ކުޅިވަރު / ޕީއެސްޖީ

އެމްބާޕޭ އަށް 60 މިލިއަން ދޭން ޕީއެސްޖީގެ މައްޗަށް ހުކުމްކޮށްފި

17 ޑިސެމްބަރ 2025 - 09:01

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރު މުސާރަ އާއި ބޯނަސްތަކާ އެކު އޭނާ އަށް ނުދީ ހުރި 60 މިލިއަން ޔޫރޯ (70.6 މިލިއަން ޑޮލަރު) ދޭން ޕެރިސްގެ ލޭބާ ކޯޓުން ޕީއެސްޖީގެ މައްޗަށް ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރު ހިލޭ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލު ވުމުގެ ކުރިން، އޭޕްރީލް، މެއި އަދި ޖޫން މަހުގެ މުސާރަ ނުދީ ހުރުމުގެ ސަބަބުން އެމްބާޕޭ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި މިއާ ގުޅިގެން ޕީއެސްޖީގެ އެކައުންޓްތަކުން މެއި މަހު ވަނީ 55 މިލިއަން ޔޫރޯ ފްރީޒް ކޮށްފަ އެވެ.

"މައްސަލަ ނިމުނު ގޮތާ މެދު ހިތްހަމަ ޖެހޭ. މުސާރަ ނުދޭ ނަމަ މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަން އެނގެން ވާނެ،" އެމްބާޕޭގެ ވަކީލު ފްރެޑެރީކް ކަސެރޯ ބުންޏެވެ.

"އެއްބަސްވުންތަކަށް އިހުތިރާމް ކުރަން ޖެހޭ ކަން މި ނިންމުމުން ދޭހަ ވޭ. އަދި މިއީ ހަގީގަތް، ޕްރޮފެޝަނަލް ފުޓްބޯޅަ އިންޑަސްޓްރީގަ ވެސް ލޭބަރުންގެ ގާނޫނު އެންމެންގެ މައްޗަށް ހިނގާނެ. އެމްބާޕޭ އަކީ އޭނާ [ޕީއެސްޖީގައި ހޭދަ ކުރި] ހަތް އަހަރު އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ކުޅިވަރުގެ އަހުލާގާ އެއްގޮތަށް އަމަލުތައް ބެހެއްޓި ފަރާތެއް."

ޕީއެސްޖީން ވަނީ އެމްބާޕޭ އަށް ތިން މަހުގެ މުސާރައިގެ އިތުރުން އެތިކްސް ބޯނަސް އަކާއި ސައިނިން ބޯނަސްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގިނަ އަދަދެއްގެ ފައިސާ ނުދީ ހިފަހައްޓައިފަ އެވެ.

ޕީއެސްޖީން މިއީ އޭނާގެ ކޮންޓްރެކްޓުގައި، ޝަރުތުތަކަކާ އެކު ކަނޑައެޅިފައިވާ ފައިސާގެ ބައެއް ކަމަށް ބުނި ނަމަވެސް، މިއީ އެމްބާޕޭގެ ކޮންތްރެކްޓުގައި ސާފުކޮށް ބަޔާން ކޮށްފައި އޮތް، އޭނާ އަށް ލިބެން ޖެހޭ ފައިސާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

މިހާ ހިސާބުން ވެސް މައްސަލަ އެއްކޮށް ނުނިމެ އެވެ. މަޖުބޫރުން ކޮންޓްރެކްޓް އާކުރުވަން ޕީއެސްޖީން މަސައްކަތްކޮށް، އޭނާ އެކަމަށް ދެކޮޅު ހެދުމުން އަދަބެއްގެ ގޮތުން ކްލަބްގެ ޕްރީ ސީޒަން ޓުއާ އިންނާއި ލީގު ފުރަތަމަ މެޗަށް ސްކޮޑުން ބޭރުކުރުމުން، އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަރާތުން 263 މިލިއަން ޔޫރޯ ހޯދަން ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކޯޓުން އަދި ނިންމާފައި ވަނީ އޭނާގެ މުސާރަ އާއި ބޯނަސްތައް ކޮންޓްރެކްޓާ އެއްގޮތަށް ދައްކާށެވެ.

ޕީއެސްޖީން ހާމަކުރި ގޮތުގައި އެމްބާޕޭ ވަނީ އަހަރެއް ވަންދެން އެ ކްލަބާ އެކު ކޮންޓްރެކްޓް އާކުރަން ދެކޮޅު ހަދައި، 180 މިލިއަނެއްހާ ޔޫރޯ (212 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއެއް ހޭދަކުރުމުން ހުއްޓުވައިފަ އެވެ. އެއީ 2017 ވަނަ އަހަރު އެމްބާޕޭ ގަންނަން ޕީއެސްޖީން މޮނާކޯ އަށް ހަރަދު ކުރި ޓްރާންސްފާ ފީއާ އެއްވަރުގެ އަދަދެކެވެ.

ޕީއެސްޖީ އަންނަނީ މައްސަލަ އެޕީލް ކުރަން ތައްޔާރުވަމުންނެވެ. ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް 300 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ޕީއެސްޖީ އަށް ފުރުސަތު ލިބި، ނަމަވެސް އޭނާ އެކަމާ ދެކޮޅު ހަދައި ހިލޭ ޓްރާންސްފާގައި ކްލަބް ބަދަލު ކުރުމާ ގުޅިގެން އެއީ ކްލަބަށށް ލިބުނު ގެއްލުމެއްގެ ގޮތުގައި ބަލައި، އޭގެ ބަދަލު ހޯދަން ބޭނުންވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454