ަދަގަނޑޭ ނިއުގެ ޕްރެކްޓިހުގައި. -- ފޮޓޯ: އަބްދުﷲ ޔަޝައު
16 ޑިސެމްބަރ 2025 - 13:08
ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނަށް ފަހު ފިޓްވެ އިއްޔެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.
ދަގަނޑޭގެ ކަކުލުގެ މެނިސްކަސް އޮޕަރޭޝަންކުރީ މިދިޔަ އޮކްޓޫބަރު މަހު ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.
ދަގަނޑޭ އަށް މަރުހަބާ ކިޔައި ނިއު އިން ކުރި ޕޯސްޓުގައި ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދިގު، އުނދަގޫ މަރުހަލާއަކަށް ފަހު ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އައުމުގެ ފަހަތުގައި ވަނީ އޭނާގެ ބުރަ މަސައްކަތް ކަމަށެވެ.
"ދަނޑުމަތީގައި އޭނާއަކީ އަގުނުކުރެވޭނެ ފަދަ ކުޅުންތެރިޔަކަށް ވާނެ،"
މީގެ ހައެއްކަ އަހަރު ކުރީއްސުރެ އޭނާ ތަހައްމަލުކުރަމުން އަންނަ ކަކުލުގެ އަނިޔާ އަށް ފަރުވާ ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާގައި އޭސީއެލް އޮޕަރޭޝަނެއް ވެސް ކުރި އެވެ. އޭގެ ފަހުން ރިކަވާވެގެން ބައެއް ފުޓްސަލް މުބާރާތްތަކުގައި ވެސް ކުޅުނެވެ. އަދި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުއާ އެކު ސޮއިކޮށް ފުރަތަމަ ޑިވިޝަނުގައި ވެސް ކުޅެން ތައްޔާރުވި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ ދެ މެޗުގައި އޭނާ ބެންޗުން ވެސް ފެނުނެވެ. ނިއު އިން މަސައްކަތްކުރީ އިތުރު އޮޕަރޭޝަނެއް ނުކޮށް ނޮން-ސާޖިކަލީ ފިޓްވެ ކުޅެން ނެރެވޭތޯ އެވެ. އެކަމަކު އެކަން ކާމިޔާބުނުވުމުން މެނިސްކަސް އޮޕަރޭޝަންކުރީ އެވެ.
މިދިޔަ އަހަރުތަކުގައި ދަގަނޑޭ ގައުމީ ޓީމާއި ކްލަބް ލެވަލްގައި ބައެއް މެޗުތައް ކުޅުނީ އަނިޔާގެ ވޭނާ އެކު އެވެ. މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅުނީ ވެސް އަނިޔާގެ މައްސަލަތަކާ އެކު އެވެ. އޭނާގެ އަނިޔާ އިތުރަށް ގޯސްވީ، 2022 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ސީޒަން ހުޅުވި މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު، ކްލަބް ލެވެލްގެ އެއްވެސް މެޗެއް ނުކުޅެ އެވެ. ދަގަނޑޭ އެ އެ އަހަރު ދެން ކުޅުނީ ގައުމީ ޓީމަށް އެކަންޏެވެ. އޭގެ ފަހުން ފިޓްވޭތޯ، ދުވާ ކޯޗު ނަސްރުﷲ އަހުމަދާ އެކު ބައެއް ތަމްރީންތައް ވެސް ހެދި އެވެ.
އެ ފަހަރު އަލުން ފިޓްވެ، ދެން އޭނާ ކުޅުނީ 2023 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު އޭޕްރިލް މަހު ޕްރެޒިޑެންޓްސް ކަޕުގައި ކުޅެނިކޮށް އަނެއްކާ ވެސް ކަކުލަށް އަނިޔާވީ އެވެ. ވެލެންސިއާ އިން އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ދަގަނޑޭ، 40، މިހާރު ގުނަމުން އަންނަނީ އޭނާގެ ކެރިއަރުގެ ފަހު ދުވަސްތަކެކެވެ. އެކަމަކު އޭގެ ކުރިން މަތީ ފެންވަރުގައި އަދި ކުޅެން އޭނާ ބޭނުންވެ އެވެ.
ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދަގަނޑޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ރަންބޫޓު ރެކޯޑް އަދަދަކަށް ހޯދައިފަ އެވެ. އަދި ލަނޑު ޖެހުމުގައި ނިސްބަތުން އޭނާގެ ރެކޯޑް އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު ފޯވާޑުންނާ އެކު އެއް ލެވެލެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓެސްލާ
16 December 2025
ލީވް ފުޓްބޯލް ބިފޯ ފުޓްބޯލް ލީވްސްޔޫ
ކިޔާ
16 December 2025
މިހާރު ތީ ކުޅުންތެރިއަކަށްވުރެ ސިޔާސީ މީހެއް، ކުޅުންތެރިއެއްގެ ގޮތުގައި ކުރާނެ އެއްވެސް އުއްމީދެއް ނެތް.
ސަފޯޓަރ
16 December 2025
ފިޓްވެ ހުރި ނަމަ ދަނޑް މަތީގަ ކުޅެން ހުންނާނެ
ކްލައިމެކްސް
16 December 2025
ދަގަނޑޭގެ ފަރާތުން ދެން ބޭނުންވަނީ ރީތިކޮށް ޝަރަފުވެރިކަމާއެކު ދަގަނޑޭ ފަދަ ކުޅުންތެރިޔަކަށް ހައްގުވާ ހައިބަތުގައި ރިޓަޔަރ ކުރާތަން ބަލާލުން. އަހަރެމެން ހިތް އުފާވާވަރު ދަގަނޑޭގެ ރަން ޒަމާނުގައި ކޮށްދީފި. ދެން އެ އެކްސްޕެކްޓޭޝަންއެއް ނުގެންގުޅެން.
ރަދީފު ބިން ރަފައިދާ
16 December 2025
ދަގޭގެ ފަހުތަޅައިލުންގަނޑު ބަލާލަން ވަރަށް ބޭނުން.