16 މެއި 2025 - 07:05
ޖިއްދީ (މެއި 16) - ރަށުން ބޭރުގައި 3-1 އިން އައް ރައީދު ބަލިކޮށް ސައުދީ ލީގެ ޗެމްޕިއަންކަން އަލް އިއްތިހާދު ހޯދައިފި އެވެ.
މިއީ އިއްތިހާދު ލީގު ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންކަން ހޯދާފައި ވަނީ 2023 ވަނަ އަހަރެވެ.
އައް ރައީދުން މެޗުގެ ނުވަވަނަ މިނިޓުގައި ލީޑު ނެގި ނަމަވެސް އިއްތިހާދު ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސްޓީވެން ބާގްވެއިން އާއި ޑެނީލޯ ޕެރޭރާ އަދި އަބްދުއްރަހްމާން އަލޮބުދެވެ.
މި މޮޅާ އެކު، ފްރާންސްގެ ކުރީގެ ކޯޗު ލޯރެން ބްލާންކް ގެ އިރުޝާދުގެ ދަށުން ކުޅޭ އިއްތިހާދު ވަނީ ލީގުގައި ދެ މެޗު ބާކީ އޮއްވައި 77 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލަށް ވަނީ އެއް މެޗު މަދުން ކުޅެގެން 68 ޕޮއިންޓް ލިބިފަ އެވެ.
ލީގު ޗެމްޕިއަންކަން ކަށަވަރު ކުރި އިރު، އަލް އިއްތިހާދުގެ ޓޮޕް ސްކޯރާ ކަރީމް ބެންޒެމާ އަނިޔާގެ ސަބަބުން ރޭގެ މެޗުގެ ސްކޮޑުގައި ނުހިމެނެ އެވެ. އޭނާ ވަނީ މިހާތަނަށް 21 ލަނޑު ޖަހައިފަ އެވެ.
ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ މިހާތަނަށް 23 ލަނޑު ޖަހާފައިވާ އައް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ އައްނަސްރު މިވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. އަންނަ ސީޒަންގެ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އިން ފުރުސަތު ލިބޭނީ ލީގުގެ ގަދަ ދޭއްގައި ހިމެނިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުދީ
17 May 2025
މި ހަބަރު ކިޔާ ނިމުން އިރު ދޭހަވީ. cr7 އާއިމެދު ފިތުނައުފައްދަން ލިޔެފަ އޮތް ލިޔުމެއް ހެން. ތަމެން ކިތަމެ ވަރަކަށް ޕެސީ ގަދަކުރަން އުޅުނަސް cr7 ވަރެއް ދުވަހަކުވެސް ނުވާނެ.
ފަރުދީގެ ބަފާގެ ބޭބެގެ ވައިފް
17 May 2025
ސީއާރް7 އަށް އަދި ވޯލްޑްކަޕް ކާމިޔާބް ނުކުރެވޭ ދޯ.އެހެންވީމަ ޕެސީ (މެސީ) އުޅެނީ ވަރަށް ކުރީގަ.