ކުޅިވަރު / މެލޭޝިއާ ފުޓްބޯޅަ

މެލޭޝިއާ އިން މަކަރު ހެދުމުން ފީފާ އިން އަދަބުދީފި

17 ޑިސެމްބަރ 2025 - 19:13

1 comments

މެލޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމު މި އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ ތިން މެޗުން ވެސް 3-0 އިން ބަލިވީ ކަމަށް ފީފާ އިން ނިންމައިފި އެވެ.

މެއި މަހު ކަބޯ ވާޑޭ އާ ދެކޮޅަށް ކުޅުނު މެޗާއި ސެޕްޓެމްބަރު މަހު ސިންގަޕޫރާއި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުން ވެސް މެލޭޝިއާ ބަލިވީ ކަމަށް ފީފާ އިން ނިންމީ، ގައުމީ ޓީމަށް ކުޅެން ޝަރުތު ހަމަ ނުވާ ކުޅުންތެރިން އެ މެޗުގައި ކުޅުވުމާ ގުޅިގެންނެވެ.

ކަބޯ ވާޑޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ސިންގަޕޫރާ ވާދަކޮށް 2-1 އިން ކާމިޔާބު ކުރި އެވެެ. އަދި ފަލަސްތީނާ ވާދަކުރި މެޗު ނިމުނީ 1-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުތަކުގައި، ނަސްލު އޮޅުވާލައިގެން ފީފާ އަށް ދޮގު ލިޔެކިޔުން ހުށަހަޅައިގެން ކުޅުންތެރިންތަކެއް ކުޅުވައިފަ އެވެ.

މިއާ ގުޅިގެން މިއިން ކޮންމެ މެޗަކުން މެލޭޝިއާ ބަލިވީ ކަމަށް ނިންމައި، 10،000 ސްވިސް ފްރޭންކް އިން މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

ދޮގު މައުލޫމާތު ހުށަހަޅައިގެން މެލޭޝިއާ ގައުމީ ޓީމަށް ކުޅެގެން ފީފާގެ އަދަބު ލިބުނު ހަތް ކުޅުންތެރިން.--

މެލޭޝިއާ އިން ވަނީ ލިޔެކިޔުންތައް ފޯޖް ކޮށްގެން ހަތް ކުޅުންތެރިއެއް ގައުމީ ޓީމަށް ކުޅުވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޕެއިންގެ ޑިފެންޑަރު ޖޮން އިރާޒަބާލް އާއި ގެބްރިއެލް ޕަލްމޭރޯ އާއި އާޖެންޓީނާގެ ޑިފެންޑަރު ފަކުންޑޯ ގާކޭސް އާއި ފޯވާޑް ރޮޑްރިގޯ ހޮލްގާޑޯ އާއި އިމަނޯލް މަޗޫކާގެ އިތުރުން ބްރެޒިލްގެ ފޯވާޑެއް ކަމަށްވާ ޖާއޯ ފިގުރޭޑޯ އަދި ނެދަލެންޑްސްގެ މިޑްފީލްޑަރެއް ކަމަށްވާ ހެކްޓާ ހެވޭލް އެވެ.

މި ހަތް ކުޅުންތެރިން ވެސް މެލޭޝިއާގެ ރަށްވެހިކަން ހޯދާފައި ވާއިރު، ފީފާ އަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައި ވަނީ އެ ކުޅުންތެރިންގެ މާމަ ނުވަތަ ކާފަ އުފަންވެފައި ވަނީ މެލޭޝިއާ އަށް ކަމުގަ އެވެ. ނަމަވެސް އެއީ ދޮގު މައުލޫމާތުތަކެއް ކަން ފީފާ އަށް ވަނީ އެނގިފަ އެވެ.

މި ކުޅުންތެރިންގެ ތެރޭން ޕަލްމޭރޯ އަކީ މި އަހަރު ސްޕެއިންގެ ލަސް ޕާމާސް އިން ދޫކޮށްލި ކުޅުންތެރިއެކެވެ. އަދި ގާކޭސް ކުޅެމުން އަންނަނީ ލަ ލީގާގެ ޑިޕޯޓިވޯ އަލަވޭސް އަށެވެ. ފިގުރޭޑޯ މި އަހަރު މެލޭޝިއާ ލީގަށް ބަދަލުވީ ތުރުކީގެ އިސްތަންބޫލް ބަސަކްސެހީރަށް ތިން ސީޒަނުން 102 މެޗު ކުޅެދީފަ އެވެ.

ލަ ލީގާ ގައި ކުޅެމުން އަންނަ ފަކުންޑޯ ގާކޭސް.--

މި އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި، މާޗު މަހު ނޭޕާލާ ދެކޮޅަށް އަދި ޖޫން މަހު ވިއެޓްނާމާ ދެކޮޅަށް ވެސް މި ކުޅުންތެރިން ވަނީ ކުޅެފަ އެވެ.

މެލޭޝިއާގެ ފުޓްބޯލަ އެސޯސިއޭޝަނުން ދިފާއުގައި މިއީ ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށް ބުނުމުން، ފީފާ އިން ވަނީ މިދިޔަ މަހު އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސަސްޕެންޑް ކުރުމަށް ފަހު، އެ ބުނާ ޓެކްނިކަލް މައްސަލަ ތަހުގީގު ކުރަން މިނިވަން ކޮމިޓީ އެއް އުފައްދައިފަ އެވެ.

މިއާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ފީފާ އިން ވަނީ މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަން 350،000 ސްވިސް ފްރެންކް (439،275 ޑޮލަރު) އިން ޖޫރިމަނާ ކޮށް، ކޮންމެ ކުޅުންތެރިއަކު 2000 ސްވިސް ފްރޭންކުން ޖޫރިމަނާ ކޮށްފަ އެވެ. އަދި މި ކުޅުންތެރިން ވަނީ އެއް އަހަރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ވެސް ސަސްޕެންޑް ކޮށްފަ އެވެ.

މިއާ ގުޅިގެން ބައެއް ކުޅުންތެރިން ކުޅެމުން އަންނަ ކްލަބްތަކުން ކުޅުންތެރިންގެ ކޮންޓްރެކްޓް އުވާލާފައި ވާއިރު، ޑިޕޯޓިވޯ އަލަވޭސް އޮތީ ގާކޭސް މި ސަސްޕެންޝަނުން ސަލާމަތްވެގެން އަލުން ކުޅެން ނުކުންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަނބުއަޖުދީ

18 December 2025

ޕޯރޗުގީޒުންގެ އިސްތިރުމާރު ދަށުގަ ރާއްޖެ އޮތް އިރު، ޕޯރޗުގީސުންއާއި ހަނގުރާމަ ކުރަން ދިޔަ ދިވެހި އޮޑިއެއްގެ ފަޅުވެރިޔެއް ރޮނާލްޑޯގެ ކާފަ އަކީ. އެހެންމެ އެ އޮޑީގެ އިންގިރޭސި ޓީޗަރެއް ގޮތުގަ މަސަކަތް ކުރި މީހެއް ރޮނާލްޑޯ މާމަ އަކީ. ރޮނާލްޑޯއަށް ދިވެހި ގައުމީޓީމަށް ކުޅެވޭނެ،.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454