މ. މުލީގައި މިހާރު ކުރިއަށްދާ މުލީކޮޅު ރާޅުގަނޑުގެ ސެމީ ފައިނަލުން ޒުވާން ރާޅާއެޅުންތެރިން ފުރުސަތު ހޯދައިފި އެވެ.

މި އަހަރުގެ ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑު މުބާރާތުގެ އޯޕަން ބައި ކުރިއަށް ދަނީ 23 ބައިވެރިންނާ އެކު އެވެ. ސެމީ ފައިނަލަށް ހަތަރު އެތުލީޓުން ހޮވިފައި ވާއިރު، ތިން އެތުލީޓުންނަކީ 18 އަހަރުން ދަށުގެ ރާޅާއެޅުންތެރިންނެވެ.

އެގޮތުން ފުރަތަމަ ހީޓުގައި ވާދަ ކުރާނީ ޔަސީން އަހުމަދާއި ސައްޔިދު ސަލާހުއްދީން އެވެ. ދެވަނަ ހީޓުގައި ހުސެއިން އަޒާން އިސްމާއިލް ނުކުންނާނީ ދެ ފަހަރު ސާފް ލީގު ކާމިޔާބު ކޮށްފައިވާ އަހުމަދު އާގިލް (އަންމަޑޭ) އާ ދެކޮޅަށެވެ.

އަންމަޑޭ.-- ފޮޓޯ: އެމްއެސްއޭ
އަންމަޑޭ.-- ފޮޓޯ: އެމްއެސްއޭ

ފުވައްމުލަކުގައި ބޭއްވި މި އަހަރުގެ ފުރަތަމަ މުބާރާތުގައި ވެސް ޒުވާން އެތުލީޓުން ވަނީ ތަޖުރިބާކާރު ރާޅާއެޅުންތެރިން ފަހަތަށް ޖައްސާލައިފަ އެވެ. އެ މުބާރާތުގެ ސެމީގައި މުޅިން ވެސް ވާދަ ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ރާޅާއެޅުންތެރިންނެވެ. އަދި ޗެމްޕިއަންކަން ހޯދީ އުމުރުން 16 އަހަރުގެ ޔަސީން އެވެ.

މުލީކޮޅުގެ ސެމީ އަށް ޔަސީން ދަތުރު ކުރީ ކުއާޓާގެ ހީޓުގައި ޖުމްލަ 12.67 ޕޮއިންޓް ހޯދައިގެން 1.17 ޕޮއިންޓްގެ ތަފާތަކުން މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކޮށެވެ. ދެވަނަ ހީޓުގައި ސައްޔިދު ސަލާހުއްދީން ވަނީ 9.60 ޕޮއިންޓް ހޯދައިގެން 0.5 ޕޮއިންޓްގެ ތަފާތަކުން ނޫހް މުހައްމަދު ދުނެއިމް އިރުޝާދުގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި ތިންވަނަ ހީޓުގައި ކަޔާން އަބްދުﷲ އަރީފްއާ ވާދަކޮށް ޖުމްލަ 8.73 ޕޮއިންޓް ހޯދައިގެން 0.9 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ކުރީ އަޒާން އެވެ. 

އޯޕަން ބައިގެ ސެމީ ފައިނަލް ހީޓުގައި ވާދަކުރާ ބައިވެރިން.-- ފޮޓޯ: އެމްއެސްއޭ
އޯޕަން ބައިގެ ސެމީ ފައިނަލް ހީޓުގައި ވާދަކުރާ ބައިވެރިން.-- ފޮޓޯ: އެމްއެސްއޭ

ފަހު ހީޓުގައި ވާދަ ކުރީ އަންމަޑޭ އާއި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. މިއީ ކުއާޓާގައި 18 އަހަރުން މަތީގެ ސާފަރުން ވާދަކުރި ހަމައެކަނި ހީޓެވެ. މި ހީޓް އަންމަޑޭ ކާމިޔާބު ކުރީ ޖުމްލަ 10.50 ޕޮއިންޓް ސްކޯ ކޮށްގެން 0.34 ޕޮއިންޓްގެ ތަފާތަކުންނެވެ.

މުލީކޮޅު ރާޅުގަނޑުގެ 18 އަހަރުން ދަށުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލަށް ވެސް އެތުލީޓުން ވަނީ ހޮވިފަ އެވެ.

ޖުމްލަ 16 ބައިވެރިންނާ އެކު ކުރިއަށް ގެންދާ މި ބައިގެ ސެމީގެ ފުރަތަމަ ހީޓުގައި ވާދަ ކުރާނީ އަޒާން އާއި ކަޔާން އަރީފް އެވެ. ދެވަނަ ހީޓުގައި ވާދަ ކުރާނި އިނާން އާއި އަހުމަދު ރަފާން ރައޫފް އެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓުގައި ވާދަކުރާ ބައިވެރިން.-- ފޮޓޯ: އެމްއެސްއޭ
ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓުގައި ވާދަކުރާ ބައިވެރިން.-- ފޮޓޯ: އެމްއެސްއޭ

ޖޫނިއާ ބައިގެ ކުއާޓާގައި ދެ ހީޓެއް ކުރިއަށް ގެންދިޔަ އެވެ. ފުވައްމުލަކުގައި ޖޫނިއާ ޗެމްޕިއަންކަން ހޯދި ނޫހް ފަހަތަށް ޖައްސާލައި ފުރަތަމަ ހީޓުން ކުރި ހޯދީ އަޒާން އާއި ރަފާން އެވެ. އަޒާން ވަނީ 7.57 ޕޮއިންޓް ހޯދައިގެން ހީޓްގެ އެއްވަނަ ހޯދައިފަ އެވެ. ރަފާން ދެވަނަ ހޯދީ 6.40 ޕޮއިންޓް ހޯދައިގެންނެވެ. ނޫހް އަށް ލިބުނީ 5.73 ޕޮއިންޓެވެ.

ޖޫނިއާ ބައިގެ ކުއާޓާގެ ދެވަނަ ހީޓްގައި އިނާން ވަނީ 10.17 ޕޮއިންޓާ އެކު އެއްވަނަ ހޯދައިފަ އެވެ. ކަޔާން އަރީފް ދެވަނަ ހޯދީ 9.50 ޕޮއިންޓާ އެކު އެވެ. ދެން ވާދަ ކުރި ޔަސީން އަށް ލިބުނީ 6.26 ޕޮއިންޓެވެ.