ގައުމީ ޓީމަށް ނެގި އާ ކުޅުންތެރިން؛ ރާހިލް، ފާސިރު، ޝަމާލް، ޒިމާމް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު - ސިޑިބަރި/ އިޔާން
16 ސެޕްޓެމްބަރ 2025 - 22:31
ފުޓްބޯޅައިން ވެސް މަޝްހޫރުކަން ހޯދި ހަތަރު ކުޅުންތެރިން ހިމަނައިގެން އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި އެވެ.
މިއަހަރުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ފުޓްސަލް ޓީމުން މުޅިން އަލަށް ޖާގަ ހޯދި ހަތަރު ކުޅުންތެރިންނަކީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) އަދި އަހުމަދު ރާހިލް ރަޝީދުގެ އިތުރުން ގޯލްކީޕަރު އަބްދުﷲ ޒިމާމް އެވެ.
އާ ކޯޗު އަހުމަދު ނިޔާޒް (ނިޔާ)ގެ ފައިނަލް ސްކޮޑުން ދެން ޖާގަ ހޯދީ އަހުމަދު އަޔާޒް (އަޔާ)، ސާމިން މުހައްމަދު ނަސީރު، އަލީ ޝިޔާހް (ޝިޔާ)، އިސްމާއިލް ވަޖީހް (ވައްޖެ)، ހުސެއިން ސުހެއިލް (ސޮކޭ)، ހުޒެއިފަތު ރަޝީދު (ހުޒޭ)، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަދު އިމްރާން (އިންމި)، އަލީ ހާފިޒް (ހާއްޕެ) އަދި ގޯލްކީޕަރު އަބްދުﷲ ނާސިހް އެވެ.
ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމް.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ޓީމުގެ އެސިސްޓެންޓް ކޯޗަކީ މުހައްމަދު ފުހެއިދު (ޓޯޑް) އެވެ. އަދި މެނޭޖަރަކީ އެފްއޭއެމްގެ އެކްސްކޯ މެންބަރު މުހައްމަދު އުމެއިރެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނެނީ އަފްޣާނިސްތާނާއި މިޔަންމާ އާއެކު ގުރޫޕް އެޗްގަ އެވެ. އަންނަ ހޮނިހިރު ދުވަހު އަފްޣާނިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު މިޔަންމާއާ ދެކޮޅަށް ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.
ގުރޫޕްގެ އެއްވަނަ ޓީމު، އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ވާއިރު، ގުރޫޕްތަކުގެ ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ ހަތް ޓީމުގެ ތެރޭގައި ހިމެނިގެން ވެސް މުބާރާތަށް ކޮލިފައި ވުމުގެ ފުރުސަތު އޮންނާނެ އެވެ. ކޮލިފައިން އަށް ގައުމީ ޓީމު މިޔަންމާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.
ޝަންމު އަކީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ކްލަބް އީގަލްސް އިން ކެރިއަރު ފެށުމުގެ ކުރިން އޭނާ އަކީ މިނިވަން 50 މުބާރާތުގައި ފުވައްމުލަކު ދޫނޑިގަން ޓީމުގެ ބަދަލު ގޯލްކީޕަރެވެ. އެ މުބާރާތުގެ ކުރިން އޭނާ ވަނީ މާޒިޔާގެ ޓްރަޔަލް އެއްގައި ވެސް ބައިވެރި ވެފަ އެވެ.
ޝަންމު، ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ފުރަތަމަ މެޗު؛ ސީރިއާއާ ދެކޮޅަށް.-- ފޮޓޯ: އެފްއޭއެމް
ގޯލު ދޫކޮށް ޑިފެންޑަރެއްގެ ގޮތުގައި އީގަލްސްގެ ޔޫތު ޓީމުން ވިދާލި ޝަންމު ވަނީ ޔުނައިޓެޑް ވިކްޓަރީ އަށް ވެސް މޮޅަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ 2021 ވަނަ އަހަރު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ އެކު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކެއް ކުޅެފަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ ގައުމީ ޓީމަށް ކުޅުނު ފުވައްމުލައް ސިޓީގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މީގެ އިތުރުން ޝަންމު ވަނީ 2023 ވަނަ އަހަރު އޮތް ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އަށް ނެގި ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.
ކުރިން އީގަލްސް އާއި ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅުނު ފާއްޓޭގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ ޑިވިޝަނާ ދުރުގައި ގިނަ އަހަރުތަކެއް ހުރި ނަމަވެސް، އަނިޔާއިން ރަނގަޅުވެ އޭނާ އައީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރު އަލުން އީގަލްސްގެ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނު ނަމަވެސް މެޗެއް ނުކުޅެއެވެ. އެކަމަކު އެ އަހަރުގެ ދެވަނަ ޑިވިޝަނުގައި އޭނާ ވަނީ ޖޭޖޭ ސްޕޯޓްސް ކަލަބަށް ކުޅެފަ އެވެ.
ފާއްޓޭ މިދިޔަ އަހަރު އޮތް ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މާލެ ސިޓީ ކޮޅަށް ގޯލެއް ޖެހުމަށް ފަހު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ، ފާއްޓޭ ވަނީ މިދިޔަ އަހަރު އޮތް ނައިންޓީ-ޕްލަސް ގޯލްޑް ކަޕް ބ. އޭދަފުށިން ކާމިޔާބު ކުރި އިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ހަމަ އެއާއެކު 2023 ވަނަ އަހަރު އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ފުޓްސަލް މުބާރާތް ކާމިޔާބު ކުރި އިރު އޭނާއަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މީގެ އިތުރުން މިއަހަރު އޮތް ކްލަބް މޯލްޑިވްސް ކިންގްސް ކަޕްގެ ފައިނަލް ކުޅުނު އޭދަފުށީ ކްލަބް ކޮމްބިނޭޝަނަށް މޮޅު ކުޅުމެއް ކުޅެދީ، އޭނާ ވަނީ މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެމުން އަންނަ ގއ. ދެއްވަދޫގެ އަހުނަފް ރަޝީދު (އަހުއްކޮ)ގެ ކޮއްކޮ، ރާހިލް ސީނިއާ ކްލަބް ކެރިއަރު ފެށީ އެންމެ ފަހުން އޮތް އެފްއޭއެމް ދެވަނަ ޑިވިޝަން މުބާރާތުންނެވެ.
ރާހިލް ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލްގައި ބީޖީ ކޮޅަށް ލަނޑެއް ޖެހުމަށް ފަހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަސްއޮޑި ސްޕޯޓްސް ކްލަބް (މިހާރު އޮޑި ސްޕޯޓްސް ކްލަބް) މިދިޔަ އަހަރު ދެވަނަ ޑިވިޝަންގެ ތަށި އުފުލާލި އިރު ރާހިލް ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. މިއަހަރު މުޅިން އަލަށް ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމު ވާދަކުރާއިރު އޭނާއަކީ އެ ޓީމުގެ ސްކޮޑޫގައި ހިމެނޭ ކުޅުންތެރިއެކެވެ.
ފުޓްސަލްގައި ވެސް ގިނަ ކޯޗުންގެ އިތުބާރު ހޯދާފައިވާ ރާހިލް ވަނީ މިއަހަރު ދެއްވަދޫ ޓީމަށް މުޅިން އަލަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އަތޮޅު ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހަމަ އެއާއެކު މިއަހަރުގެ ކްލަބް މޯލްޑިވްސް ކިންގްސް ކަޕްގެ ސެމީ ފައިނަލް ކުޅުނު ޖޯލި މޯލްޑިވްސް ޓީމުގައި ރާހިލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އިތުބާރު ގޯލްކީޕަރު ޒިމާމް ވަނީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ވެސް ހިމެނިފަ އެވެ. ހއ. ކެލާ ފުޓްބޯޅަ ޓީމުން 2016 ވަނަ އަހަރު ފާހަގަވި ކީޕަރު ޖެހިގެން އައި އަހަރު ނިއު ރޭޑިއަންޓަށް ކުޅެނިކޮށް، އޭޝިއަން ކަޕް ކޮލިފައިންގެ ސްކޮޑުން ފުރުސަތު ދިނީ އޭރުގެ ކޯޗު އޮސްޓްރޭލިއާގެ ޑެރެން ސްޓެވާޓެވެ.
ޒިމާމް ވަނީ މާޒިޔާ އާއެކު ދިވެހި ޕްރިމިއާ ލީގު 2019/2020 ކާމިޔާބު ކޮށްފަ.-- ފޮޓޯ: މާޒިޔާ
އެއަށް ފަހު މާޒިޔާ އަށް ވެސް ކުޅުނު ޒިމާމް އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެންމެ ފަހުން 2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދި ސަސްގެ ގޯލު ބެލެހެއްޓި ޒިމާމް ވަނީ އެ ސީޒަންގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފުޓްސަލްގައި ޒިމާމަކީ ކާމިޔާބު ކުޅުންތެރިއެކެވެ. ކްލަބް މޯލްޑިވްސް ކަޕް 2019 ގެ ފައިނަލްގައި ކްލަބް ވެމްކޯއާ އެކު ނާކާމިޔާބާ ކުރިމަތިވީ ނަމަވެސް ފާއިތުވި ދެ އަހަރު އޭނާ ވަނީ ވެމްކޯ އާއެކު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖި8ނކި9މ
17 September 2025
ފުޓުބޯޅަ ނުކުޅޭ މީހަކު އެބަހުރިތަ