16 ޑިސެމްބަރ 2025 - 08:42
ދަރަނިވެރި ވެގެން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް ނުގަންނަން، ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައިފި އެވެ.
އަށާވީސް އަހަރަށް ފަހު ސްކޮޓްލެންޑް ވޯލްޑް ކަޕްގައި ވާދަކުރަން ތައްޔާރު ވެފައި ވާއިރު، އެ ޓީމު ގުރޫޕް ސްޓޭޖުގައި ނުކުންނާނީ ހައިޓީ އާއި މޮރޮކޯ އަދި ބްރެޒިލްއާ ދެކޮޅަށެވެ.
ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް އަގު ހާހެއްހާ ޑޮލަރަށް އުފުލިފައި ވާއިރު، މިކަމާ ގުޅިގެން ފީފާއަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ. އަދި ސްކޮޓްލެންޑް ސަޕޯޓަރުންނަށް އެ ގައުމު ކުޅޭ މެޗުތަކަށް ހާއްސަ ކޮށްފައި ވަނީ ދަނޑުގެ ޖާގައިގެ އަށް ވަރަކަށް ޕަސެންޓެވެ. ނަމަވެސް މި އިންސައްތަ އަދި މަތި ކުރާނެ ކަމަށް ސްކޮޓްލެންޑްގެ އެފްއޭ އިން އުންމީދު ކުރެ އެވެ.
"ވަރަށް އަގު ބޮޑު ވާނެ. އެމެރިކާއަށް ދާން ވެސް އަގު ބޮޑު ވާނެ. ޓިކެޓް ވެސް ވަރަށް އަގު ބޮޑު ވާނެ. އެތަނަށް ދާން ހަރަދު ކުރެވޭ ނަމަ އެންމެ ރަނގަޅު، އެކަމަކު އެތަނަށް ދާން ތިމާ ދަރަނިވެރި ވެގެން މަސައްކަތް ނުކުރާތި،" ސްކޮޓްލެންޑްގެ ކޯޗު ކްލާކް ބުންޏެވެ.
ހައީޓީއާ ދެކޮޅަށް، ބޮސްޓޮންގައި ކުޅޭ މެޗުގެ ޓިކެޓްގެ އަގުތައް އުޅެނީ 134، 298 އަދި 372 ޕައުންޑުގަ އެވެ. އަދި ބޮސްޓޮންގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ޓިކެޓްގެ އަގުތައް ހުރީ 163، 320 އަދި 447 ޕައުންޑުގަ އެވެ.
ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްއާ ދެކޮޅަށް ސްކޮޓްލެންޑް ކުޅޭނީ މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގަ އެވެ. އެ ދަނޑުގެ 65،000 މީހުންގެ ޖާގައިގެ ތެރެއިން ސްކޮޓްލެންޑަށް ހާއްސަ ކުރެވިފައި ވަނީ 3،736 ޓިކެޓެވެ. އަދި އެ މެޗުގެ ޓިކެޓްހުރީ 198، 373 އަދި 523 ޕައުންޑަށެވެ.
"އަހަރެންގެ ރަހުމަތްތެރިއެއް މިހާރު ވަނީ އެމެއިކާއަށް ދާން ޓިކެޓް ބުކް ކޮށްފައި. އެކަމަކު އޭނާ މެޗުގެ ޓިކެޓަށް ބަރޯސާ ވެފައި ވަނީ އަހަރެންނަށް. އެކަމަކު އެއަށް އޭނާ ޖެހޭނީ ކެތް ކޮށްލައިގެން ހުންނަން. އެއީ މި ވަގުތު އަހަރެން އަތުގައި ދޭނެ ޓިކެޓެއް ނެތް،" ޓިކެޓްގެ އަގުތައް އަތް ފޯރާ ފަށުގައި ސަޕޯޓަރުންނަށް ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ބުނަމުން ކްލާކް ބުންޏެވެ.
ކްލާކް އަންނަނީ ސްކޮޓްލެންޑް ވޯލްޑް ކަޕަށް ފުރުމުގެ ކުރިން، އެމެރިކާގެ ހޫނަށް ޓީމު ހާނަން، ދެ ޓްރޭނިން ކޭމްޕެއް ވެސް ބާއްވަން މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ބުނީ ސްކޮޑަށް ނަގާ 26 ކުޅުންތެރިން ފައިނަލް ކުރާ އިރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އޭނާ ޖެހިލުން ނުވާ ކަމަށެވެ.
"އަހަރެން މަސައްކަތް ކުރާ ގޮތަކީ ސިއްރެއް ނޫން. އެންމެނަށް އެނގޭނެ އަހަރެން މަސައްކަތް ކުރާ ގޮތް. އަހަރެން ފުރުސަތު ދޭ ކުޅުންތެރިން ޖެހޭނެ ރަނގަޅަށް ކުޅެން ވެސް. އެ ކުޅުންތެރިން ދަނޑުމަތީގައި ފެންވަރު ސާބިތު ކޮށްދޭން ވާނެ،" ކްލާކް ބުންޏެވެ.
"ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އަހަރެން ޖެހިލުމެއް ނުވާނެ. އަދި ސްކޮޑުން ދެ ކުޅުންތެރިއަކު ބަދަލު ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނަން ޓީމަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ވާނަމަ. ކޮންމެ ކުޅުންތެރިއަކު ވެސް މޮޅަށް ކުޅެގެން އަހަރެންގެ ސަމާލުކަން ހޯދައި، ވޯލްޑް ކަޕްގެ ސްކޮޑުން ފުރުސަތު ހޯދަން ވަގުތާއި ފުރުސަތު އެބަ އޮތް."
ވޯލްޑް ކަޕްގެ ޓިކެޓްގެ އަގުތައް ފީފާ އިން ކަނޑައަޅާފައި ވަނީ ޑިމާންޑަށް ބެލުމަށް ފަހު އެވެ. ތިރީހަކަށް އަހަރު ފަހުން އެމެރިކާ އަމިއްލަ ފަސްގަނޑުގައި ވޯލްޑް ކަޕް ކުޅޭ އިރު، އެ ގައުމު ކުޅޭ ފުރަތަމަ މެޗުގެ ޓިކެޓްގެ އަގު ވަނީ 2،700 ޑޮލަރަށް ވުރެ މައްޗަށް އުފުލިފަ އެވެ. އެއީ ކެޓެގަރީ އެކެއްގެ ގެ ޓިކެޓެވެ. އެންމެ އަގު ހެޔޮ ޓިކެޓެއް ވެސް ހުރީ ކެޓެގަރީ 3 ގެ އެވެ. އެއީ 1،120 ޑޮލަރަށެވެ. ކެޓެގަރީ ހަތަރެއްގެ ޓިކެޓްތައް ވަނީ ވިކި ހުސްވެފަ އެވެ.
ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ޓިކެޓްގެ އެވްރެޖް އަގަކީ 305 ޑޮލަރެވެ. ނޮކައުޓް ފުރަތަމަ ބުރުގެ ޓިކެޓްގެ އެވްރެޖް އަގު 309 ޑޮލަރުގައި ހުރި އިރު، ގަދަ 16 ގެ އެވްރެޖް ޓިކެޓް އަގު އުޅެނީ 324 ޑޮލަރުގަ އެވެ. އަދި ކުއާޓާ ފައިނަލް މެޗުގެ އަގު އުޅެނީ އެވްރެޖް 468 ޑޮލަރުގަ އެވެ. ސެމީ ފައިނަލް މެޗަށް އެވްރެޖް ޓިކެޓް އަގު 913 ޑޮލަރަށް ހުރި އިރު، ތިންވަނަ ހޮވާ މެޗުގެ އަގު އުޅެނީ 609 ޑޮލަރުގަ އެވެ. އަދި ފައިނަލް މެޗުގެ ޓިކެޓްގެ އެވްރެޖް އަގަކީ 1،408 ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިތުނާ
16 December 2025
އިސްކޮޓްލޭންޑު މީހުން ދިވެހިންހާ ގަޅިވާނެކަމަކަށް މަށަކަށް ނުބެލެވޭ.
ޢަހަންމާ
16 December 2025
ޢެއީ ކީއްވެ ސުކޮޓްލެންޑްވީމަތަ؟ ގަޅީކީ މިފަދަ ކަންކަމުގައި ދިވެހީން އެކަންޏެއްނޫން އެންމެންވެސް ހަމަ ގަޅި ތިޔަމިންގަޑުން؟ ޢައިފޯން ނުކުންނަދުވަހު މުޅި ޔޫރަޕާ އެމެރިކާ މީހުން 3 ދުވަހު ކިޔޫގައި އެތިބެނީ ގަޅިވެގެން ނޫންތަ؟ ކޮންމެ ކަމެއްގައި ތިމާގައުމު ތިޔަވައްޓާލަނީ ހާދަ ދަށަކަށޭދޯ
މުލޭ
16 December 2025
އެބަޔަކު އިސްކުރާ ކަންކަމުގައި ކޮންމެ ބަޔަކު ވެސް ގަޅިވާނެ.