާލް މެޑްރިޑްގެ ފަހު ސީޒަންގައި ވެސް އެ ޓީމު ޓޮޕް ސްކޯރާގެ ގޮތުގައި ކްލަބް ދޫކޮށްލި ބެންޒެމާ އަށް އިއްތިހާދާ އެކު އޭނާގެ ފުރަތަމަ ސީޒަންގައި އެންމެ ރަނގަޅު ފޯމުގައި ނުކުޅެވުނެވެ.
ބެލޮންޑިއޯ 2022 ވަނަ އަހަރު ކާމިޔާބު ކުރި ބެންޒެމާ އާއެކު ލީގު ދިފާއު ކުރަން ނުކުތް އިއްތިހާދަށް މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާ، ސަރަހައްދީ ފުޓްބޯޅަ މުބާރާތަކުން ވެސް ފުރުސަތު ނުލިބި އެވެ.
ބެންޒެމާ އަށް މިދިޔަ ސީޒަންގައި ލީގުގައި ކާމިޔާބު ކުރެވުނީ ނުވަ ގޯލެވެ. ނަމަވެސް މި ސީޒަންގައި އޭނާ ވަނީ މިހާތަނަށް 18 ގޯލު ޖަހައިފަ އެވެ. ސައުދީ ލީގުގައި ބެންޒެމާ އަށް ވުރެ ގިނަ ގޯލު ޖަހާފައި ވަނީ، 19 ގޯލު ޖަހާފައިވާ އަލް އަހްލީގެ އިވާން ޓޯނީ އާއި އައްޝަބާބުގެ އަބްދުއަރައްޒާކް ހަމްދުﷲ އެވެ. އެންމެ ކުރީގައި އުޅެނީ 23 ގޯލު ޖަހައިގެން އައް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިއީ ސައުދީ ލީގުގައި ރޮނާލްޑޯ ކުޅޭ ތިންވަނަ ސީޒަނެވެ. ފާއިތުވި ދެ ސީޒަންގައި ވެސް ލީގުގެ ދެވަނައިގައި ނިންމާލި އައް ނަސްރު އޮތީ 28 މެޗުން 57 ޕޮއިންޓް ހޯދައިގެން ލީގުގެ ތިންވަނައިގަ އެވެ. ލީގުގެ ގަދަ ތިން ޓީމަށް އަންނަ ސީޒަންގެ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އިން ޖާގަ ލިބޭނެ އެވެ.
މިރޭ ލީގުގެ 11 ވަނައިގައި އޮތް ޑަމަކް އާ ދެކޮޅަށް ކުޅުމަށް ފަހު އައް ނަސްރު ދެން ލީގުގައި ނުކުންނާނީ މޭ 7 ގައި އަމިއްލަ ދަނޑުގައި އަލް އިއްތިހާދާ ދެކޮޅަށެވެ. އޭގެ ކުރިން އަންނަ ހަފްތާ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ވެސް ކުޅޭނެ އެވެ. ކުއާޓާގައި ވާދަކުރާނީ ޖަޕާންގެ ޔޮކޮހާމާއާ ދެކޮޅަށް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރާބޭ
22 April 2025
ރޮނާލްޑޯ ނޫންތަ ލީގުނަގާނީ