11 އޯގަސްޓް 2025 - 11:53
އުމުރުން 17 އަހަރުގައި ކްރޮއޭޝިއާ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކޮށްގެން އެޓީމުގެ ޒުވާން އޯލްރައުންޑާ ޒަކް ވުކުސިކް، ކްރިކެޓްގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
ވުކުސުކް ވަނީ ކްރޮއޭޝިއާގައި ސައިޕްރަސްއާ ދެކޮޅަށް ކުޅެމުން އަންނަ ޓީ20 އިންޓަނޭޝަނަލް ބައިލެޓެރަލް ސީރީޒްގައި ބުރާސްފަތި ދުވަހު ގައުމީ ޓީމު ކުޅުނު މެޗު ލީޑު ކޮށްފަ އެވެ. މި މެޗު ކުޅުނު އިރު އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ.
މީގެ ކުރިން އެންމެ ޒުވާން ކެޕްޓަނަކީ 2022 ވަނަ އަހަރުގެ ޖުލައި މަހު ޓީ20 އިންޓަނޭޝަނަލް މެޗެއްގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ފްރާންސް ލީޑު ކޮށްދިން ނޯމަން އަމްޖަދެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރާއި 24 ދުވަހެވެ.
ޓެސްޓް ކްރިކެޓްގައި މި ރެކޯޑް އޮންނަނީ އަފްޣާނިސްތާންގެ ރާޝިދު ޚާން އަތުގަ އެވެ. އޭނާ ވަނީ 2018 ވަނަ އަހަރު، އުމުރުން 19 އަހަރާއި 165 ދުވަހުގައި، އައިސީސީ ކްރިކެޓް ވޯލްޑްކަޕް ކޮލިފައިންގައި ސްކޮޓްލެންޑާ ދެކޮޅަށް ގައުމީ ޓީމު ލީޑު ކޮށްފަ އެވެ.
ވުކުސުކް އެންމެ ޒުވާން ކެކްޓަންގެ ރެކޯޑް ހެދި މެޗުން ކްރޮއޭޝިއާ އަށް މޮޅެއް ނުހޯދުނު ނަމަވެސް ވުކުސުކް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އުކި ހަތަރު އޯވަރުން ސައިޕްރަސް 41 ލަނޑު ހެދިއިރު ވިކެޓެއް ވެސް ނަގާފައިވެ އެވެ. އަދި ވުކުސުކް ވަނީ ކުޅެން އަރައި 32 ބޯޅައިން 43 ލަނޑު ހަދައިފަ އެވެ.
ވުކުސުކް ގައުމީ ޓީމަށް ކުޅެން ފެށި މިދިޔަ އަހަރެވެ. އެންމެ ފުރަތަމަ ކުޅެފައި ވަނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ ހަ މެޗުގައި، 53 ލަނޑުގެ ޓޮޕް ސްކޯ އަކާއެކު ޖުމްލަ 197 ލަނޑު ހަދައިފަ އެވެ. އަދި އިކޮނޮމީ ރޭޓް 9.18 ގައި އޭނާ ވަނީ ހަ ވިކެޓު ވެސް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy