30 ސެޕްޓެމްބަރ 2025 - 11:31
ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) ކޮންސޯޓިއަމަކުން 55 ބިލިއަން ޑޮލަރުގެ އަގަކަށް ވީޑިއޯ ގޭމް އުފައްދާ ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) ގަންނަން އުޅޭކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
މިއީ ވީޑިއޯ ގޭމްގެ ތާރީހުގައި ވެސް އެންމެ އަގު ބޮޑު ޑީލަށް ވާނެ އެވެ.
ސައުދީގެ މި ކޮންސޯޓިއަމްގައި އެމެރިކާގެ އިންވެސްޓްމެންޓް ފާމުތައް ކަމަށްވާ ސިލްވަ ލޭކް އަދި އެފިނިޓީ ޕާޓްނާސް ހިމެނެ އެވެ. މަޔާމީ އަށް ނިސްބަތްވާ އެފިނިޓީ ޕާޓްނާސްގެ އެއް ފައުންޑަރަކީ ވައިޓް ހައުސްގެ ކުރީގެ އެޑްވައިޒަރު އަދި ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖަރެޑް ކުޝްނާ އެވެ.
"މިއީ [ކުންފުނީގެ މުވައްޒަފުންގެ] ފާހަގަކޮށްލެވޭ މަސައްކަތުގެ އަގު ވަޒަން ކުރެވޭ ވަގުތެއް،" އެ ކުންފުންޏަށް އިތުރު ފުރުސަތުތަކެއް ފަހިވާނެ ކަމަށް އިޝާރާތް ކުރަމުން އީއޭގެ ޗެއާމަން އަދި ސީއީއޯ އެންޑްރޫ ވިލްސަންގެ ބަޔާނުގައިވެ އެވެ.
މަގުބޫލު ފީފާ ފުޓްބޯޅަ ގޭމް، މިހާރުގެ އީއޭ އެފްސީ އާއި މެޑެން އެންއެފްއެލް އަދި ދަ ސިމްސް އާއި ބެޓްލްފީލްޑް ފަދަ ގޭމް އުފައްދާ އިލެކްޓްރޯނިކް އާޓްސް އަކީ ކޮންމެ އަހަރަކު ވެސް ރެކޯޑް ފައިދާ ހޯދަމުން އަންނަ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ރެވެނިއުގެ ގޮތުގައި ވެސް އެ ކުންފުނިން ވަނީ 7.5 ބިލިއަން ޑޮލަރު ހޯދައިފަ އެވެ.
އީއޭގެ ހިއްސާދާރުންނާއި ކަމާބެހޭ ފަރާތްތަކުގެ އެއްބަސްވުމާ އެކު، މި ކޮންސޯޓިއަމުން ރެކޯޑް ޑީލެއް ނިންމާލާނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އީއޭގައި ސައުދީ އަރަބިއްޔާގެ ޕީއައިއެފްގެ 9.9 ޕަސެންޓް ހިއްސާ މިހާރުވެސް އޮވެ އެވެ. އާ ޑީލްގައި މި އިންވެސްޓްމެންޓް ވެސް ގުނާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ޑީލަށް އިތުރަށް ފައިނޭންސް ކުރަނީ ކޮންސޯޓިއަމްގެ ބައިވެރިންގެ ފަރާތުން ގާތްގަނޑަކަށް 36 ބިލިއަން ޑޮލަރުގެ އިތުރުން، ޖޭޕީމޯގަން ޗޭސްއަށް އޮތް 20 ބިލިއަން ޑޮލަރުގެ ދަރަނީގެ ފައިސާ އެވެ.
ޑީލް ފައިނަލް ކުރުމަށް ފަހު، ނަސްޑެގް ސްޓޮކް މާކެޓުން އީއޭ ވަކިވާނެ އެވެ. ނަމަވެސް ހެޑްކުއާޓަރު ހުންނާނީ މިހާރެކޭ އެއްގޮތަށް ކެލިފޯނިއާގެ ރެޑްވުޑް ސިޓީގައި، ވިލްސަންގެ ލީޑާޝިޕްގެ ދަށުންނެވެ.
މިއީ ޕީއައުއެފް އިން ގޭމިން ދާއިރާ އަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ސައުދީ އަރަބިއްޔާއިން އަންނަނީ ހަމައެކަނި ތެލުން ލިބޭ އާމްދަނީ އަށް ބަރޯސާ ނުވެ، އިތުރު ކަންކަމަށް އެގައުމުގެ އިގުތިސާދު ފުޅާކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy