މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް "އެލޭއިސް" ގައި ކުރިއަށް ގެންދިޔަ ބޮޑީބޯޑިން އޯޕަން ޑިވިޝަން އިވެންޓްގެ ޗެމްޕިއަންކަން އުމުރުން 15 އަހަރުގެ އަހުމަދު ޖިވާއު ޖިހާދު ހޯދައިފި އެވެ.

ޖިވާއު ޗެމްޕިއަންކަން ހޯދީ މިއަދު ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި ތަޖުރިބާކާރު ސާފަރު އަލީ ޖާވިދު (ޖާއްޓެ) އާ ވާދަކޮށް ޖުމްލަ 0.1 ޕޮއިންޓްގެ ތަފާތަކުންނެވެ.

ފައިނަލް ހީޓުގައި ޖިވާއު އެންމެ މަތިން ސްކޯ ކޮށްފައިވާ ދެ ރާޅަށް ލިބިފައި ވަނީ 7.17 ޕޮއިންޓަކާއި ހަ ޕޮއިންޓެވެ. ނަމަވެސް އިންޓަފިއަރެންސެއްގެ ސަބަބުން އޭނާގެ ދެވަނައަށް އެންމެ ރަނގަޅު ސްކޯގެ 50 ޕަސެންޓް އުނި ކުރުމަށް ފަހު ގުނީ ތިން ޕޮއިންޓްގެ ގޮތުގަ އެވެ. މިއާ އެކު ޖުމްލަ ލިބުނީ 10.17 ޕޮއިންޓެވެ.

ވިވާއު، މެންސް އޯޕަން ޗެމްޕިއަން ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ވިވާއު، މެންސް އޯޕަން ޗެމްޕިއަން ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޖާއްޓެ ވަނީ 4.50 ޕޮއިންޓާއި 5.57 ޕޮއިންޓާ އެކު ޖުމްލަ 10.07 ޕޮއިންޓް ހޯދައިފަ އެވެ.

ޖިވާއު ވަނީ ސެމީ ފައިނަލްގައި، މިދިޔަ އަހަރުގެ ބޮޑީބޯޑިން ލީގު ކާމިޔާބު ކުރި އާމިން އުމަރު މޫސާ ފަހަތަށް ޖައްސާލައިފަ އެވެ. ޖިވާއު ޖުމްލަ 12 ޕޮއިންޓް ސެމީ ފައިނަލް ހީޓުގައި ހޯދި އިރު އާމިން އަށް ލިބުނީ 11.23 ޕޮއިންޓެވެ.

ޖާއްޓެ ފައިނަލަށް ދިޔައީ ސެމީ ފައިނަލް ހީޓުގައި ޝިމާލް ޝަމީމް އާ ވާދަކޮށް ޖުމްލަ 12.50 ޕޮއިންޓް ހޯދައިގެން 2.67 ޕޮއިންޓްގެ ތަފާތަކުންނެވެ.

އެލޭއިސް ގައި ވަނަތައް ހޯދި ބައިވެރިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެލޭއިސް ގައި ވަނަތައް ހޯދި ބައިވެރިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މި މުބާރާތުގެ ބޮޑީބޯޑިން އޯޕަން ބައިގައި ޖުމްލަ 19 ބޮޑީބޯޑަރުން ވާދަ ކޮށްފައިވެ އެވެ.

ޖޫނިއާ ޗެމްޕިއަނަކީ ވެސް ޖިވާއު

އެމްއެސްއޭ އިން ވަނީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ޖޫނިއާ ބޮޑީބޯޑިން ޑިވިޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދީ ޖިވާއު އެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި ޖުމްލަ 9.40 ޕޮއިންޓް ހޯދައިފަ އެވެ.

ވިވާއު، ޖޫނިއާ ޗެމްޕިއަން ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ވިވާއު، ޖޫނިއާ ޗެމްޕިއަން ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ފައިނަލް ހީޓުގައި ހަތަރު ބޮޑީބޯޑަރުން ވާދަ ކޮށްފައި ވާއިރު ދެވަނައަށް ދިޔަ ނޫހް މުހައްމަދު ދުނެއިމް އިރުޝާދަށް ލިބިފައި ވަނީ 8.44 ޕޮއިންޓެވެ. މުހައްމަދު ލިބާން އަށް 6.50 ޕޮއިންޓް ލިބުނު އިރު ޝާއިފް ޝަރީފް އަށް ލިބިފައި ވަނީ 6.24 ޕޮއިންޓެވެ.

ޖޫނިއާ އިވެންޓުގައި ވަނީ ޖުމްލަ 20 އެތުލީޓުން ވާދަ ކޮށްފަ އެވެ.