ބްރެޒިލްގެ ކެޕްޓަން މާތާ، ޓީމު ކުޅޫންތެރިންނާ އެކު ކޮޕާ އެމެރިކާ ތަށީ އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
03 އޯގަސްޓް 2025 - 12:19
ކުއިތޯ، އެކުއެޑޯ (އޮގަސްޓް 3) - ކޮލަމްބިއާ އަތުން ބަލިވާން ދަނިކޮށް، ލެޖެންޑް މާތާގެ މޮޅު ގޯލްތަކާ އެކު 4-4 އިން ނަތީޖާ ހަމަހަމަކޮށް، ޕެނަލްޓީ ޝޫޓައުޓްގައި 5-4 އިން ކުރި ހޯދައިގެން ނުވަ ވަނަ ފަހަރަށް އަންހެނުންގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލް ހޯދައިފި އެވެ.
އުމުރުން 39 އަހަރުގެ މާތާ މެޗުގައި ކުޅެން އެރީ 83 ވަނަ މިނިޓުގައި 2-2 އިން އެއްވަރު ވެފައިވަނިކޮށެވެ. އޭގެ ފަސްވަރަކަށް މިނިޓު ފަހުން ޗެލްސީއަށް ކުޅޭ މައިރާ ރަމިރޭޒް ކޮލަމްބިއާ އަށް ލީޑު ނަގައިދިން ނަމަވެސް، މާތާ ވަނީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ގޯލު ޖަހައިގެން ބްރެޒިލަށް އެއްވަރު ކޮށްދީފަ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާތާ އިތުރު ލަނޑެއް ޖަހައި ބްރެޒިލަށް ކުރި ހޯދައިދިން ނަމަވެސް ޕެނަލްޓީ ޖަހަން ޖެހުނީ ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލެއިސީ ސަންޓޯސް ކޮލަމްބިއާ އަށް އެއްވަރު ކޮށްދިނުމުންނެވެ.
މާތާ ފައިނަލް މެޗުގައި އޭނާގެ ދެވަނަ ގޯލު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ޝޫޓައުޓްގައި ކުރި ހޯދި ނަމަވެސް މާތާ ފޮނުވާލި ބްރެޒިލްގެ ފަސްވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ. ގޯލްކީޕަރު ލޮރޭނާ ޑަ ސިލްވާ ވަނީ ޝޫޓައުޓްގައި ކޮލަމްބިއާގެ ދެ ޕެނަލްޓީ މަތަކޮށްފަ އެވެ.
އެންމެ ފަހުން 2022 ގައި ވެސް ބްރެޒިލް މޮޅުވީ ފައިނަލްގައި ކޮލަމްބިއާ ބަލިކޮށްފަ އެވެ. އެ މެޗު ބްރެޒިލް ކާމިޔާ ކުރީ 1-0 އިންނެވެ.
ފީފާ ވޯލްޑް ކަޕާއި އޮލިމްޕިކް މުބާރާތުގައި ވެސް ހަ ފަހަރު ބްރެޒިލް ތަމްސީލުކޮށްފައިވާ މާތާ ވަނީ، މިހާތަނަށް ބްރެޒިލް ޓީމަށް 206 މެޗު ކުޅެދީ 122 ލަނޑު ޖަހައިދީފަ އެވެ. މިއީ މާތާ ކާމިޔާބުކުރި ހަތަރު ވަނަ ކޮޕާ އެމެރިކާ ތައްޓެވެ.
ކޮޕާ އެމެރިކާ މުބާރާތް ބްރެޒިލް ރެކޯޑް ނުވަ ފަހަރު ކާމިޔާބު ކުރި ނަމަވެސް އަދި ވޯލްޑް ކަޕްގައި އަތެއް ނުލެވެ އެވެ. އޮލިމްޕިކް ގޭމްސްގައި ތިން ފަހަރު ރިހި މެޑަލް ހޯދާފައި ވާއިރު، މިދިޔަ އަހަރުގެ އޮލިމްޕިކް ފައިނަލުން ބަލިވީ ޔޫއެސްއޭ އަތުންނެވެ.
ކްލަބް ލެވެލްގައި 2017 އިން ފެށިގެން އެމެރިކާގެ އޯލެންޑޯ ޕްރައިޑަށް ކުޅެމުން އަންނަ މާތާ ވަނީ، މިދިޔަ އަހަރުގެ އޮލިމްޕިކް މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅު އޮތް ރަހުމަތްތެރިކަމުގެ މެޗުތަކަކަށް އޭނާ ވަނީ އަލުން ގައުމީ ސްކޮޑުގައި ހިމަނައިފަ އެވެ. އަދި ކޮޕާ އެމެރިކާ މުބާރާތް ކުޅުނު ނަމަވެސް، މިއަށް ފަހުން ގައުމީ ޓީމުގައި އިތުރަށް ދެމިހުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy