2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި އިންޑިއާ އިން އުފުލާލަނީ: އިނާމު ފައިސާ އެފްއޭއެމުން ނުދޭތީ މައްސަލަ އޮތީ ބޮޑުވެފައި. -- މިހާރު ފައިލް ފޮޓޯ
19 ނޮވެމްބަރ 2025 - 14:36
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ޓީމާއި، ރަނަރަޕް ޓީމަށް އެފްއޭއެމުން ދޭން އޮތް 75،000 ޑޮލަރު (1.16 މިލިއަން ރުފިޔާ) އެ އެސޯސިއޭޝަނުން ދައްކައި ހަލާސްކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށުގައި މިހާރު ޖަލުގައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަން އިންޑިއާ އަށް ދޭން ޖެހޭ 50،000 ޑޮލަރާއި، ރަނަރަޕް ނޭޕާލަށް ދޭން ޖެހޭ 25،000 ޑޮލަރު ނުދީގެން މިދިޔަ އަހަރު ވަރަށް މައްސަލަ ބޮޑުވި އެވެ.
މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރު ގައުމުތަކުން އެ މައްސަލަ ނަގައި، ޖަލްސާ ވަރަށް ބޮޑަށް ހޫނުކުރި އެވެ. އެ މައްސަލަ އޭރު އޮތީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު "މިހާރު" އަށް ވިދާޅުވީ، އެ އެސޯސިއޭޝަނުގެ ދަރަނިތައް ދެއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، އިނާމް ފައިސާ ދެއްކީ އެ މަސައްކަތުގެ ދަށުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ފައިސާ ނުދޭތީ އެފްއޭއެމްއާ ސާފްއާ އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.
"އަޅުގަނޑުމެން މި އަންނަނީ ގުޅުންތައް ރަނގަޅުކުރަމުން،" ޒަރީރު ވިދާޅުވި އެވެ.
ބައްސާމުގެ ދައުރުގައި އެފްއޭއެމް ދަރައި، ބަނގުރޫޓުވުމާ ހިސާބުގައި އޮއްވާ ސަލާމަތްކުރީ ފީފާ އިންނެވެ. އެގޮތުން ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއަކުން ހަވާލުވެ ފައިސާގެ މުއާމަލާތްތައް ބަލައި، އާ އަސާސީ ގަވާއިދެއް އެކަށައަޅައި، އިންތިހާބެއް ބޭއްވީ އެވެ. މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި އެގްޒެކެޓިވް ކޮމިޓީން އެފްއޭއެމްއާ ހަވާލުވީ އެ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.
ފީފާ އިން އަންނަނީ އެފްއޭއެމްގެ ދަރަނިތައް ދައްކަން އެހީތެރިވަމުންނެވެ. އަދި ފީފާގެ ލަފާގެ މަތިން އެފްއޭއެމުން އަންނަނީ ބައެއް ދަރަނިތައް ރީސްޓްރަކްޗާކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
19 November 2025
މިހަރަ ބޮޑެތި ކަންކަން ފަސްއަޅައި ފޮރުވަންވެގެން ދޯ ބައްސާމި ކުރިމަތިލާން އުޅުނީ. ގޭންގު ކުލަބުތަކަށް ރިޝްވަތު ދީގެން ލައްކަ ދުވަހު ގޮނޑީގައި ބަގުޑި ބައްދައިގެން އިނދެވިއްޖެނުން. ޖަލުހެދުން ލައްވާފަ ފޮޓޯނަގައި ނޫސްތަކަށް އަރުވަން ވީ. ޖަލުހެދުމުގައި ހުއްޓާ ފޮޓޯނަގާފާނެތީ އެ ނުލާން މިއުޅެނީ. ގައިދީން ތިބޭނީ ޖަލުހެދުމުގައި.
އިހްސާސް
19 November 2025
ދިވެހިންނަށްވެސް ހުތުރު. އަދިވެސް ޖަލުހެދުން ލާން ލަދުން އުޅޭ. މިހިރީ ދިވެހިރާއްޖޭގެ ނަން ހަޑިކޮށްލާފަހުރި ވަރު. އަދި މިއީ އެންމެ ކަމެއްނު. މީގެ ކިތަންމެ ކަމެއް ހުންނާނެތާ..
ސަލާމަތްކުރޭ
19 November 2025
ޓޮމް ތިތަނަށް ހޮވުނުކަން އެއީ ދިވެހިންގެ ނަސީބު. ބައްސާމު ނުވަތަ މުފާއައިނަމަ ވާނެގޮތް ވިސްނާލިޔަސް ދެރަވޭ.