ކުޅިވަރު

ރެކޯޑް ސްކޯއަކާ އެކު ޔަސީން ކެރަންޑޫގެ ޖޫނިއާ ޗެމްޕިއަންކަން ހޯދައިފި

ޖޫނިއާ ފައިނަލް ހީޓަށް ފަހު، މުބާރާތުގެ ބޮޑީބޯޑިންގެ ބައިވެރިންތަކެއް ޔަސީން އުފުލާލައިގެން އެއްގަމަށް އަރުވަނީ.-- ފޮޓޯ: ސިޑިބަރި/ ޝާބިން

13 ސެޕްޓެމްބަރ 2025 - 12:46

މުޅިން އަލަށް ލ. މާބައިދޫގައި ކުރިއަށްދާ ދިވެހި ސާފް ލީގުގެ މުބާރާތް، "ކެރަންޑޫ 2025" ގެ ޖޫނިއާ ޗެމްޕިއަންކަން ރެކޯޑް ސްކޯ އަކާއެކު ޔަސީން އަހުމަދު ނާޝިދު ހޯދައިފި އެވެ.

ޔަސީން ޗެމްޕިއަންކަން ހޯދީ އިއްޔެ ކުރިއަށްދިޔަ ފައިނަލް ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް ޖުމްލަ 16 ޕޮއިންޓް ހޯދައިގެންނެވެ. އިނާން އަށް ސްކޯ ކުރެވުނީ 6.33 އަކާއި 6.60 ޕޮއިންޓަކާ އެކު ޖުމްލަ 12.93 ޕޮއިންޓެވެ.

ޔަސީންގެ ފުރަތަމަ ރާޅުގައި ހަ ޕޮއިންޓް ހޯދި އިރު، އޭނާގެ ހަތަރުވަނަ ރާޅުގައި ވަނީ ފުރިހަމަ 10 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މިއީ ރާޅާއެޅުމުގެ ތާރީހުގައި ވެސް މުބާރާތެއްގެ ޖޫނިއާ ބައިން، ރާޅަކަށް ފުރިހަމަ ޕޮއިންޓް ލިބުނު ފުރަތަމަ ފަހަރެވެ.

ފައިނަލް ހީޓަށް ފަހު ޔަސީން، އޭނާ ވަނީ ފައިނަލް ހީޓުގެ ރާޅަކަށް ފުރިހަމަ 10 ޕޮއިންޓް ސްކޯ ކޮށްފަ.-- ފޮޓޯ: ސިޑިބަރި/ ޝާބިން

މީގެ ކުރިން މުބާރާތެއްގައި ދިވެހި ރާޅާއެޅުންތެރިއެއް، ރާޅަކަށް ފުރިހަމަ 10 ޕޮއިންޓް ހޯދާފައި ވަނީ 2023 ވަނަ އަހަރެވެ. އެ އަހަރު ކ. ތުލުސްދޫގައި އޮތް ރަންދާ ރާޅުގަނޑުގެ އޯޕަން ބައިގެ ފަސްވަނަ ބުރުގެ ހީޓުގައި ވާދަކޮށް އަހުމަދު އާގިލް (އަންމަޑޭ) ވަނީ އެ ހީޓުގެ ދެވަނަ ރާޅުގައި ފުރިހަމަ ސްކޯއެއް ހޯދައިފަ އެވެ.

ހަމައެއާއެކު އިއްޔެގެ ފައިނަލް ހީޓުގައި ޔަސީންގެ ޖުމްލަ ސްކޯ، 16، އަކީ މި މުބާރާތުގެ ޖޫނިއާ ބައިގެ ހީޓެއްގައި، އެތުލީޓެއް ހޯދި އެންމެ މަތީ ސްކޯ އެވެ.

މިދިޔަ އަހަރުގެ ލީގުގެ ޖޫނިއާ ޗެމްޕިއަން އިނާން ވަނީ، ސެމީ ފައިނަލް ހީޓުގައި 8.17 އަކާއި ހަތް ޕޮއިންޓަކާ އެކު ޖުމްލަ 15.17 ސްކޯ ކޮށްފަ އެވެ. ސެމީގައި އިނާނާ ވާދަކުރި ކަޔާން އަބްދުﷲ އަރީފަށް ލިބުނީ ޖުމްލަ 10.07 ޕޮއިންޓެވެ.

ސެމީގެ ފުރަތަމަ ހީޓުގައި ޔަސީން ވަނީ އަހުމަދު ލުޒެއިނާ ވާދަކޮށް 11.67 ޕޮއިންޓް ހޯދައިފަ އެވެ. ލުޒެއިން އަށް ލިބުނީ ޖުމްލަ 8.50 އެވެ.

ކުއާޓާ ފައިނަލް ހީޓަށް ފަހު ސައްޔިދު (ކ) އާއި އިނާން (ވ).-- ފޮޓޯ: ސިޑިބަރި/ ޝާބިން

މިއަހަރު އެންމެ ފުރަތަމަ ބޭއްވި މުލީކޮޅު ރާޅުގަނޑުގެ ޖޫނިއާ ޗެމްޕިއަން ސައްޔިދު ސަލާހުއްދީން ކެޓީ، ކުއާޓާ ފައިނަލާ ހަމައިންނެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ ހީޓުގައި އޭނާ ކެޓީ ވެސް ޔަސީން އާއި އިނާނާ ވާދަކޮށެވެ. ޖުމްލަ 14 ޕޮއިންޓާ އެކު ޔަސީން އެ ހީޓުގެ އެއްވަނަ ހޯދި އިރު، އިނާން ވަނީ 11.67 ޕޮއިންޓާ އެކު ދެވަނަ ހޯދައިފަ އެވެ. ސައްޔިދަށް 9.50 ޕޮއިންޓް ލިބުނު އިރު، ހީޓުގައި ދެން ވާދަކުރި އަހުމަދު އާލް އާދިލް އަށް ލިބުނީ 2.94 ޕޮއިންޓެވެ.

ކުއާޓާގެ ދެވަނަ ހީޓުގެ އެއްވަނަ ހޯދީ 14.17 ޕޮއިންޓް ހޯދި ކަޔާން އަބްދުﷲ އަރީފް އެވެ. ދެވަނައަށް ދިޔަ ލުޒެއިން ވަނީ 8.50 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓުން ތިންވަނައަށް ދިޔަ މުހައްމަދު ރައުލް އަށް 5.67 ޕޮއިންޓް ލިބުނު އިރު ދެން ވާދަކުރި މުހައްމަދު އާހިލް އިބްރާހިމަށް ލިބުނީ 4.40 ޕޮއިންޓެވެ.

ކެރަންޑޫގެ ޖޫނިއާ ބައިގައި ޖުމްލަ 18 ސާފަރުން ވާދަކޮށްފައިވެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454