ފުވައްމުލަކުގައި ބޭއްވި މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް "އެލޭއިސް" ގެ އަންހެން އޯޕަން ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ނަހާ ނަސްރުﷲ ހޯދައިފި އެވެ.

މީގެ ކުރިން އެމްއެސްއޭ އިން ބޭއްވި އަންހެން އޯޕަންގެ ހަތް އިވެންޓުގެ ޗެމްޕިއަނަކީ ވެސް މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ މުބާރާތުގައި މިކަން ވަނީ ބަދަލު ކޮށްލައިފަ އެވެ.

ނަހާ ޗެމްޕިއަންކަން ހޯދީ މިއަދު ބޭއްވި ފައިނަލް ހީޓުގައި އާޔާ ފަހަތަށް ޖައްސާލައި، ޖުމްލަ 8.10 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ފުރަތަމަ ދެ ރާޅަށް 5.17 ޕޮއިންޓާއި 2.93 ޕޮއިންޓް ހޯދައިގެންނެވެ. އާޔާ އަށް ހޯދުނީ ޖުމްލަ 5.37 ޕޮއިންޓެވެ.

އެލޭއިސް ގައި ވަނަތައް ހޯދި ބައިވެރިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެލޭއިސް ގައި ވަނަތައް ހޯދި ބައިވެރިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ފައިނަލް ހީޓުގައި ހަތަރު ސާފަރުން ވާދަކޮށްފައި ވާއިރު، ތިންވަނަ އަށް ދިޔަ އުމުރުން ނުވަ އަހަރުގެ އާލިޔާ ލަތީފަށް ވަނީ 4.17 ޕޮއިންޓް ލިބިފަ އެވެ. އައިޝަތު އަލީޝާ ހަސަނަށް ހޯދުނީ ހަތަރު ޕޮއިންޓެވެ. އޭނާގެ ދެވަނަ އަށް އެންމެ ރަނގަޅު ސްކޯ ވަނީ އިންޓަފިއަރެންސެއްގެ ސަބަބުން ކެންސަލް ވެފަ އެވެ.

މިއީ ނަހާ، ދިވެހި ސާފް ލީގުގައި ވާދަ ކުރި ހަވަނަ އިވެންޓެވެ. މީގެ ކުރިން އޭނާ ވަނީ 2021 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ކޮންމެ އަހަރެއްގެ ރަންނަމާރި ޗެލެންޖްގައި ވާދަކޮށްފަ އެވެ. އެގޮތުން 2022 އަދި 2023 ގައި އޭނާ ވަނީ ފައިނަލް ހީޓުގައި ވާދަކޮށް އިވެންޓްގެ ދެވަނަ ހޯދައިފަ އެވެ.