ފުވައްމުލަކުގައި ބޭއްވި މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް "އެލޭއިސް" ގައި ޖޫނިއާ ސާފިން ޗެމްޕިއަންކަން ނޫހް މުހައްމަދު ދުނެއިމް އިރުޝާދު މިއަދު ހޯދައިފި އެވެ.

މިއީ އުމުރުން 15 އަހަރުގެ ނޫހް ލީގު އިވެންޓެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި މުހައްމަދު އިނާންއާ ވާދަކޮށް 9.07 ޕޮއިންޓް ހޯދައިފަ އެވެ. އިނާނަށް ލިބުނީ 8.93 ޕޮއިންޓެވެ.

ޖުމްލަ 16 ބައިވެރިން ވާދަކުރި ޖޫނިއާ ޑިވިޝަންގެ ސެމީ ފައިނަލްގައި ނޫހް ވަނީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން ޔަސީން އަހުމަދު ނާޝިދާ ވާދަކޮށް ޖުމްލަ 2.1 ޕޮއިންޓްގެ ތަފާތަކުން ކުރި ހޯދައިފަ އެވެ. ނޫހް ޖުމްލަ 11.77 ޕޮއިންޓު ހޯދި އިރު ޔަސީނަށް ލިބުނީ 9.67 ޕޮއިންތެވެ.

އިނާން ވަނީ ސެމީ ފައިނަލް ހީޓުގައި ކަޔާން އަބްދުﷲ އަރީފާ ވާދަކޮށް ޖުމްލަ 11.74 ޕޮއިންޓް ހޯދައިފަ އެވެ. ކަޔާން އަށް ލިބުނީ 10.27 ޕޮއިންޓެވެ.

މިއީ ބޮޑީބޯޑިންގައި ވެސް ފާހަގަ ކޮށްލެވޭ ނޫހް، ދިވެހި ސާފް ލީގު އިވެންޓެއްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާ ވަނީ 2024 ގެ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ އިވެންޓްގެ ފައިނަލްގައި ވާދަކޮށްފަ އެވެ.

ނޫހް ވަނީ މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ތިން އިވެންޓުން ވެސް ތިންވަނަ ހޯދައި، ލީގުގެ ވެސް ތިންވަނަ އަށް ދަތުރުކޮށްފަ އެވެ.