މެލޭޝިއާގެ ޓްރެކް އެންޑް ފީލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ އެތުލީޓުން
12 ސެޕްޓެމްބަރ 2025 - 11:54
މެލޭޝިއާގެ ސީއޭކޭ އެކަޑަމީން ބާއްވާ ޓްރެކް އެންޑް ފީލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ ޖޫނިއާ އެތުލީޓުންގެ ޓީމެއް މެލޭޝިއާ އަށް ހިނގައްޖެ އެވެ.
"ސުޕަ ހީރޯ ޓްރެކް އެންޑް ފީލްޑް ޗެމްޕިއަންޝިޕް" ގެ ނަމުގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ހަ އެތުލީޓަކު އަމިއްލަ ގޮތުން ވާދަކުރާނެ އެވެ.
އެއީ ނަސީރު ސްޕޯޓްސް އެކަޑަމީގެ މަރްޔަމް އަންޖަލް ރަދީފް، މުހައްމަދު އިޒްއާން ރަދީފް، ނޫހް އިހްލާސް ސަލްމާން، މުހައްމަދު އަލްމާން ހަސަން، ޔުއާން އަހްތަރެވެ. ދެން ވާދަކުރާނީ ސާއިދު ސްޕޯޓްސް އެކަޑަމީގެ އުލުވާން އިބްރާހިމް އުމަރެވެ.
މި އެތުލީޓުންގެ ކޯޗެއްގެ ގޮތުގައި ދިޔައީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލެވެ.
އޭނާ ބުނީ ރާއްޖޭގެ ދެ އެކަޑަމީއަކުން އެތުލީޓުން ބައިވެރިވިޔަސް، މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ ނަމުގައި ކަމަށެވެ.
"ޓީމު މޯލްޑިވްސްގެ ނަމުގައި ހުރިހާ ކުދިން ވާދަކުރާނީ. ސާއިދު އެކަޑަމީގެ އުލްވާން ވެސް ރިލޭގައި ދުވާނީ އެއްކޮށް އެއް ޓީމެއްގައި،" އޭނާގެ އަމިއްލަ އެކަޑަމީގައި އިސް ކޯޗުކަން ވެސް ކުރާ ނަސީރު ބުންޏެވެ.
"އަހަރެމެން އަމިއްލަގޮތުން ވާދަ ކުރިޔަސް މި ތަމްސީލު ކުރަނީ ގައުމު. ހުރިހާ ކުދިން ވެސް ރަޖިސްޓަރީކޮށްފައި އިންނާނީ ޓީމު މޯލްޑިވްސްގެ ނަމުގައި."
މެލޭޝިއާގެ ބައްގީގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތަކީ ސުޕަ ހީރޯ ޓްރެކް އެންޑް ފީލްޑް ޗެމްޕިއަންޝިޕްގެ މިއަހަރުގެ ދެވަނަ ސީރީޒް މުބާރާތެވެ. ފުރަތަމަ ސީރީޒް ބޭއްވީ އޭޕްރީލް މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy