24 އޮކްޓޯބަރ 2025 - 13:16
ފްލޮރިޑާ (އޮކްޓޫބަރު 24) - އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ 2028 ގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިންޓަ މަޔާމީން އިއްޔެ ބުނި ގޮތުން އުމުރުން 38 އަހަރުގެ ފޯވާޑް އެ ކްލަބާ އެކު، އާ ކޮންޓްރެކްޓުގައި ސޮއިކުރީ ކްލަބްގެ އާ ސްޓޭޑިއަމް މަޔާމީ ފްރީޑަމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދާ ސައިޓުގަ އެވެ. އެ ކްލަބުން އަންނަނީ އަންނަ ސީޒަން ފެށެން ވާ އިރަށް އާ ސްޓޭޑިއަމް ބޭނުން ކުރަން ފަށަން ތައްޔާރުވަމުންނެވެ.
އިންޓަ މަޔާމީ އުފެދުނީއްސުރެ އެ ޓީމު ކުޅެމުން އަންނަނީ 21،550 ސަޕޯޓަރުންގެ ޖާގައިގެ ޗޭސް ސްޓޭޑިއަމްގަ އެވެ. މަޔާމީ ފްރީޑަމް ޕާކަކީ ގިނަ ވަސީލަތްތަކަކާ އެކު ހަދާ 25،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.
މެސީ މަޔާމީއާ ގުޅުނީ 2023 ގެ ސީޒަން ތެރޭގަ އެވެ. މިއާ އެކު، އެ ޓީމަށް އޭނާ ކުޅެދިން 82 މެޗުގައި ވަނީ 71 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި އެމްއެލްއެސްގައި ކުޅުނު 53 މެޗުން ޖެހި 50 ގޯލު ވެސް ހިމެނެ އެވެ. މި އަހަރުގެ ރެގިއުލާ ސީޒަންގައި މެސީ ވަނީ 28 މެޗުން 29 ގޯލު ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް އެމްއެސްއެލްގެ ރަން ބޫޓު ހޯދައިފަ އެވެ.
އިންޓަ މަޔާމީ ވަނީ މެސީއާ އެކު 2023 ގެ ލީގްސް ކަޕް އަދި 2025ގެ ސަޕޯޓާސް ޝީލްޑް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އެމްއެލްއެސް ކަޕް އަދި ކާމިޔާބެއް ނުވެ އެވެ. މި އަހަރު ލީގުގެ ރެގިއުލާ ސީޒަންގައި ތިންވަނައިގައި ނިންމުމުން ކަޕްގެ ޕްލޭއޮފަށް މަޔާމީ ވަނީ ހޮވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޮއްޅޭ
24 October 2025
ތި ހަލާކޮއްލީ ސައޫދީ އިންވެސްޓުމަންޓުގެ ހިތް. އެމީހުން ބިލިއަން ޑޮލަރުން އަގުކިޔާލީމަވެސް، މެސީ ކަހަރުވަކެކޭވެސް ހިތަކައް ނޭރި.
ކޮތަންބިރި
24 October 2025
ގުރޭޑް 5 ގެ ކުދިންގެ ފެންވަރު ޓީމްތަކާ އެކޮށް މީނާއަށް ކުޅެވޭކަމަށް ވަނީ.
ހަމްދާ
24 October 2025
2028 ވަނަ އަހަރާއި ހަމަޔަށް މެސީ ދުނިޔޭގަ ހުންނާނެކަން ޔަގީންކަން ކިހިނެއް އޮންނާނީ.