18 އޯގަސްޓް 2025 - 17:50
މިދިޔަ ހޮނިހިރު ދުވަހު ނިންމާލި، ގައުމީ އެތުލެޓިކްސް މުބާރާތުގެ ބައެއް އިވެންޓްތަކުގައި ވަނަތައް ހޯދި ދުވުންތެރިންންގެ ދުވެލި ހުރީ މީގެ 30 އަހަރު ކުރިން އޭރުގެ ދުވުންތެރިން ދުވި ސްޕީޑްގައި ކަމަށް އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއީލް ބުނެފި އެވެ.
ރާއްޖޭގެ ފިރިހެން، 800 މީޓަރު ރެކޯޑް އަދިވެސް އޭނާގެ ނަމުގައި އޮތް ނަސީރު ބުނީ މީޑްލް ޑިސްޓެންސް ރޭސްތަކާއި ސްޕްރިންޓް ބައެއް އިވެންޓްތަކުން ގައުމީ މުބާރާތުގައި ވަނަ ހޯދި ދުވުންތެރިންގެ ނަތީޖާ, 1990 ގެ އަހަރުތަކުގައި އޭރުގެ ދުވުންތެރިން ރޭސް ނިންމި ވަގުތަށް ވުރެ ލަސް ކަމަށެވެ.
އޭނާ ބުނީ 1999 ގައި ޝަމްހާ އަހްމަދު ސްޕރިންޓް އިވެންޓްތަކުގައި ރޭސް ނިންމި، ވަގުތަށް ވުރެ ދަށްކޮށް، ގައުމީ މުބާރާތުގައި ވަނަ ހޯދި އެތުލީޓުން ރޭސް ނިންމި ކަމަށެވެ.
މިޑްލް ޑިސްޓެންސް ރޭސްތަކުގައި ވާދަކުރި ފިރިހެން ދުވުންތެރިންގެ ސްޕީޑް ވެސް ދަށަށް ގޮސްފައިވާ ކަމަށް ކުރިން އެ އިވެންޓްގެ ރާއްޖޭގެ އެއްވަނަ ނަސީރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސަރުކާރުން ކުޅިވަރަށް ބޮޑު ހޭދައެއްކޮށް، ގައުމީ ޓީމަށް ހޮވޭ އެތުލީޓުންނަށް ކޮންމެ މަހަކު އެލެވެންސް ދޭ އިރު ވެސް ދުވުންތެރިންގެ ދުވެލި މަޑުޖެހިފައި އޮތުމަކީ ކަންބޮޑުވުމެކެވެ.
"މިއީ 90 ގެ އަހަރުތަކެއް ނޫން. އެސޯސިއޭޝަނުން ވެސް ހުރިހާ އިސްކަމެއް އަދި އިންވެސްޓެއް މި ދެނީ ދުވުންތެރިންނަށް. އެކަމަކު އަހަރެންގެ ސުވާލަކީ ކީއްވެހޭ ކުރިއެރުން ނުފެންނަނީ،" ސޯޝަލް މީޑިއާގައި އެތުލެޓިކްސްގެ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރާ ނަސީރު ބުންޏެވެ.
"ގައުމީ ޓީމަށް ހޮވޭ ކޮންމެ އެތުލީޓަކަށް ވެސް 5،000ރ. ގެ މުސާރައެއް [އެލެވެންސެއް] ކޮންމެ މަހަކު އެބަދޭ. އެކަމަކު ގައުމީ ޓީމު އެތުލީޓުންވެސް ޓައިމިންތައް ވެސް ވަރަށް ދަށް. ގިނަ ކުދިން އިމްޕްރޫވެއް ނުވޭ."
އޭނާ ބުނިގޮތުގައި މިކަންބޮޑުވުމާ މެދު އެތުލެޓިކްސް އެސޯސިއޭޝަނުން އަޅާނުލާ ތިބެއްޖެނަމަ އެ ކުޅިވަރުން ހޯދި ކުރިއެރުން ދާނީ ފަހަތަށެވެ.
"މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. [އެތުލެޓިކްސް] އެސޯސިއޭޝަނާއި އެތުލެޓިކްސް ކޮމިޔުނިޓީ ގުޅިގެން މިކަންކަމަށް މަސައްކަތް ކުރަން އެބަޖެހޭ،" އަމިލަ ނަމުގައި ހިންގާ "ނަސީރު ސްޕޯޓްސް އެކަޑަމީ" އިސް ކޯޗު ބުންޏެވެ.
"ހަމަ ކޮންމެ އަހަރަކު ތިން ހަތަރު މުބާރާތް ބޭއްވިޔަކަސް އަދި ކޮންމެ އަހަރަކު ތިން ފަހަރު ޓައިމް ޓްރެއަލް ބޭއްވިޔަކަސް މިކަމަށް ހައްލެއް ނުވާނެ. މިކަމަށް ސީދާ ފޯކަސްކޮށްގެން އެންމެން ގުޅިގެން އެބަޖެހޭ މަސައްކަތް ކުރަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޒިކަލް ދޮންބެ
19 August 2025
އެހެންތާ ވާނީ ، ނަސީރުވެސް އެހުންނެވީ ފިޒިކަލީ 30 އަހަރު ފަހަތަށް ޖެހިފަ ނޫންތޯ. ދުވުން ހުއްޓާލެއްވިޔަސް ނަމޫނާ ދައްކަން ޖެހޭނެނޫންތޯ. ފިޓްކޮށް ހުންނަވަން ޖެހޭނެނޫންތޯ؟
ސަލީމްބައި
19 August 2025
ތި ބޭފުޅާ ކުދިން އަތުން ފައިސާ ނަގައިގެން ދެން ކީއްތޯ ތި ކުރައްވަނީ؟ ޢަދި ކޮންމެ ސްކޫލް ބަންދަކާ ދިމާކޮށް އިރުއިރުކޮޅާ ފައިސާ ނަގައިގެން ލަންކާ އަށް ގެންދިއުމުގެ ނަތީޖާއަކީ ކޮބާތޯ؟
ހުސްބުޅި
19 August 2025
ނަސީރު ކޯޗު ދަސްކޮށްދެއްވަނީ ފަހަތަށް ދުވަންތޯ؟؟؟؟؟
ވާންޗޯ
19 August 2025
800 މީޓަރ ކީވެ ބުރޭކް ނުރެންވީ، ވާނެ ކަޑަކޮށް ޓުރައި ކޮށްލާ
ވާންޗޯ
19 August 2025
ދިވެހި ގިނަކުދިން އައް 100 މީޓަރ ޖެހޭނެ 10 ނޫނީ 11 ސުކުންތުން މިހާރު، އެއީ އާދަގެ ވަރެއް، އަސްލު 9 ސުކުންތުން މި ނުޖެހެނީ، ދިވެހިންނަކީ ސައުތް އޭޝިޔާ އައް ނިސްބެތް ވާ ބައެއް ވީމަށް އުފެދުމުގާ އެހެން ސަރަހަދު ތަކުގާ އުފަންވާ މީހުންނާ ވާދައެއް ނުކުރަވޭނެ، ކޮންނެ ކުޅިވަރެއްގާ ވެސް ވާނީ މިހެން، މިޖެހޭ ގަބޫލްކުރަން.
ރާއްޖެ
19 August 2025
ކުޅިވަރު އެކަޑަމީތައް ވީ ގިނަ. ތަމްރީނު ކޮށްް ނެރެވުނު އެތްލީޓެއް ނެތް. ދަނގަޑޭ ބަކާ އޮއްޕޮ މެން ކަހަލަ ކުޅުންތެރިއެއް ނެތް.
ކޮސް
18 August 2025
ބައްލަވާ , ދިވެހި ރާއްޖޭގެ ހިންގުން ފަހަތަށްދާއިރު ދުވާކުދިންނަށްވެސް ހަމަ އެކަމުގެ އަސަރު ކުރާނެ 5000 ރ , އޭރު އެއީ " ރަނަށްވިއަސް" މިއަދު އެއީ 1000 ރ. .
ވާންޗޯ
19 August 2025
މިހާރު 25،000 ރފ އިން ކިރިޔާ ވާނީ
އިއްޕަޓޭ
18 August 2025
ކެރިއަރެއްގެ ގޮތުގަ ނަގައިގެން ކުޅިވަރަކުން ކުރިއަށްދާން ބޭނުންވާ ކުދިންކޮޅެއް ހޮވާލެވިއްޖެނަމަ މިކަން ވަރަށް އަވަހަށް ހައްލުކުރެވޭނެ. މައްސަލައަކީ، އެކެޑަމީތަކުގަ ބައިވެރިވެވޭނެ ފުދުންތެރިކަން ނެތިއްޖެނަމަ މިހާރު ރަނގަޅު ފެންވަރަކަށް ތަމްރީނު ލިބިގަތުމުގެ ފުރުސަތެއް ނުލިބޭ. ވަރަށް ހުނަރުވެރި ކުދިން އެބަތިބި މިގޮތަށް ފުރުސަތުނުލިބި ދޮރުބަންދުވެފަ. ސްކޮލަޝިޕްތައްދޭއިރު މިފަދަކުދިންނަށް ގިނަފުރުސަތުތައް ދެވޭނެ ގޮތްތައް ހަމަޖައްސައިދޭންޖެހޭ.
ޓްރެކް ރަނަރ
18 August 2025
ޤައުމީ ޓީމަށް ނަގާފަ ބޭރުގައުމަކުން ތަމްރީން ޕްރޮގްރާމެއްގަ ފޮނުވީމަ އެނބުރި އަންނައިރު އެމީހަކު ހުންނަނީ މޮޅު ކޯޗަކަށްވެފަ. ދެން ކޮންމެސް ރަނިންގ ކުލަބެއް ކިޔާފަ ގްރޫޕެއް ހަދައިގެން ވިޔަފާރި ފަށަނީ. ސިފައިންގެ ޑިއުޓީތަކުންވެސް އެމީހުން ތިބެނީ މުސާރަ ލިބޭގޮތަށް ދޫކޮށްފަ. ހަރަދުތަކެއް ކޮށްގެން ޓްރޭނިންގތައް ވެސް ހަދުވާނެ. އެއްވެސް ފައިދާއެއް ނުވާނެ.
ފަރަންޖީ
19 August 2025
އެހެން ވާންޖެހެނީ ގިނަ ކުޅިވަރުތަކަކީ ޕްރޮފެޝަނަލް ކުޅިވަރުތަކަށް ނުވާތީ. އޭގެން ލިބޭއެއްޗަކުން ދިރި ނޫޅެވޭތީ. އެމީހުން ކްލަބް ހަދައިގެންވެސް ނޫނީ ކޯޗަކަށްވެ އެކުޅިވަރުގައި ދެމިތިބެ ގައުމަށް ޚިދުމަތްކޮށްދޭތީ އުފާކުރަމާ! މީކޮންމެކުށްޖަކަށް ކުރެވޭނެކަމެއްވެސް ނޫން. އެހެންވެ ރިޓަޔަ ކުރަންޖެހެނީ. ދެން ޚަރަދުކޮށްގެން ޓެރޭނިންގ ދިނުމަކީ އެކުއްޖަކު މުޅިއުމުރަށް އެކަމުގައި ލޮކް ކުރުމެއް ނޫން. އެކުއްޖާގެ ޒިންމާއަކި އެދުވަސްވަރު އެކުޅިވަރުކުރިއެރުވުން.
ވާންޗޯ
19 August 2025
ސްކޫލް ދައުރުގާ މަޖަލަކަށް ކޮލަން ރަނގަޅު ކަމެއް މީ
އިއްޕަޓޭ
18 August 2025
މިހާރު މައްސަލައަކީ ހުރިހާކަމަކަށްވެސް މަގުފަހިވަނީ ފައިސާ ދައްކައިގެން ކަމަށްވާތީ. ދުނިޔޭގެ ހުރިހާހިސާބެއްގަވެސް ކުޅިވަރުކުޅެން އެންމެ މޮޅެތި އެތުލީޓުންގެތެރެއިން އާދަޔާޚިލާފަށް ގިނައީ ފަގީރު އާއިލާތަކުން އަންނަކުދިން. އެކެޑަމީތަކުން ވިޔަފާރިއުސޫލުން ކަންތައްކުރަން އުޅުނީމަ ވާގޮތަކީ އެތަންތަނުން ތަމްރީންހޯދަން ދަނީ ފުދުންތެރި އާއިލާތަކުގެ ކުދިން. ކެރިއަރެއްގެ ގޮތުގަ ކުޅިވަރު ކުޅުމުގެ ބަދަލުގަ ހޮބީއަކަށް ފޫހިފިލުވާލަން ކުޅިވަރުކުޅޭ ކުދިން.