13 މެއި 2025 - 18:14
ބޫޓާނާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްގެން ދިވެހިރާއްޖޭގެ ޒުވާން ޓީމު، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އިންޑިއާގެ ޔޫޕިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނިޓުތެރޭ ރާއްޖެއަށް ވަނީ ގޯލު ޖަހަން ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އައިދު މުހައްމަދު ޖަވީޒް ފޮނުވާލި ހަމަލާ ބޫޓާންގެ ގޯލްކީޕަރު ޓަންޑީން ޕެންޖޯ ވަނީ ދިފާއު ކޮށްފަ އެވެ.
އެއަށް ފަހު ޓީމުގެ ކެޕްޓަން އަހްޒަމް ރަޝީދު ނުރައްކާތެރި ހިލޭޖެހުމެއް ފޮނުވާލާފައި ވަނިކޮށް ކައުންޓާ އެޓޭކުގައި ބޫޓާން ލީޑު ނެގީ 44 ވަނަ މިނިޓުގައި ލާމް ޓެންޒިން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ގެނައި ބަދަލުތަކާ އެކު ކުޅުން ރަނގަޅު ކުރި އިރު، އެއްވަރު ކުރި ލަނޑު ޖަހައިދިނީ 76 ވަނަ މިނިޓުގަ އެވެ. އައިދު މި ގޯލު ޖެހީ، އަޝްހަމް އިބްރާހިމް މުހައްމަދު ކުޅެން ނުކުމެ މިނިޓެއް ނުވަނީސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ތެރެއިން ތިންވަނަ މިނިޓުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އަޝްހަމް އެވެ. އެއްވަރުވީ އޭގެ ތިން މިނިޓު ފަހުން ބޫޓާންގެ ޗޮގްޔޭލް އެސް ޝެރާބް ޖެހި ގޯލުންނެވެ.
ރާއްޖެ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފަހަތުން އަރައި ބަންގްލަދޭޝްއާ ވެސް އެއްވަރު ކޮށްފަ އެވެ. ބަންގްލަދޭޝް ވަނީ 3-0 އިން ބޫޓާން ބަލިކޮށް ގުރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ ލިބުނީ ރާއްޖެއަށެވެ.
މިއީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2015 އާއި 2023 ގައި ވެސް ރާއްޖެ ނިންމާލީ ގުރޫޕް ސްޓޭޖާ ހަމައިންނެވެ.
ސެމީ ފައިނަލްގައި ރާއްޖެ ވާދަކުރާނި ގުރޫޕް ބީގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. ގުރޫޕް ބީގެ އިންޑިއާ އާއި ނޭޕާލް ވެސް ވަނީ ސްރީ ލަންކާ ބަލިކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ. އިންޑިއާ 8-0 އިން މޮޅުވި އިރު ނޭޕާލް މޮޅުވީ 5-0 އިންނެވެ.
ގުރޫޕްގެ އެއް ވަނަ އަދި ދެވަނަ ކަށަވަރުވާނީ މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗަށް ފަހު އެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.
މިހާތަނަށް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ނޭޕާލާއި އިންޑިއާ އެވެ. އެންމެ ފުރަތަމަ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން ނޭޕާލް މޮޅުވި އިރު، އެންމެ ފަހުން ކުޅުނު މުބާރާތުގެ ފައިނަލްގައި އިންޑިއާ ތަށި ހޯދީ ޕާކިސްތާން ބަލިކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޯސްކޯ
13 May 2025
19 އަހަރުން ދަށުގެ ދިވެހިރާއްޖޭގެ ޒުވާން ޓީމުގެ ކޯޗިން ޓީމަށް ހަމަ ސާބަސް!. އަނގަ ހުއްޓާ ނުލާ ބެންޗުން ކުރި ހިއްވަރަށް ހިތުގެ އެންމެ އަޑިން ސުކުރު!...ހުރިހާ އެންމެން ކިޔާނުދީ ކޮންމެ ވެސް އެކަކު ކިޔާދިނީމަ ކަންނޭގެ އެކުދިންނަށް ވެސް ބޮލަށް ފަސޭހަ ވީސް.