ރޮނާލްޑޯ އަށް ނަސްރާ އެކު މިހާތަނަށް ހޯދުނު ހަމައެކަނި ތައްޓަކީ އަރަބި ކްލަބް ޗެމްޕިއަންސް ކަޕް
29 އޮކްޓޯބަރ 2025 - 10:31
ރިޔާދު (އޮކްޓޫބަރު 29) - ސައުދީ އަރަބިއްޔާގެ އެސޯސިއޭޝަން ކަޕް ނުވަތަ ކިންގްސް ކަޕްގެ ގަދަ 16 ގައި އަލް އިއްތިހާދު 2-1 އިން އައް ނަސްރު ބަލިކޮށްފި އެވެ.
މެޗުގެ 15 ވަނަ މިނިޓުގައި އިއްތިހާދަށް ލީޑު ނަގައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. އޭގެ 15 މިނިޓު ފަހުން އެންޖެލޯ ގެބްރިއެލް އައް ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ހާފު ނިމުމުގެ ކުރިން މިޑްފީލްޑަރު ހުސާމް އަވާރު ވަނީ އިއްތިހާދަށް އަލުން ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އިއްތިހާދުގެ ޑިފެންޑަރަކަށް ރަތް ކާޑު ދެއްކުމުން އެ ޓީމު އެކަކު މަދުކޮށް ދެވަނަ ހާފުގެ ބޮޑު ބައި ކުޅުނު ނަމަވެސް ރޮނާލްޑޯ އާއި ޔާއޯ ފެލިކްސް އަދި ސަޑިއޯ މާނޭ ކުޅޭ ނަސްރަށް ލަނޑެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.
ނަސްރު ވަނީ މި ސީޒަންގައި އިއްތިހާދާ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ލީގުގައި އިއްތިހާދުގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރި އެވެ. އަދި ސައުދީ ސުޕަ ކަޕް ސެމީ ފައިނަލްގައި ވެސް ވަނީ އިއްތިހާދު ބަލިކޮށްފަ އެވެ. ނަމަވެސް ފައިނަލްގައި އަލް އަހްލީ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އައް ނަސްރަށް ބަދަލުވި ފަހުން، ވާދަވެރި އިއްތިހާދަށް ފާއިތުވީ ހަތަރު ސީޒަން ތެރޭ ކިންގްސް ކަޕްގެ ފައިނަލް ކުޅެވުނީ 2023/2024 ސީޒަނުގައި އެކަންޏެވެ. އެ ސީޒަންގެ ފައިނަލްގައި އެ ޓީމު އަލް ހިލާލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އެ ސީޒަންގައި ލީގުގައި އިއްތިހާދާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ނަސްރު ވަނީ ކާމިޔާބު ކޮށްފަ އެވެ.
ކިންގްސް ކަޕުން ކެޓުމުން ނަސްރާ އެކު ތައްޓެއް ހޯދަން ރޮނާލްޑީޯ ކުރާ މަސައްކަތަށް އަނެއްކާވެސް އެވަނީ އިތުރު ހުރަހެއް ކުރިމަތިވެފަ އެވެ. ނަސްރާ 2023 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ގުޅުނު ފަހުން ވަނީ ތައްޓާ ހަމައަށް ނުދެވި 13 މުބާރާތުން ކަޓައިފަ އެވެ.
ނަސްރަށް މިހާތަނަށް 120 މެޗު ކުޅެދީ 106 ގޯލު ޖަހައިދީފައިވާ ރޮނާލްޑޯ އަށް އެ ކްލަބާ އެކު ކާމިޔާބު ކުރި ހަމައެކަނި މުބާރާތަކީ، އަރަބި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަނުން 2023 ވަނަ އަހަރު ބޭއްވި އަރަބި ކްލަބް ޗެމްޕިއަންސް ކަޕެވެ.
ނަމަވެސް މިވަގުތަށް އައް ނަސްރަށް އޮތް ހިތްހަމަޖެހުމަކީ ސައުދީ ލީގު ތާވަލްގެ އެއްވަނައިގައި އޮތުމެވެ. އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. މިދިޔަ ސީޒަންގައި ލީގުގެ ތިންވަނައިގައި ނިންމި އައް ނަސްރު މި ސީޒަންގައި ސަރަހައްދީ ފެންވަރުގައި ކުޅެމުން އަންނަނީ އޭއެފްސީގެ ދެވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގަ އެވެ.
- ސައުދީ ލީގު: 2022/2023، 2023/2024، 2024/2025
- ކިންގްސް ކަޕް: 2022/2023، 2023/2024، 2024/2025، 2025/2026
- ސުޕަ ކަޕް: 2023، 2024، 2025، 2026
- އޭއެފްސީ ޗެމްޕިއަންސް ލީގު: 2023/2024، 2024/2025
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮފްސައިޑު
29 October 2025
އެއްވެސް ދިވެހި ކުލަބަކުން މީނަ ގެންނަން ނުއުޅޭއްޗޭ. ލީގު ފުލަށްދާނީ. ހުރިހާ ޕެނެލްޓީއެއްވެސް ޖަހަން ބޭނުންވާނީ މީނަ. ހުރިހާ ހިލޭޖެހުމެއްވެސް. ހުރިހާ ޕާހެއްވެސް ދޭންޖެހޭނީ މީނައަށް. އާގުބޯޓަކަށްވެސް ނޭރުވޭވަރަށްވުރެ މީހާގެ އީގޯ ބޮޑު
ޑަކު
29 October 2025
ރޮނާ ދެން އިސްލާމްވާންވީ.
ލެއްގިކޮމިޝަނަރ
29 October 2025
ސައުދީ އަރަބިއްޔާގެ ޖަމަލުލީގުން ކަމެއްނުކުރެވުނީމަ ރޮނަލްޑޯގެ ފެންވަރު އެގިއްޖު. އިންޑިވިޖުއަލް ކާމިޔާބުތަކެއް ހޯދޭނެ ދިވެހިލީގު ކުޅެގެންވެސް. މިފެންވަރުގެ ކުޅުންތެރިއަކު ލައިގެން 2026 ވަނަ އަހަރުގެ ވޯލްޑުކަޕަށް ޕޯޗުގަލް ހިގައްޖެނަމަ ދާނީ ފަނުފުލުން. ފޮނިކަމާ ބޮޑާކަމާ ޗަރުކޭސް ދައްކަން މިފެންވަރުގެ ކުޅުންތެރިއަކު އަދި ދުނިޔޭގަ ނުއުފެދޭކަން މަވެސް ގަބޫލުކުރަން.
ދަލޭކާ
29 October 2025
ޖަމަލުލީގުގާ ކުޅެގެންވެސް ފައިސާލިބެންޏާ މައްސަލައެއްނެތްތާ. އެއްޗަކީ ފައިސާ.