ކުޅިވަރު / ދިވެހި ސާފް ލީގް

މާބައިދޫގެ ރާޅުގަނޑުގައި ވެސް ޗެމްޕިއަނަކީ ހަމަ ތުލުސްދޫގެ އަންމަޑޭ

ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް، މ. މުލީގެ "މުލީކޮޅު" މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ އަންމަޑޭ

ފައިނަލް ހީޓަށް ފަހު އަންމަޑޭ --- ފޮޓޯ: ޝާބިން | ސިޑިބަރި

13 ސެޕްޓެމްބަރ 2025 - 20:27

ލ. މާބައިދޫ މެޝިން ސާފް ބްރޭކުގައި ކުރިއަށް ގެންދިޔަ "ކެރަންޑޫ" މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އަންމަޑޭ) ހޯދައިފި އެވެ.

ޖުމުލަ 25 ސާފަރުންނާ އެކު ބުދަ ދުވަހު ފެށި މުބާރާތުގެ ޗެމްޕިއަންކަން އަންމަޑޭ ހޯދާފައި ވަނީ މިއަދު ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި، ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަހުމަދު ނާޝިދާ ވާދަކޮށް، ޖުމްލަ އެއް ޕޮއިންޓްގެ ތަފާތަކުންނެވެ.

ފައިނަލް ހީޓުގައި ހަތް ރާޅުން އަންމަޑޭ ވަނީ 15.34 ޕޮއިންޓް ހޯދާފަ އެވެ. އޭނާގެ ފަހު ދެ ރާޅުގައި 8.17 އާއި 7.17 ޕޮއިންޓަކާ ސްކޯ ކުރި އެވެ. ޔަސީން ވަނީ އޭނާގެ ހަ ރާޅުގައި ޕާފޯމްކޮށްފަ އެވެ. އޭނާގެ ތިންވަނަ ރާޅަށް ހޯދި 8.67 ޕޮއިންޓާއި ފަހު ރާޅުގައި ހޯދި 5.67 ޕޮއިންޓާ އެކު އޭނާ އަށް ޖުމްލަ 14.34 ޕޮއިންޓް ހޯދައިފަ އެވެ.

ފައިނަލް ހީޓަށް ފަހު އަންމަޑޭ (ކ) އާއި ޔަސީން (ވ).-- ފޮޓޯ ސިޑިބަރި | ޝާބިން

މިއީ އުމުރުން 14 އަހަރުގެ ޔަސީން، އޯޕަން ބައިގެ ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އުމުރުން 14 އަހަރުގައި، މިދިޔަ އަހަރު އޮތް މުލީކޮޅު ރާޅުގަނޑުގެ އޯޕަން ބައިގެ ފައިނަލްގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ވާދަ ކޮށްފަ އެވެ.

ހަމައެއާއެކު ޔަސީން ވަނީ ކެރަންޑޫގައި ޖޫނިއާ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އޭނާ އޯޕަން ބައިގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލްގެ ހީޓުގައި، ޖޫނިއާ ފައިނަލްގައި ވެސް ވާދަކުރި މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކޮށްފަ އެވެ.

ސެމީ ފައިނަލްގެ ހީޓުގައި ޔަސީން ވަނީ 13.37 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އިނާން އަށް ސްކޯ ކުރެވުނީ 10.93 ޕޮއިންޓެވެ.

އަންމަޑޭ ވަނީ ސެމީ ފައިނަލް ހީޓުގައި އަހުމަދު ހިޝާމް ޝަހީމާ ވާދަކޮށް ޖުމްލަ 13 ޕޮއިންޓް ހޯދައިފަ އެވެ. ހިޝާމް އަށް ލިބުނީ 6.60 ޕޮއިންޓެވެ.

ސާފް ލީގުގެ ތިން އިވެންޓުގެ އެއްވަނަ އަދި ދެވަނަ ހޯދި އެތުލީޓުން؛ ޖާއްޓެ (ބޮޑީބޯޑިން ޗެމްޕިއަން) ، ކައިފް (ބޮޑީބޯޑިން ރަނަރަޕް)، އަންމަޑޭ (އޯޕަން ޗެމްޕިއަން)، އިނާން (ޖޫނިއާ ރަނަރަޕް)، ޔަސީން (ޖޫނިއާ ޗެމްޕިއަން އަދި އޯޕަން ރަނަރަޕް).-- ފޮޓޯ: ސިޑިބަރި | ޝާބިން

ކުއާޓާ ފައިނަލްގައި އަންމަޑޭ ވާނީ ސައްޔިދު ސަލާހުއްދީނާ ވާދަކޮށް 12 ޕޮއިންޓް ހޯދައިފަ އެވެ. ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ހިޝާމް، ކުއާޓާގައި 10.07 ޕޮއިންޓް ހޯދި އިރު، އިނާން ވަނީ އަހުމަދު ލުޒެއިން އާ ވާދަކޮށް 12.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަދި ޔަސީން ވަނީ ކުއާޓާގައި މުހައްމަދު ފާރިޒް އާ ވާދަކޮށް 13.50 ޕޮއިންޓް ސްކޯކޮށް، ޖުމްލަ 2.5 ޕޮއިންޓުން ކުރި ހޯދައިފަ އެވެ.

އަންމަޑޭ ވަނީ މިއަހަރުގެ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އަންމަޑޭ ހޯދީ ފައިނަލްގައި އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށްފަ އެވެ. މި މުބާރާތުގައި ސްމައިލީ ބައިވެރިވެފައި ނުވާއިރު، އޭނާ އަންނަނީ ރާއްޖޭގެ ފޯ ސީޒަންސް ރިސޯޓުގައި ބާއްވާ ސާފިން ޗެމްޕިއަންސް ޓްރޮފީގައި ވާދަ ކުރަމުންނެވެ.

މާބައިދޫގައި އެމްއެސްއޭ އިން ވަނީ ފުރަތަމަ ފަހަރަށް ބޮޑީބޯޑިން އިވެންޓެއް ވެސް ހިމަނައިފަ އެވެ. ބޮޑީބޯޑިން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އަލީ ޖާވިދު (ޖާއްޓެ) އެވެ.

ގައުމީ ސާފް ލީގުގައި މިއަހަރު ދެން އޮންނާނީ މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454