ކުޅިވަރު / ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް

ދިގު އިންތިޒާރެއްގެ ނިމުން؛ އަޔާ ގައުމީ ފުޓްސަލް ޓީމަށް

އަޔާޒް؛ މިއީ އޭނާއަށް ގައުމީ ފުޓްސަލް ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

17 ސެޕްޓެމްބަރ 2025 - 22:28

2 comments

ރާއްޖޭގެ ފުޓްސަލްގައި އެންމެ މަގުބޫލު އެއް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ފުރަތަމަ ފަހަރަށް ގައުމީ ފުޓްސަލް ޓީމުގައި ހިމެނުމަކީ މިއީ، އޭނާ އަށް ދިގު އިންތިޒާރަށް ނިމުން ގެނުވި ކަމެކެވެ.

"އަލްހަމްދު ﷲ! އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފަޔާސްގައި ގައުމީ ފުޓްސަލް ޓީމާ އެކު ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުމަކީ ޝަރަފެއް. މި ފުރުސަތުގައި އެންމެ ފުރިހަމައަށް މަސައްކަތް ކުރަން އަހަރެން ތައްޔާރު." ގައުމީ ޓީމާއެކު ކޮލިފައިންއަށް ފުރުމުގެ ކުރިން އަޔާޒް އޭނާގެ ސޯޝަލްމީޑިއާގައި ދޫކޮށްލި ޕޯސްޓުގައި ހާމަކުރި އެވެ.

އޭއެފަސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމާ އެކު އަޔާ، ކްރޮއޭޝިއާގެ ކޯޗު ޕީޓާ ސެގަޓް ވަނީ 2019 ވަނަ އަހަރު އޭނާ އަށް ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ދީފަ އެވެ.

އަޔާ، 2019 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމާ އެކު.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭވައިއެލް އާއި މާޒިޔާ އާއެކު ޔޫތު ޗެމްޕިއަންޝިޕް ކުޅުނު އަޔާ ސީނިއާ ކްލަބް ފުޓްބޯލަ ކުޅެން ފެށީ ދަ ގްރާންޑޭއިންނެވެ. އެ ޓީމު ތިންވަނަ ޑިވިޝަނުގައި ވާދަ ކުރަން ފެށީއްސުރެން އެ ޓީމާއެކު ދެވަނަ ޑިވިޝަން ވެސް ކުޅުނު ފޯވާޑް އެއްވަނަ ޑިވިޝަންގައި ކުޅުނީ ދަ ގްރާންޑޭ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމާ ގުޅިގެން އެ ކްލަބަށެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފުރަތަމަ ސީޒަންގައި ވެސް އެ ކަލަބުގައި އަޔާ ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމާއި ގޯލު ޖެހުމުގެ ހުނަރު ފެނިފައި ސެގަޓް ދިން ފުރުސަތުގައި އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅެފަ އެވެ.

ނަމަވެސް ޕްރޮފެޝަނަލް ކޮށް ފުޓްބޯޅަ ކުޅުމުގެ ވިސްނުން ދޫކޮށްލައި، 2020 ވަނަ އަހަރު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ދިން ގައުމީ ޓީމުގެ ފުރުސަތު ވެސް ދޫކޮށްލައި އަޔާ މިސްރާބު ޖެހީ، ކުރިން ވެސް މަގުބޫލުކަން ހޯދަމުން އައި ފުޓްސަލް ކެރިއަރާއިގެންނެވެ.

އެގޮތުން 2022 ވަނަ އަހަރު ޓީމް ފެނަކަ އާއެކު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބު ކުރި އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ އެވެ. އަދި ޖެހިގެން އައި އަހަރު ވަނީ އުފަން ރަށް ގދ. ވާދޫގެ ކެޕްޓަން ބޭންޑް އަޅައިގެން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ޓީމު ގެންގޮސްދީފަ އެވެ.

އަޔާ، ފެނަކަ އާއެކު 2022 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ތަށި އުފުލާލަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)

ތަފާތު ފޯމެއްގައި އެ ދުވަސްވަރު އަޔާ ހުރި އިރު، 2023 ގައި އޮތް ފުޓްސަލް އޭޝިއަން ކަޕްގައި ވާދަކުރި ގައުމީ ޓީމުން އޭނާ ފެންނާނެ ކަމަށް ވެސް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް އެ ހުވަފެނުގައި ކުލަޖެހޭގޮތް ނުވީ، ރަށެއްގައި އޮތް ފުޓްސަލް މުބާރާތެއްގައި ކުޅެނިކޮށް އޭނާގެ ކަކުލަށް އަނިޔާވެ، އޭސީއެލް ސާޖަރީއެއް ކުރަން ޖެހުމުންނެވެ.

އަނިޔާއިން ރަނގަޅުވެގެން މިދިޔަ އަހަރުގެ ކުރީކޮޅު އެނބުރި އައިސް އަޔާ ވަނީ އަލުން އޭނާގެ ފޯމު ގެންނަން ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދޫއާއެކު އޭނާއަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް، އެމްޕީއެލް އާއެކު ވަނީ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އަދި މިއަހަރުގެ ގޯލްޑަންގައި ވަނީ ވާދޫއާއެކު މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ.

ފުރަތަމަ ޑިވިޝަންގައި ދަ ގްރާންޑޭއަށް ދެ ސީޒަން ކުލެދިނުމަށް ފަހު، ފުޓްބޯޅައާ ދުރުގައި ހުރި އަޔާ ވަނީ އެންމެ ފަހުން އޮތް 2023/2024 ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ހެޑް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ގެ މިއަަހަރުގެ ފުޓްސަލް ފައިނަލް ސްކޮޑުގައި އަޔާގެ އިތުރުން ވެސް އަލަށް ފުޓްސަލް ޓީމުން ފުރުސަތު ލިބުނު ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެ ހަތަރު ކުޅުންތެރިންނަކީ ވެސް ފުޓްބޯޅައިން މަގުބޫލުކަން ހޯދި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) އަދި އަހުމަދު ރާހިލް ރަޝީދުގެ އިތުރުން ގޯލްކީޕަރު އަބްދުﷲ ޒިމާމް އެވެ. މީގެ ތެރެއިން ޝަންމު ވެސް ވަނީ ކުރިން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަލިޔަން

17 September 2025

ރާއްޖޭގައި ހުރި އެންމެ ރީތި ފުޓްސަލް ކުޅުންތެރިޔާ

The name is already taken The name is available. Register?

ޗަކުން

17 September 2025

ހޫން ދެން ތިޔަ ތަށި ލިބުނީ ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454