18 ސެޕްޓެމްބަރ 2025 - 11:41
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގެ ޑެޕިއުޓީ މިނިސްޓަރަކަށް ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު އަބްދުﷲ އިބްރާހީމް (އަބުޅޯ) ހަމަޖައްސައިފި އެވެ.
އެ މަގާމަށް އަބުޅޯ ހަމަޖެއްސިކަން އަންގައި ރައީސް އޮފީހުން އޭނާ ސިޓީ ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު އަބުޅޯ އަދި ރަސްމީކޮށް މަސައްކަތަށް ނުނުކުމެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނާއިބް ރައީސް އަދި، އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވަނީ އަބުޅޯ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ޅ. ކުރެންދޫ އަށް އުފަން އަބުޅޯ އަކީ ގައުމީ މިޑްލް ޑިސްޓެންސް ދުވާ ޓީމުގެ ހެޑްކޯޗެވެ. ރާއްޖޭގެ މިޑްލް ޑިސްޓެންސް ގިނަ ރެކޯޑްތަކެއް އަހަރުތަކަކަށް ފަހު މުގުރާލުމުގައި އޭނާގެ ތަމްރީނުތަކުގެ ދައުރު ބޮޑެވެ. މީގެ އިތުރުން އަބުޅޯ އަކީ ރާއްޖޭން 2010 ގެ ސާފް ގޭމްސްގައި ސްޕްރިންޓް ރިލޭ އިން ލޯ މެޑަލް ހޯދިއިރާއި، 2015 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ހަސަން ސާއިދު ރަން މެޑަލް ހޯދިއިރު، ކޯޗިން ޓީމުގެ މެމްބަރެކެވެ.
މީގެ އިތުރުން އަބުޅޯ އަކީ މި އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން އަދި އަންހެން އެއް ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އިސް ހިންގުންތެރިޔާގެ އިތުރުން ހެޑްކޯޗު ވެސް މެ އެވެ. ސްކޫލް ދައުރުގައި މޮޅަށް ފުޓްބޯޅަ ކުޅުނު އަބުޅޯ އަކީ ކުރީގެ ދުވުންތެރިއެއް ވެސް މެ އެވެ. އެގޮތުން މެލޭޝިއާގައި 1998 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ 400 މީޓަރު ދުވުމުގައި އޭނާ ރާއްޖެ ތަމްސީލްކުރި އެވެ.
އަބުޅޯ އަކީ ސްޕޯޓްސް މިނިސްޓްރީ އަށް އައްޔަންކުރާ 12 ވަނަ ނާއިބެވެ. އެހެން ނާއިބުންގެ ތެރޭގައި ކުރީގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަން، ކުރީގެ އެތުލީޓް މުހައްމަދު އާސިމް، އެފްއޭއެމްގެ ކުރީގެ މީޑިއާ އޮފިޝަލް އިބްރާހީމް ފާއިދު (ޑޯޑީ)، ކުރީގެ ދުވުންތެރިޔާ ޙުސައިން ރައުހަތު ގުދުރަތުﷲ، އަދި ޓީޓީ ކުޅުންތެރިޔާ މުހައްމަދު މުންތިފް އަހުމަދު ހިމެނެ އެވެ. ސްޕޯޓްސް މިނިސްޓަރަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެޑިކަލް ހެޑް އަބްދުﷲ ރާފިއު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެސުއާ
18 September 2025
މަރްހަބާ އަބްޅޯ. މީ އެސުއާ މުސްތޮގެ ބުރަ މަސައްކަތް. ނެގާއީ، ބޮޑު ތިލަ ގެ ނަމުގަވެސް މަރްހަބާ
ސަސި
18 September 2025
ހާދަ ގިނަ ބަޔަކު އަދިވެސް މަގާމު ނުދެވިފަ އެބަ ތިއްބޭ ދޯ
އުމަރުބ
18 September 2025
ހުސް އިސްރާފު ............. މި އޮތީވާ ސަރުކާރެއް
ފުހީ
18 September 2025
ބަލަ ތިބުނާ ޑެޕިއުޓީ މިނިސްޓަރުން މިހާރު އެބަތިބި 100 އިން މަތީގަ ............ރައްޔިތުންގެ ޓެކުސް ފައިސާ އިސްރާފުކުރަނީ .......