25 ޖޫން 2025 - 09:08
ލިޔޯން (ޖޫން 25) - ދަރަނީގެ މައްސަލައިގައި އޮލިމްޕިކް ލިޔޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފައި ވާކަން، ފްރާންސް ފުޓްބޯޅައިގެ ކްލަބްތަކުގެ މާލީ ކަންކަން ބަލަހައްޓާ ގައުމީ ކޮމިޓީން އިއުލާން ކޮށްފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު ކްލަބްގެ ދަރަނީގެ އަދަދު 500 މިލިއަން ޔޫރޯ އަށް އަރަ އެވެ. އަދި މިހާރު 175 މިލިއަން ޔޫރޯ އަށް ދަރަނި ކުޑަ ކޮށްފައިވާ ނަމަވެސް، މާލީ ގެރެންޓީ ނުދިނުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ކްލަބަށް ވަނީ ޓްރާންސްފާ ބޭން އެއް ވެސް އައިސްފަ އެވެ. އިއްޔެގެ މަޝްވަރާތަކަށް ފަހު ވެސް އެ ކްލަބަށް ވަނީ، އަޅާފައިވާ ފިޔަވަޅުތަކުން ސަލާމަތް ވެވޭގޮތް ނުވެ، ވަގުތީ ގޮތުން ރެލިގޭޝަނާ ކުރިމަތިވެފަ އެވެ.
ރެލިގޭޓް ކުރަން ނިންމި ކޮމިޓީ ބައްދަލުވުމުގައި ލިޔޯންގެ ރައީސް ޖޯން ޓެކްސްޓާ އާއި ކްލަބުގެ ފުޓްބޯޅަ ޑިރެކްޓަރު މިކަލް ގާލިންގާ ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް ދިފާއުގައި މާ ބޮޑު ކަމެއް ނުކުރެވުމުން ގަވާއިދުގެ 11 ވަނަ މާއްދާއަށް ބަލައިގެން ކޮމިޓީން ނިންމީ ލިޔޯން އަށް އަދަބު ދޭށެވެ.
ލިޔޯން އަށް މި ނިންމުން އެޕީލް ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެޕީލް އިން ވެސް ކާމިޔާބު ނުވެއްޖެ ނަމަ ލިޔޯންގެ ބަދަލުގައި ފްރާންސް ލީގު ވަން ކުޅޭނީ، މިދިޔަ ސީޒަންގެ ރެލިގޭޝަން ޕްލޭއޮފް އިން ބަލިވި ރެމްސް އެވެ.
ޓެކްސްޓާ ވަނީ މި ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ 43 ޕަސެންޓް ހިއްސާ ވިއްކާލައިފަ އެވެ. އަދި މުވައްޒަފުންނާއި ކުޅުންތެރިންގެ މުސާރަ ވެސް ކުޑަކޮށްފައި ވާއިރު، އެ ޓީމުގެ ރަޔާން ޗާކީ ވެސް ވަނީ 40 މިލިއަން ޔޫރޯ އަށް މެންޗެސްޓާ ސިޓީއަށް ވިއްކާލައިފަ އެވެ.
ލިޔޯން ވަނީ މިދިޔަ ސީޒަންގެ ލީގުގެ ހަވަނައިގައި ނިންމައި، ޔޫރޮޕާ ލީގުގެ ޖާގައެއް ވެސް ހޯދައިފަ އެވެ. ނަމަވެސް ދަރަންޏާ ހުރެ އެ ޓީމު ރެލިގޭޓް ވެއްޖެ ނަމަ އެ ފުރުސަތު ވެސް ގެއްލިދާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
ހަތް ފަހަރު ލީގު ވަން ކާމިޔާބު ކޮށްފައިވާ ލިޔޯން ވަނީ 1951 އިން ފެށިގެން މިހާތަނަށް އެންމެ ސީޒަނެއް ފިޔަވައި އެހެން ހުރިހާ ސީޒަނެއްގައި ވެސް އެއްވަނަ ޑިވިޝަންގައި ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy