09 އޯގަސްޓް 2025 - 12:51
މިދިޔަ އަހަރުގެ ޗެމްޕިއަން ސީބީއެލް ސްޕޯޓްސް ބަލިކޮށް، މާލޭ ސްޕޯޓްސް ކްލަބުން މިއަހަރުގެ ގައުމީ މުބާރާތް، ޓީ20 ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި އެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސީބީއެލްގެ މައްޗަށް މާލޭ ސްޕޯޓްސް ކްލަބް ކުރި ހޯދީ ހަތަރު ވިކެޓުންނެވެ.
މާލޭ ސްޕޯޓްސް އަށް ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އެރީ ސީބީއެލް އެވެ. ސީބީއެލް ކުޅެން އަރައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. ސީބީއެލްގެ އާޝާން ޔަޕާ 39 ބޯޅައިން 52 ލަނޑު ހަދާފައި ވާއިރު، މާލޭ ސްޕޯޓްސްގެ މުހައްމަދު މަހުފޫޒް ވަނީ ތިން ވިކެޓް ނަގައިފަ އެވެ. މީގެ އިތުރުން މާލޭ ސްޕޯޓްސްގެ މުހައްމަދު ޝިޔާމާއި އިރުފާން އާލަމް ވެސް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
މާލޭ ސްޕޯޓްސް މޮޅުވީ، ޖަވާބުގައި ކުޅެން އަރައި 17.5 އޯވަރުން ހަ ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދައިގެންނެވެ. ސީބީއެލްގެ ބޯލަރުން ވަނީ މި އިނިންސްގެ ފުރަތަމަ ކޮޅު މޮޅު ކުޅުމެއް ދައްކައިފަ އެވެ، އެގޮތުން ހަތަރު އޯވަރު ތެރޭ މާލޭ ސްޕޯޓްސްގެ ތިން ކުޅުންތެރިން ނުބައިވި އިރު، އެ ޓީމަށް ހެދުނީ 22 ލަނޑެވެ.
މާލޭ ސްޕޯޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ ފަސްވަނަ އޯވަރުން ފެށިގެން މެޗުގެ މެޗުގެ ކޮންޓްރޯލް ނެގި މުހައްމަދު ރިޝްވާން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ރިޝްވާން ވަނީ 46 ބޯޅައިން 61 ލަނޑު ހަދައިފަ އެވެ. އޭނާ ނުބައިވީ މާލޭ ސްޕޯޓްސް އަށް މެޗުން މޮޅުވާން 12 ލަނޑު ބޭނުންވެފައި ވަނިކޮށް އެލްބީޑަބްލިއު އަކުންނެވެ.
ޕްރެޒިޑެންޓްސް ކަޕްގެ އެންމެ މޮޅު މެޓްސްމަނަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ އިސްމާއިލް އަލީ އެވެ. އެންމެ މޮޅު ބޯލަރަކަށް ޕާންޑުކާ ދިލްޝާން ހޮވުނު އިރު، އެންމެ މޮޅު ފީލްޑަރަކަށް ހޮވުނީ ދިލްޝާން ފެނާންޑޯ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ރަޔާން ތޮލްހަތު ހޮވުނު އިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ތަރަކަ ރުވާން އެވެ.
ސީބީއެލް ފައިނަލަށް ދަތުރު ކުރީ މުބާރާތުގެ ފުރަތަމަ ސެމީގައި މިލާން ކްރިކެޓް އެކަޑަމީ ބަލިކޮށްފަ އެވެ. ދެވަނަ ސެމީގައި މާލޭ ސްޕޯޓްސް ކްލަބް ވަނީ ނިއު ސްޓާ ބަލިކޮށްފަ އެވެ. އެއަށް ފަހު، ތިންވަނަ ސެމީގައި މާލޭ ސްޕޯޓްސް ވަނީ މިލާން ބަލިކޮށް، ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މިލާނަކީ މިއަހަރުގެ ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. މިއަހަރުގެ ތައްޓާ އެކު އެ ޓީމު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ތަށި އުފުލާލައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނީ، ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޗެމްޕިއަން މިލާނާއި ދެވަނައަށް ދިޔަ ސީބީއެލް އަދި ތިންވަނައަށް ދިޔަ ނިއު ސްޓާ އާއި މާލޭ ސްޕޯޓްސް ކްލަބެވެ. ޕްރެޒިޑެންޓްސް ކަޕުން ޖާގަ ނުލިބުނު ކްލަބްތަކަކީ އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި އޮއްފު އެފްސީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy