އުރުދުންގައި ތާށިވި ދިވެހި ޓެނިސް ޓީމު
21 ޖޫން 2025 - 23:50
އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން އުރުދުންގައި ތާށިވި ދިވެހި ގައުމީ ޓެނިސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
އެކަމަކު ޓީމުގެ ކޯޗު އިރާންގެ އަލީ ރިޒާ އަށް ޓީމާ އެކު ދަތުރެއް ނުކުރެވުނެވެ. ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލް ބުނީ ކޯޗު އެނބުރި ރާއްޖެ އަންނާނީ ހޯމަ ދުވަހު ކަމަށެވެ.
އޮފިޝަލް ބުނިގޮތުގައި އުރުދުންގެ ވެރިރަށް އައްމާން އިން ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ އައީ ދުބާއީ މަގުންނެވެ.
"ފްލައި ދުބާއީގައި އައްމާން އަށް ކުޅުންތެރިންނާއި އޮފިޝަލުން ދިޔައީ ވަކި ދަތުރެއްގައި. އެއީ ޓްރާންސިޓް ރޫޓުން ކުރި ދަތުރެއް ނޫން. ހަމަ އައްމާން އިން ދުބާއީ އަށް ގޮސް އިމްގްރޭޝަން ކްލިއަރެންސާއި ލަގެޖް ކްލިއަރެންސް ވެސް ފުރިހަމަ ކޮށްގެން ދިޔަ ދަތުރެއް،" އޮފިޝަލް ތަފްސީލުކޮށް ދިނެވެ.
"ވަކި ދަތުރެއްގައި [ޔޫއޭއީ] ދުބާއީ އަށް އިރާނުގެ ރައްޔިތަކު ދަތުރު ކުރަންޏާ ޖެހޭނެ ދުރާލައި ވިސާ ނަގަން. އެއީ އަނެއްކާވެސް ދިގު މަރުހަލާއަކަށް ވާނެތީ އަޅުގަނޑުމެން ނިންމީ އިސްތަންބޫލް މަގުން ކޯޗުގެ ދަތުރު ހަމަޖައްސަން. ފްލައި ދުބާއީގައި ކޯޗު އިސްތަންބޫލަށް ގޮސްފަ މިހާރު ވަނީ. ރާއްޖެ އަންނާނީ ހޯމަ ދުވަހު."
އޮފިޝަލް ބުނީ އައްމާންއިން ދުބާއީ އަށް ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން 10 މީހުން ކުރި "ވަކި ދަތުރުގެ ގޮތުގައި ކުރި ދަތުރުގެ" ޓިކެޓަށް 4،000 ޑޮލަރު ދައްކާފައިވާ ކަމަށެވެ. އެކަމަކު ދުބާއީން މާލެ އަށް ކުރި ދަތުރު، ކުރިން ނަގާފައިވާ ޓިކެޓްގެ ހަރަދުގެ ތެރެއިން ފްލައި ދުބާއީން ހަމަޖައްސައި ދިންކަން އޭނާ ފާހަކަ ކުރި އެވެ.
ގައުމީ ޓެނިސް ޓީމުގެ ކޯޗު އިރާނުގެ އަލީ ރިޒާ އާއި ދިވެހި ޓީމުގެ ފަސް ކުޅުންތެރިން އައްމާންގައި
"ފްލައި ދުބާއީގެ މިކޮޅުގެ [ރާއްޖޭގެ] އެޖެންޓުން އެކަމުގައި އަޅުގަނޑުމެންނަށް ވަރަށް ހެލްޕްފުލް ވި،" ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލް ބުންޏެވެ.
އޭނާ ބުނީ ކޯޗު އަލީ ރިޒާ އިސްތަންބޫލުން މާލެ އަންނަ ދަތުރު ވެސް އިތުރު ޗާޖަކާ ނުލައި ދުބާއީ މަގުން އަންނަން ނެގި ޓިކެޓްގެ ހަރަދުގެ ތެރެއިން ފްލައި ދުބާއީން ޓިކެޓް ހަމަޖައްސައި ދިން ކަމަށެވެ.
"އެ ޓިކެޓަށް [ކުރީގެ ޓިކެޓަށް] ކުރި ހަރަދުގެ ތެރެއިން އިސްތަންބޫލުން މާލެ އަށް ކުރާ ދަތުރުގެ ޓިކެޓް އިޝޫކޮށް ދިން. ކޯޗުގެ ރިޓާންގައި އަޅުގަނޑުމެން ފައިސާ ދައްކަން ޖެހުނީ ހަމައެކަނި އައްމާންއިން އިސްތަންބޫލަށް ކުރާ ދަތުރަށް، އެއީ 600 ޑޮލަރު،" އޭނާ ބުންޏެވެ.
އުރުދުންގައި ބާއްވަން ހަމަޖައްސާފައި އޮތް ކޮލިފައިން މުބާރާތަށް ގައުމީ އަންހެން ޓީމު އެ ގައުމަށް ދިޔައީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގަ އެވެ.
އެ ރޭ ދަންވަރު އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދިނެވެ. އޭގެ ސަބަބުން ހަނގުރާމައެއްގެ ހުޅުގަނޑު އެ ދެ ގައުމުގެ ދެމެދުގައި ފެތުރިގެންދާނެ ހިސާބަށް ދިއުމުން މެދުއިރުމަތީގެ އެހެން ގައުމުތަކުން ވެސް ސަލާމަތީ ފިޔަވަޅުތައް އަޅަން ފެށި އެވެ.
އުރުދުންގެ ޓެނިސް އެސޯސިއޭޝަނުން ނިސްމީ އެ ގައުމުން ހޯސްޓް ކުރާ މުބާރާތް ވެސް ކެންސަލް ކުރުމަށެވެ. މުބާރާތް ކެންސަލް ކުރި ފަހުން ރާއްޖެ އަންނަން ދިވެހި ޓީމުން މަސައްކަތް ކުރި އެވެ. އެކަމަކު އޭރު ފްލައިޓްތައް ކެންސަލްވަމުން ދިއުމުން ރާއްޖެ އާދެވޭ ގޮތެއް ނުވި އެވެ.
ފަހުން ދިވެހި ޓީމަށް ޓިކެޓް ހަމަޖެހުނީ މިދިޔަ ހުކުރު ދުވަހަށެވެ. ޓީމު ރާއްޖެ އައީ މިއަދު ހެނދުނު އެވެ. ކޯޗު ރާއްޖެ އަންނަނީ ހޯމަ ދުވަހުގެ މެންދުރު ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy